އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިހާރު ފުޓުބޯޅައިގެ އެންމެ މުއްސަނދި ކުޅުންތެރިޔާއެވެ. ނަމަވެސް އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ކަމަށްވާ އަލް ނަސްރުގެ ސަޕޯޓަރުން މިހާރު ތިބީ އޭނާ ކުލަބު ދޫކޮށްދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ސައުދީ އަރަބިއްޔާގެ ކުޅިވަރު ނޫސްތަކާއި ސޯޝަލް މީޑިއާގައި އެ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ރޮނާލްޑޯއާ ދެކޮޅު ޕޯސްޓުތައް ވަނީ ގިނަވާން ފަށާފައެވެ. އަދި ހިތްހަމަނުޖެހުން ފާޅުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ އެންމެފަހުން އެ ޓީމު ޖެހިޖެހިގެން ކުޅުނު ތިން މެޗުންވެސް އަލް ނަސްރު ބަލިވުމާއި ގުޅިގެންނެވެ.

ކެޕްޝަން..
އެގޮތުން ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލް އަތުން 3-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ޖެނުއަރީ ދެވަނަ ދުވަހު އަލް އަހްލީ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި އަލް ގަދްސިޔާ އަތުންވެސް ވަނީ 2-1 އިން ބަލިވެފައެވެ.
މި މެޗުތަކުގެ ނަތީޖާއާއެކު މިފަހަރުގެ ސައުދީ ލީގު އަލް ނަސްރަށް ކާމިޔާބުކުރެވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އެންމެފަހުން އަލް ނަސްރު ކުޅުނު މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯއާ އޮތް ނުތަނަވަސްކަން ފާޅުކުރުމުގެ ގޮތުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ނަން ބޭނުންކޮށް ހަރުއަޑުން ގޮވާފައެވެ. ނަމަވެސް މިކަމާ ރޮނާލްޑޯގެ އެހާ ފަރުވާލެއްނެތެވެ.
ރޮނާލްޑޯ ދޫކޮށްލުމަށް ގޮވާލުމުގެ އަޑުތައް ގަަދަވެފައިވާއިރު، ކުލަބުގެ ސަޕޯޓަރުން ބުނީ ރޮނާލްޑޯ އެ ކުލަބާ ގުޅުނުފަހުން އެންމެ އެދެވޭ ކާމިޔާބީ ނުހޯދޭ ކަމަށާއި ތައްޓެއްވެސް ނުލިބޭ ކަމަށެވެ. އަދި ރޮނާލްޑޯ ކުޅޭއިރު ދަނޑު ނުފުރޭތީ ސަޕޯޓަރުން ވަނީ އެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ނިމޭނީ އަންނަ އަހަރުގައެވެ.