ދިރާގާއި ސްޕާކްހަބް ގުޅިގެން، "ޖެންއޭއައި ހެކް 2026"ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނީ، މި ހެކަތޯންގެ މަގުސަދަކީ އަލަށް ވިޔަފާރިއެއް ފަށާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މި ހެކަތޯނުން ޒުވާނުން އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭ އެ ފަރާތްތަކުގެ ޚިޔާލުތައް ޖެނެރޭޓިވް އޭއައި ޕްލެޓްފޯމުތައް މެދުވެރިކޮށް ހަގީގީ އުފެއްދުންތަކަށް މަދު ވަގުތުކޮޅެއްގެ ތެރޭ ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށް، ދިރާގުން ބުންޏެވެ.
މީގެ އިތުރުން ޕްރޮޑަކްޓުތައް އުފެއްދުމުން ފެށިގެން ތައާރަފްކުރުމާ ހަމައަށް އޭއައި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެހީތެރިކަން ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، އެހެން ހެކަތޯންތަކާ ޚިލާފަށް މި ހެކަތޯން ކުރިއަށްދާނީ އާންމުކޮށް ހުޅުވާލެވިފައިވާ އޯޕަން ކެޓަގަރީ ފޯމަޓަށް ކަމަށާއި، ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ޚާއްސަކޮށް އަލަށް އުފައްދާ ޕްރޮޑަކްޓްތައް ކަމަށެވެ.
މި ހެކަތޯންގައި ބައިވެރިވާ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތަކުގެ ޚިޔާލު ހުށަހެޅުމުގެ ކުރިން، އެ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތައް އާންމުންނަށް ތައާރަފްކުރަން ޖެހޭ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނިގޮތުގައި، "ކޮންސެޕްޗުއަލް ޑެމޯ"، ނުވަތަ އެ ޕްރޮޑަކްޓެއް މަސައްކަތްކުރާ ގޮތް ދައްކާލުމުގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުރިހަމަ ޕްރޮޑަކްޓަށެވެ.
ދިރާގުގެ ބްރޭންޑް، މާކެޓިން އަދި ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިރްޝާން ޙަސަން ވިދާޅުވީ، ޖެނެރޭޓިވް އޭއައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ މި ޒަމާނުގައި، ޖެނެރޭޓިވް އޭއައިއަށް ގިނަ ބަޔަކު އަހުލުވެރިކުރުވުން މުހިންމުކަމަށެވެ. ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑަރު ޙުސައިން ޖިނާން ވިދާޅުވިގޮތުގައި، ދުނިޔޭގެ ފެންވަރުގައި އާ ވިޔަފާރިވެރިން އަންނަނީ އޭއައި ބޭނުންކޮށް، ޕްރޮޑަކްޓްތައް އުފައްދަމުން ކަމަށެވެ.
އަންނަ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ހެކަތޯންގައި 3-5 މެންބަރުންގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުންޏެވެ.