ގޫގުލް މެސެޖަސްގެ ސްމާޓް ރިޕްލައިއަށް މެސެޖް އެޑިޓްކުރެވޭ ފީޗާއެއް

ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ ބީޓާ ގައި މި އޮޕްޝަން ލިބޭނެ ---

ގޫގުލް މެސެޖަސް ބޭނުންކުރާ ފަރާތްތަކަށް މެސެޖުތަކަށް އަވަހަށް ޖަވާބު ދިނުމަށް އެހީތެރިވެދޭ ސްމާޓް ރިޕްލައި ފީޗާއަށް ވަރަށް ބޭނުންތެރި ބަދަލެއް ގެންނަން ގޫގުލްއިން ތައްޔާރުވެއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ މި ފީޗާއަކީ ލިބޭ މެސެޖުތަކުގެ މާނައަށް ބަލައި، "އަހަރެން މިދަނީ" ނުވަތަ "އެއްބަސް" ފަދަ ކުރު ޖަވާބުތައް އަމިއްލައަށް ތައްޔާރުކޮށްދޭ ނިޒާމެކެވެ.

މިހާރު މި ފީޗާ މަސައްކަތްކުރާ ގޮތުން، ސްމާޓް ރިޕްލައިއަކަށް ފިތާލުމާ އެކު ޓެޕް ޓު ސެންޑް އިޚުތިޔާރުގެ ދަށުން އެ މެސެޖެއް ވަގުތުން ފޮނުވާލެވެނީ އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތެއް ނެތިއެވެ.

ނަމަވެސް، އަލަށް ތައާރަފުކުރާ ޓެޕް ޓު އެޑިޓް ފީޗާގެ ސަބަބުން، ސްމާޓް ރިޕްލައިއަކަށް ފިތާލުމުން އެ މެސެޖެއް ވަގުތުން ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ދާނީ މެސެޖު ލިޔާ ކޮމްޕޯޒް ބަޔަށެވެ.

މިފީޗާގެ ސެޓިން އިން ބޭނުން ގޮތަށް އޮޕްޝަން ނެގޭނެ ---

މީގެ ސަބަބުން މެސެޖު ފޮނުވުމުގެ ކުރިން އޭގައި ހުރި ކުށްތައް އިސްލާހުކުރުމާއި، އިތުރު ލިޔުންތައް ހިމެނުން ނުވަތަ މެސެޖު ފޮނުވަން ބޭނުން ނުވާނަމަ އެކަން ބަދަލުކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތަށް ލިބޭނެއެވެ.

މި އާ ފީޗާ ލިބުމުން މެސެޖަސް އެޕްގެ ސެޓިންގްސްގެ ތެރެއިން ސަޖެސްޝަންސް ބަޔަށް ގޮސް، ވަގުތުން މެސެޖު ފޮނުވާ ގޮތަށް ނުވަތަ އިސްލާހުކޮށްފައި ފޮނުވާ ގޮތަށް ބަދަލުކުރެވޭނެއެވެ.

ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ ބީޓާ ވާޝަންގައި މިހާރު ހިމަނާފައިވާ މި ފީޗާ ފޯނަށް ލިބިފައިވޭތޯ ބެލުމަށް، އެޕްގެ ޕްރޮފައިލް ފޮޓޯއަށް ފިތުމަށް ފަހު، މެސެޖަސް ސެޓިންގްސްއަށް ގޮސް ބަލާލެވިދާނެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ޓެޕް ޓު ސެންޑް އަދި ޓެޕް ޓު އެޑިޓް މި ދެގޮތް އެއްފަހަރާ ބޭނުން ނުކުރެވޭނެ ކަމާއި، މީގެ ތެރެއިން ކޮންމެވެސް އެއް ގޮތެއް އިޚުތިޔާރުކުރަން ޖެހޭނެ ކަމެވެ.

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިއީ ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވޭއިރު، މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކުރާ މެސެޖުތަކަށް އަމިއްލަ ގޮތްތަކެއް އިތުރުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު