ހިތުގައި ތިނަން ވާތީ... 18

"މިއަދުވެސް ކަންތައް ވަމުން މިދަނީ ކުރިންވެސް ވީހެން ހަމަ އަހަރެން ބޭނުންވި ގޮތަށް... ރައިޓް ޕާރސަން... ބަޓް ރޯންގް ރީޒަން..." އެމީހާ ހީގަތެވެ.

*********

ކެފޭގެ ދޮރު ހުޅުވައިލަން އަތްގަނޑުގައި ހިފައިލި އިވްލީން ސިހުނީ، އާކިލްގެ އަތާއިއެކު ތަޅުގައި ހިފައިލެވުމުންނެވެ. ބޭރުން ދިއްލާފައިވާ ބޮކީގެ ފަނޑު އަލި ކެފޭގެ ތެރެއަށް އެޅިފައިވީއިރު، އެ އަލީގައި އިވްލީނަށް އާކިލްގެ މޫނު ފެންނަނީ މަސްތީ ގޮތަކަށެވެ. އެހާ ކައިރިން ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން، އިވްލީންގެ ނޭވާ އަވަސްވިއެވެ. އިވްލީން އަވަސް އަވަހަށް އަތް ދަމައިގަންނަން އުޅުނެވެ. އާކިލް އެފުރުސަތު ނުދީ އިވްލީންގެ އަތުގައި ހިފައިލިއެވެ.

"ކިހިނެއްވީ؟..." އާކިލް މަޑުމަޑުން ސުވާލުކުރިއެވެ.

ލަދުންގޮސް އިވްލީންގެ މުޅި މޫނު ރަތްވިއެވެ. އާކިލްގެ އެންމެ ބީހިލުމަކުން، އޭނާގެ ގައިގައިވި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. އިވްލީންގެ މޫނަށް ބަލަން ހުރި އާކިލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާ ދެކެން ބޭނުންވި ހުރިހާ އަސަރެއް އިވްލީންގެ މޫނުން ފެނުނެވެ. އާކިލް މަޑުމަޑުން އިވްލީންގެ އަތަށް ފިތައިލިއެވެ. އެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލުމަށްފަހު، ކެފޭގެ ދޮރު ހުޅުވައިލިއެވެ. ޖެހެމުންދިޔަ ތެތް، ފިނި ރޯޅިތަކުން، އިވްލީންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ.

"ދެން ކޮންމެ ދުވަހަކު ކެފޭއަށް އަންނަންވާނީވެސް، ދާންވާނީވެސް އަހަންނާ އެކީ..." ދޮރު ތަޅުލަމުން އާކިލް ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ އެއް އަތުން އިވްލީންގެ އަތުގައި ހިފައިގެންނެވެ.

އިވްލީން މަޑުމަޑުން ބޯ ޖަހައިލުމުން، އާކިލްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ.

"ވާރޭ ވެހެން ކަންނޭނގެ އެ އުޅެނީ... ވަރަށް ވިދާ އެބަ.." ދެފަހަރަކު ވިދައިލި މަންޒަރު ފެނުމުން އިވްލީން ބުނެލިއެވެ.

ސައިކަލާއި ހަމައަށް ގޮސްފައިވެސް އިވްލީންގެ އަތުން ދޫކޮށްލާކަށް އާކިލް ބޭނުމެއް ނުވިއެވެ. އާކިލް ހަދާނެގޮތެއް ނޭނގިފައި ހުއްޓައި، ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ.

"މިއަތުން ދޫކޮށްލާކަށް ބޭނުމެއް ނުވޭ..." އާކިލް ބުނެލިއެވެ. "އެކަމަކު، މޫސުންވެސް އެ މަސައްކަތް ކުރަނީ އަހަރެމެންނަށް އެފުރުސަތު ނުދޭން..."

އިވްލީން ސައިކަލަށް އެރުމުން، އާކިލް ކުއްލިއަކަށް ސައިކަލު ދުއްވައިލިއެވެ. އިވްލީން ސިއްސައިގެން ގޮސްފައި، އާކިލް ލައިގެން އިން ގަމީހުގައި ބާރަށް ހިފަހައްޓައިލިއެވެ.

"ބާރަށް ހިފާއްޓައްޗޭ!..." އާކިލް ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރޭއިން ސަލާމަތްވުމަށް އިވްލީން އާކިލްގެ ބުރަކަށީގައި މޫނު ޖައްސައިލިއެވެ. ވެފައިވާ ވަރުބަލިކަމާއިއެކު އިވްލީން ބޭނުންވީ އެގޮތަށް އޮވެ، ނިދައިލާށެވެ. އާކިލްގެ ގައިން ދުވަމުންދިޔަ ލުއި ސެންޓްގެ މީރުވަހުން، އިވްލީންގެ ސިކުނޑި ތާޒާވިއެވެ.

އާކިލް ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. އެހާ އަވަހަށް އިވްލީންގެ ގެއާއި ހަމައަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ވީހާވެސް ދުރު މަގުތަކުން ގޮސް އިވްލީންގެ ގެއާއި ހަމައަށް މަޑުކުރިއިރު، އާކިލް އިނީ ރަނގަޅަށްވެސް ތެމި ފޯވެފައެވެ. ވަރުބަލި ގޮތަކަށް އިވްލީން ސައިކަލުން ފޭބިއެވެ.

"އެއްކޮށް ތެމިފައެއްނު ތީނީ..." އިވްލީންގެ މޫނުން ފެނުނީ ހާސްކަމެވެ.

"ވަރަށް ހޫނު އެއްޗެއް ކާން ބޭނުން... އެއްވެސް ރެސްޓޯރެންޓެއް ހުޅުވާފަ ހުންނާނެތަ މިގަޑީ؟.." އާކިލް އޭނާގެ ބަނޑުގައި އަތް ހާކައިލިއެވެ.

"ހިނގާ އެތެރެއަށް..." އިރުކޮޅަކު ވިސްނައިލަން ހުރެފައި އިވްލީން ބުނެލިއެވެ. "ވާރޭ ހައްތަހާ ބޯކުރަނީ އެ.... މިގަޑީ އެއްވެސް ރެސްޓޯރެންޓެއް ހުޅުވާފައެއް ނުހުންނާނެ..."

އާކިލް ހުރީ އެފަދަ ފުރުސަތަކަށް އެދިއެދިއެވެ. އިވްލީންގެ ޖުމުލަ ނުނިމެނީސް، ސައިކަލު ޕާކުކޮށްފައި ފޭބިއެވެ. އިވްލީންގެ ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އާކިލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ގޭތެރެއިން އޭނާއަށް އިހުސާސްވީ، ފަޅު ކަމެވެ. ކުޑަކުޑަ އެ ގޭގައި ގިނަ ފަރުނީޗަރެއް ނެތެވެ. އާދައިގެ ގޮތަކަށް ހަދާފައި ހުއްޓަސް، ސާފުތާހިރުވެފައި ތަރުތީބެވެ. ގޭގެ ފަހަރަކު ތަނެއް ބަލަމުންދިޔަ އާކިލްގެ ލޮލުގައި އަޅައިގަތީ، އޭނާ އިވްލީނަށް ދިން ޖޯޑެވެ.

"އެބަ އަންނަން ތުވާއްޔެއް ހިފައިގެން..." އިވްލީން ވަނީ އޭނާގެ ކޮޓަރިއަށެވެ.

އިވްލީން ތުވާލި ހިފައިގެން ނުކުތް ވަގުތު، ކޮޓަރިތެރެއިން މަހުމޫދު ކެއްސައިލި އަޑު އިވުނެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އާކިލްގެ ނަޒަރު އެދިމާއަށް ހުއްޓުނުއިރު، ތުވާލި އާކިލްގެ އަތަށް ދީފައި، އިވްލީން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، އެ ކޮޓަރިއަށް ވަދެއްޖެއެވެ. އާކިލް ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް، ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ.

"މާބޮޑަށް ފިނިވަނީތަ ބައްޕާ؟..." މަހުމޫދުގެ ގައިމަތީގައި ރަޖާގަނޑު އަޅައިދެމުން އިވްލީން ސުވާލުކުރިއެވެ.

"ފަންކާ ނިވާލަބަލަ ދަރިފުޅާ..." މަހުމޫދު އެދުނެވެ.

"މިއުޅެނީ ނޫޑްސްލްސް ކައްކަން... ބައްޕައަށް އެންމެ މީރުގޮތަށް.. ކާނަންތަ؟..." ފަންކާ ނިވާލާފައި އެނބުރި އައިސް، އިވްލީން ވަރަށް ލޯބިން އަހައިލިއެވެ.

"ދަރިފުޅާ!... ކޮން ކުއްޖެއް އެއީ؟.." އާކިލް ފެނުމުން، މަހުމޫދަށް އަހައިލެވުނެވެ.

ދޮރުމަތީގައި ހުރި އާކިލް ފެނުމުން، އިވްލީން އަވަސް އަވަހަށް ލޮލުގެ އިޝާރާތުން އެތަނުން ދިޔުމަށް އެންގިއެވެ. އާކިލް އެތެރެއަށް ވަނެވެ. އިވްލީން ދެކޮޅު ހަދަހަދާ ހުއްޓައި، މަހުމޫދުގެ ކައިރީގައި ހުއްޓިލިއެވެ.

"އޯކިޑްވިލާގޭ ކުއްޖެއް..." އާކިލް އަމިއްލަ ތައާރަފެއް ދިނެވެ.

"އާކިލްތަ؟.." މަހުމޫދުގެ ދެލޯ ވިދައިލިއެވެ.

"ލައްބަ..." މަހުމޫދަށް އެނގުމުން، އާކިލްގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

"ހާދަ ދުވަހެއް ފަހުން ތި އައީ؟..." ޝަކުވާގެ ރާގަކަށް މަހުމޫދު އަހައިލިއެވެ.

"ވާރޭ ބޯކޮށްލީމަ، ތުނިކޮށްލަންދެން މި ވެއްދީ..." އިވްލީން އިތުރު ތަފްސީލް ދިނެވެ.

"ދަރިފުޅު ދެން ދޭ ނޫޑްލްސްކޮޅު ކައްކާލަން..." މަހުމޫދު ބޭނުންވީ އިވްލީން އެތަނުން ފޮނުވައިލާށެވެ.

ނޫޑްލްސް ކައްކާފައި އިވްލީން އައިއިރު، މަހުމޫދާއި އާކިލް ތިބީ އޮލަ ވާހަކައެއްގައެވެ. އިވްލީން ފެނުމުން، ދެމީހުން ވާހަކަ ހުއްޓައިލިއެވެ.

"ބައްޕަ ކާނީ ކުޑަކޮށް ހިހޫވެލީމަ... ހޫނުކޮށް ހުއްޓާ، ދެކުދިން ގޮސް ކާލާ..." މަހުމޫދު އެދުނެވެ.

"ބައްޕަ ކީކޭ ބުނީ؟.." ކާން އިށީންގޮތަށް އިވްލީން އަހައިލިއެވެ.

"އެއީ ސީކްރެޓެއް.." އާކިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"ހައް..." އިވްލީން ތުން ފިއްތައިލިއެވެ.

"އަހަރެމެން ދެމީހުންގެވެސް ސީކްރެޓްސް ހުރެދާނެދޯ..." އާކިލް އެއްލޯ މަރައިލިއެވެ.

*********

އައު ދުވަހަކަށް އިރު އަރަން ތައްޔާރުވިއިރު، މިރާހު ހުރީ ކެފޭގެ ބޭރުގައެވެ. ކެފޭގެ ތަންތަން ފޮހެން އިވްލީން އަވަދިނެތި އުޅެމުންދިޔައިރު، އާކިލް ހުރީ މޭޒުތައް ތައްޔާރުކުރާށެވެ. އެތެރެއަށް ވަންނާނެ ހިތްވަރު ނުލިބިފައި މިރާހު އެތައް އިރަކު ބޭރުގައި ހުއްޓެވެ. އިވްލީނާއި ކުރިމަތިލާނެ ހިތްވަރެއް މިރާހުގެ ގަޔަކު ނެތެވެ. އެކަމަކު، ދުރަށް ގޮސްގެންވެސް މިރާހުގެ ބޮލުގައި އެޅިފައިވާ ތުހުމަތުން ސަލާމަތް ވެވޭކަށް ނެތެވެ.

ޖޯޑުތައް ނަގަން އުޅުނު އިވްލީންގެ އަތް އާކިލްގެ އަތުގައި ބީހިލިއެވެ. އިވްލީން އަވަސް އަވަހަށް އަތް ދަމައިގަތެވެ. އެވަގުތު މުޅި ރަށުން ކަރަންޓް ދިޔައެވެ. ފަތިހުގެ ހިތްގައިމު ވަގުތު ކަމުން، ތަނަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެކެވެ. އެ އަލީގައި އާކިލްގެ ފިރިހެންވަންތަ ސޫރަ ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ.

"ޝިޓް..." އާކިލްއަށް މަޖާވިއެވެ.

"ޕާފެކްޓް ޓައިމިންގް..." އިވްލީން ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"ސްކޫލް ދުވަސްވަރު ހަނދާންވޭތަ؟..." އާކިލްގެ ހަނދާނަށް އައީ މާޒީއެވެ. "އެކްސްޓްރާ ކްލާސް ގަޑީ އަބަދު ކަރަންޓްދާނެ... ހާދަ މަޖަލޭ..."

"އޭރު އާކް އަބަދުވެސް ބްލޭމް ކުރާނީ ފަންކާތައް..." މާޒީ ހަނދާންވުމުން އިވްލީނަށްވެސް މަޖާވިއެވެ.

"ކަރަންޓްދާ ގަޑީ އުޅޭނެ ކުޑަ ވަގެއް... އެގަޑީ އީވް އަހަރެންގެ ނޯޓުތައް ވަގަށް ނަގަމެއްނު..." އިވްލީނާއި ދިމާކޮށްލުމުގެ ގޮތުން އާކިލް ބުނެލިއެވެ.

"ވަޓް؟... ކިހިނެއް އެނގުނީ؟..." އިވްލީނަށް ލިބުނީ ހައިރާން ކަމެކެވެ.

"ނޭނގޭތީކީ ނޫނޭ މަޑުން ހުރީ... ގަސްދުގައޭ..." އާކިލް ސަމާސާކޮށްލަމުން އިވްލީންގެ މޫނު ފެނޭތޯ ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.

ކަރަންޓް އައީ އެވަގުތުއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މާޒީގެ އެތައް ހާދިސާތަކެއް ދެމީހުންގެ ހަނދާނަށް އައެވެ. އުފާވެރިކަމާއި ހިތްދަތިކަމެވެ. އެ ހުރިހާ ކަމަކާއި އެކުގައިވެސް، ދެމީހުންނަށް އެ މާޒީ ހާއްސައެވެ. އެކުގައި އުޅުނު ދުވަސްތައް ހިތުން ފިލުވައިލަން ދައްޗެވެ.

"މިދަނީ ބޭރު ރެޑީކޮށްލަން..." ހަމަޖެހިލަން މަސައްކަތް ކުރަމުން، އާކިލް ދޫކޮށްލީ ފުން ނޭވާއެކެވެ.

މާޒީގައި އިވްލީނާއިމެދު ކަންތައް ކުރެވުނުގޮތް ހަނދާންވާ ކޮންމެ ފަހަރަކު އާކިލްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ. އިވްލީނާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެއެވެ. ދެމީހުންގެ އުފާވެރި ގުޅުން އެގޮތުގައި ދެމިއޮތްނަމަ، މިއަދު ދެމީހުންވެސް ތިބޭނީ އުފަލުންނެވެ. ދިރިއުޅުން އައު ހަރުފަތަކަށް ގެންދެވުނީހެވެ. އެހެނަސް، ތަގުދީރު އެވަނީ ދެމީހުންގެ ދިރިއުޅުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާފައެވެ.

އާކިލް ނުކުތުމުން، މިރާހު މަޑުމަޑުން ދޮރު ހުޅުވައިލާފައި އެތެރެއަށް ވަނެވެ. އަތްކުރު ޓީޝާޓެއް ލައިގެން ހުރިއިރު، ކުރީ ދުވަހުވެސް އެ އަތުގައި ހުރި ޒަހަމުތައް ފެންނަން ހުއްޓެވެ. އިވްލީން ހުރީ، ކައުންޓަރުގެ ކައިރީގައި ތަށިތައް އަތުރާށެވެ. ދޮރު ހުޅުވުނު އަޑަށް އޭނާ ހިނިތުންވެފައި ބަލައިލީ، އެތެރެއަށް ވަނީ އާކިލް ކަމަށް ހީކޮށެވެ. މިރާހު ފެނުމުން، އިވްލީންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. މިރާހަށް އެކަން ފާހަގަވުމުން، ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވުމަށް އޭނާ އުނދަގޫ ގޮތަކަށް އިސްޖަހައިލިއެވެ.

"ކައުންޓަރ ރެޑީކޮށްލަދެންތަ؟..." މަޑުމައިތިރި ރާގަކަށް މިރާހު އަހައިލިއެވެ.

"އޯކޭ... ތޭންކްސް..." ކައުންޓަރުގެ ކައިރިން ދުރަށްޖެހިލަމުން އިވްލީން ބުނެލިއެވެ.

މިރާހަށް އިތުބާރުކުރަން އިވްލީން ބޭނުންވެއެވެ. އެކުވެރިކަން ދަމަހައްޓަން ހިތް އެދުނެވެ. އެކަމަކު، ވެދިޔަ ހުރިހާ ކަމަކާއިއެކު، މިރާހު ހިމޭނުން ހުރުން އެއީ ހިތި ހަގީގަތް ގަބޫލުކުރަން އިވްލީނަށް މަޖުބޫރު ކުރުވި ސަބަބެވެ. މިރާހަށް ބަލައިލާ ކޮންމެ ފަހަރަކު އިވްލީނަށް ސިފަވަނީ އާކިލް އިން ހާލެވެ. ލިބުނު އަނިޔާތަކެވެ. އެދުވަސް އިވްލީންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

އޮފީސް ނިންމާލާފައި ރިމްޝާ ކެފޭއަށް ދިޔައިރު، މިރާހް ހުރީ، ތަށިތައް ދޮންނާށެވެ. ރިމްޝާ ފެނުމުން، މިރާހް އިސްޖަހައިލިއެވެ.

"ހާދަ ބައިވަރު ތަނެއް ހަލާކުވެފަ... ބޭސް އަޅަން އުޅޭ..." ރިމްޝާގެ އަޑުގައި ދުރުކަމެއް ނެތެވެ.

"އޯކޭ..." މިރާހް މަޑުމަޑުން ބޯ ޖަހައިލިއެވެ.

ރިމްޝާ ހިނިތުންވެލިއެވެ. މިރާހަށް ބަލަން އޭނާ ކުޑައިރުކޮޅަކު ހުއްޓެވެ. އެ މޫނުން ފެންނަނީ މާޔޫސް ކަމެވެ. ހިތާމައެވެ. ރިމްޝާއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ތަށިތައް ދޮވެފައި މިރާހް އެނބުރުނެވެ. ތަށިތައް ފޮހެފައި، ކައުންޓަރުގެ ކައިރީގައި ހުރި ރެކުގައި އަތުރަން ފެށިއެވެ.

"މިރާހް ތީ އެހެން މީހަކަށް ގެއްލުމެއް ދޭނެ މީހެކޭ އަހަރެންގެ ހިތެއް ނުބުނޭ..." ރިމްޝާ ބުނެލީ ހަމައެކަނި މިރާހަށް އިވޭ ވަރަށެވެ.

މިރާހްގެ ހަރަކާތް ހުއްޓުނެވެ. ރިމްޝާއަށް އަވަސް ނަޒަރެއް ދިނެވެ. މިރާހްގެ މޫނުން ފެނުނީ ހައިރާންކަމެވެ. ރިމްޝާގެ އެ އިތުބާރު އޭނާގެ ހިތުގެ އަޑީގައި ބިންވަޅު ނެގިގެން ދިޔައެވެ. ރިމްޝާ ފަދައިން އިވްލީންވެސް އޭނާއަށް އިތުބާރު ކުރާނެނަމައޭ މިރާހުގެ ހިތަށް އެރިއެވެ.

"އައި ޓްރަސްޓް ޔޫ..." ރިމްޝާ ބުނެލިއެވެ. "އަހަންނަށް އެނގޭ ކޮންމެވެސް މަޖުބޫރީއެއް ދިމާވެގެން ކަން ކަމެއް ތި ސިއްރުކުރަނީ..."

މިރާހް ދޫކޮށްލި ފުން ނޭވާއިން ރިމްޝާއަށް އެއް ކަމެއް ޔަގީންވިއެވެ. މިރާހްގެ ހިތުގެ ސާފުކަމާއި، މީހަކަށް ގެއްލުމެއް ނުދޭނޭ ކަމެވެ. އެކަމަކު، މިރާހް ކަމެއް ސިއްރު ކުރާކަން އޭނާގެ ދެލޯ ހެކިދެއެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ ރިމްޝާއަށް އެކަމެއް ހޯދިދާނެ ހެއްޔެވެ؟ މިރާހް އެކަމަކުން މިނިވަން ކުރެވިދާނެ ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު