"މީ ދަރިފުޅުގެ މަންމަ ބައްޕައަށް އެންމެ ފުރަތަމަ ފެނުނު ތަން. އަދި އެންމެގިނައިން ދެމީހުން ބައްދަލުކުރިތަންވެސް މެ."
ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލަމުން ރައާބިލް ވާހަކަ ދެއްކީ އޭނަގެ ގާތުގައި ހުރި ރަނީމްއާއެވެ. އެއީ ރޭގަނޑުގެ ވަގުތެކެވެ. އެ ތުނޑިމަތީގެ ކޮންމެ ދިމާލަކުންވެސް ރައާބިލްއަށް ހަނދާންކޮށްދެނީ އޭނައާ ސަމްރާއާ އެ ތުނޑިމަތީގައި ހޭދަކުރި އުފާވެރި ދުވަސްތައް މަތިންނެވެ. ފަލަކުގައި ރަސްކަން ކުރަމުން ދިޔަ ސާދަ ފަނަރަ ވިލޭރޭ ގެ ހަނދުވަރުގެ އަލިކަން، ތަނަށް ފެތުރިފައި އޮތެވެ. އެނހަނދުގެ އިސްތިޤްބާލުގައި އެތައް ހާސްތަރިތަކެއް އެތުރިލައިގެން ތިބިއިރު، ހީވަނީ އުޑުމަތީގައި ކުދި ކުދި ޖަވާހިރު ކޮޅުތަކެއް ވިދަމުން ދާހެންނެވެ. މޫދުގެ ލޮނުގަނޑަށް ހަނދުވަރުގެ އަލި އެޅިފައިވުމުން ހިތްގައިމު ދަޅައެއް އުފެދިފައި ވެއެވެ. ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތައްވެސް، މާހައުލަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައެވެ. އިންސާނެއްގެ ހިލަމެއް ނުވާ އެ ހިމޭން ތުނޑިމަތީގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ޤުދުރަތީ ރީތިކަމެކެވެ.
ރަނީމްއަށްވެސް އެ ތުނޑިމައްޗަށް ވަށައިގެން ބަލައިލެވުނެވެ. އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބައްޕަ އޭނަ ގޮވައިގެން މަންމަގެ އުފަން ރަށަށް އެއައީ އެ ރަށް ދައްކާލުމަށެވެ. އެންމެ ފުރަތަމަ ރައާބިލް އޭނަ ގޮވައިގެން ދިޔައީ ސަމްރާމެން ގެ ދައްކާލުމަށެވެ. އެގެ ވަނީ ވީރާނާވެފައެވެ. ފަޅުވެފައެވެ. އެމީހުން އެގެ ދޫކޮށްލިފަހުން އިތުރު މީހަކު އެގޭގައި އުޅެފައެއް ނުވެއެވެ. އެއަށްފަހު ރައާބިލް އޭނަ ގޮވައިގެން ދެން އައީ ތުނޑި މައްޗަށެވެ. އެއީ އޭނަގެ އެންމެ ޚާއްސަ ތަނެވެ. މިއަދު ސަމްރާ ނެތުމުގެ ފަޅުކަން އޭނައަށް ކިތަންމެ ވަރަކަށް ވެސް އިޙްސާސްވެއެވެ. ސަމްރާއާ ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ދެކުނު ހުވަފެންވެސް ބިލާހަކަށް ވެގެން ދިޔައީއެވެ. ތަޤުދީރު އޭނައަށް ރަޙުމެއް ނުކުރިއެވެ. އެހާ ދުވަސްފަހުން ދިމާވެފައި ވެސް ގިނަ ދުވަހު އެކުގައި އުޅުމުގެ ފުރުސަތެއް ނުލިބުނެވެ. ރައާބިލް ރަނީމްއަށް ބަލައިލުމަށްފަހު، ހިނިތުންވެލިއެވެ. ސަމްރާ އެ ދިޔައީ އޭނައަށް އަމާނާތެއް ހަވާލުކޮށްފައެވެ. އެ އަމާނާތަށް އޭނަ ރައްކާތެރިވާނެއެވެ.
"ބައްޕައާއި މަންމަގެ ގިނަ ހަނދާންތައް ގުޅިފައިވާ ތަނަކީ މީ. މަންމަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް މިއަދު އިޙްސާސްވޭ..." ރައާބިލް ބުނެލިއެވެ.
"އަހަރެން ވަރަށް ހަނދާންވޭ ސަމްރާ...." ދެވަނަ ފަހަރަށް ރައާބިލް ވާހަކަ ދެއްކީ އަމިއްލަ ހިތާއެވެ. މާޒީގެ ހަނދާންތަކުން އޭނާގެ ދެލޮލުންވެސް ކަރުނަ އޮހޮރާލައިފިއެވެ. ރަނީމްގެ ކުރިމަތީގައިވެސް ރައާބިލްއަށް އޭނާގެ ކަރުނަތަކެއް ނުހިފެއްޓުނެވެ. އެންމެފަހުން އޭނަގެ ކޯތާފަތް މައްޗަށް ރޮނގުދެމިގެން ކަރުނަތައް ފައިބަން ފަށައިފިއެވެ.
"ބައްޕާ... ނުރޮއި... އަހަރެންވެސް މަންމަ މަތިން ވަރަށް ހަނދާންވޭ..." ރަނީމްއަށް ބުނެވުނެވެ. ރައާބިލް ރަނީމްއަށް ބަލައިލުމަށްފަހު، ހިނިތުންވެލުމަށްފަހު ކަރުނަތައް ހިންދައިލަން މަސައްކަތްކުރިއެވެ.
ރަނީމް ކުރިއަށް ޖެހިލިއެވެ. ރާޅު ޖަހާ ފަށަށް އޭނަ ފޭބިއެވެ. ރައާބިލް އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ރަނީމް ހިނގަމުން ދަނިކޮށް އޭނަގެ ފަހަތުން އަލިކަމެއް ފާޅުވިއެވެ. އަދި އެ ނޫފެހި އަލިކަމާއެކު އެއީ ނާވީކަންވެސް ދެނެގަނެވުނެވެ. ރަނީމްގެ އެނބުރިލީ ނާވީ އޭނަގެ އަތުގައި ހިފެއްޓުމުންނެވެ. މިރޭ ރަނީމްގެ އަތުގައި އުޅާއެއްވެސް ނެތެވެ. ވީއިރު އޭނައަށް ވެސް އަމިއްލަ ބާރުތައް އިޙްސާސް ކުރެވެމުން ދިޔައެވެ.
ނާވީއަށް ދިން ފުން ނަޒަރާއެކު ރަނީމްއަށް ހިނިތުންވެލެވުނެވެ. ދެވަނަ ސިކުންތުގައި އޭނައަށް ބަލައިލެވުނީ ރައާބިލްއާ ދިމާލަށެވެ. އޭރު ރައާބިލް އެތަނުން ދާން ވެގެން ތައްޔާރުވަނީއެވެ. ދިޔުމުގެ ކުރިން އޭނަ ރަނީމްއާ ނާވީއަށް ހަނާ އަޅާލިއެވެ. އެ ދެމީހުންނަށް ފުރުސަތު ދީފައި ރައާބިލް ދިޔައީއެވެ.
"ކީއްވެ މާޔޫސްކަން މިރޭ އަހަންނަށް ރަނީމްގެ މޫނުމަތީން މި ފެންނަނީ؟" ރަނީމް އޭނަގެ އުދާސްކަން ފޮރުވަން ބޭނުންވިނަމަވެސް، އެކަމެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. އޭނައަށް އަންނަ ކުޑަ ކުޑަ ބަދަލަކުންވެސް ނާވީ، އެހިތުގެ ޙާލު ދެނެގަންނަނީ ނުހަނު ކުޅަދާކަމަކާއެކުގައެވެ.
"ނޫން، ނުވޭ ކަމެއް." ރަނީމް ބުނެލިއެވެ.
"ނުވާނެ އެހެންނެއް. ތިހުރީ ކޮންމެވެސް ކަމަކާ ދެރަވެފަ. މަންމަ މަތީން މާ ބޮޑަށް ހަނދާންވަނީތަ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ. ރަނީމް އޭނައާ ނަޒަރު ވަކިކޮށްލުމުން ރަނީމްގެ ދަތްދޮޅި ދަށަށް އަތް ލައްވާލާފައި އޭނަ ރަނީމްގެ އިސް އުފުލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ރަނީމްގެ ލޯ މިހާރު ހުރީ ނޫކުލައިގައެވެ. އޭނަގެ ކަޅުކަން ގަދަ ކަޅީގެ ކުލަ ވަނީ ބަދަލުވެފައެވެ. އެއީ އޭނަ ބާރުތައް ބޭނުންކުރަން ފެށުމުން އައި ބަދަލެކެވެ.
"ހޫމް...." ރަނީމް ހަމައެކަނި "ހޫމް" އަކުން ފުއްދައިލިއެވެ. އޭނައަށް އިތުރު އެއްޗެއް ނުބުނެވުނުނަމަވެސް، އެހިތުގެ ޙާލު ބަޔާންކޮށްދިނީ ލޮލުން ފޭބި ކަރުނަތަކުންނެވެ. ރަނީމްގެ ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް ނާވީ، ލޯތްބާއެކީގައި ފުހެދިނެވެ. އެއަށްފަހު އޭނަ ރަނީމް ގެނެސް މެއާލާ ބޮނޑިކޮށްލިއެވެ. އަދި އިސްތަށިގަނޑުގައި ބޮސްދެމުން ކޯތާފަތުގައި ފިރުމައިލިއެވެ.
ރަނީމްގާތު ނުރޯކަށް ނާވީ ނުބުނެއެވެ. ރަނީމްގެ މަންމަ ނިޔާވިފަހުން، ރަނީމް ހިތްވަރުކުރަމުން ދިޔަ ވަރު އޭނައަށް ތަސައްވަރު ކޮށްލެވޭތީއެވެ. ރައާބިލް ދެރަވާ ކޮންމެ ފަހަރަކު ރައާބިލްއަށް ވެސް ހިތްވަރު ދެނީ ރަނީމްއެވެ. ވީއިރު މިރޭ ރަނީމް ރޯ ވަރަކަށް ރޯލަން ފުރުސަތު ދޭން އޭނަ ހުރީ ބޭނުންވެފައެވެ.
ރަނީމް ނާވީއާ ދުރުވެލުމުން ނާވީ އެ ކަރުނަތައް ފުހެދިނެވެ. އެއަށްފަހު ރަނީމްގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. ދެމީހުން އެކުގައި ރާޅު ޖަހާ ފަށުގައި ހިނގަމުން ދިޔައެވެ. ފިނިފިރާޅުތައް އެ ދެމީހުންގެ ފައިގައި ބޮސްދެމުން ދިޔައެވެ. ނާވީ އެކި އެކި ވާހަކަތައް ދައްކަން ފެށިއެވެ. އެންމެ ފުރަތަމަ ރަނީމް ފެނުނު ދުވަހުގެ ވާހަކަތަކެވެ. ނުވެސް އެނގިހުއްޓާ އޭނައަށް ރަނީމް ދެކެ ލޯބިވެވުނު ވާހަކައެވެ. އަދި އެލޯބީގެ ސަބަބުން އޭނައަށް އައި ބަދަލުތަކެވެ. ނާވީ ދިޔައީ އޭނަ ރަނީމް ދެކެ ލޯބިވާ މިންވަރު ހާމަކުރަމުންނެވެ. ބަހާ އަމަލުންނެވެ. ނާވީގެ އޯގާތެރި ބަސްތަކާ އޭނަގެ ލޯބިވެތި އަމަލުތަކުން ރަނީމްގެ ހިތަށްވެސް ފިނިކަން ލިބިގެން ދިޔައެވެ. މީގެ އިރުކޮޅެއް ކުރިން ވީ އުދާސްކަންވެސް ފިލައިގެން ހިނގައްޖެއެވެ.
"އަހަރެން ވަރަށް ލޯބިވޭ! އަބަދުވެސް ވާނަން...." ނާވީ ރަނީމްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެވަގުތު އޭނަގެ މުޅި ހަށިގަނޑުގައި ފިނިކަމެއް ދައުރުކޮށްލިއެވެ. ނާވީގެ ކުދި ކުދި ގޯނާތައް އިތުރުވާން ފެށިއެވެ. އޭނަ ލާނެތް ސަމާސާއެއް ރަނީމްއާ ކޮށްލިއެވެ.
"ދެން... ނާވީ...." ލަދުވެތިކަމާއެކު ރަނީމްއަށް ބުނެވުނެވެ.
"ކިހިނެއްވީ؟ ހަނދާން ނެތީތަ؟ ތީ އަހަރެންގެ އަނބިމީހާއޭ...." ނާވީ ބުނެލިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނައާ ރަނީމްގެ ކައިވެނި ވަނީ ކުރެވިގެން ގޮސްފައެވެ. އެ ކައިވެނި ކުރެވުނީ ގަނޑުވަރުގައި ނަމަވެސް، އެކަން ޝަހަރުގެ އެހެން ޖިންނީންނަކަށް ނޭނގެއެވެ. ކައިވެނީގެ ކުރިން އެމީހުން ރަނީމްއާއި ރައާބިލްއަށް ގަނޑުވަރާ ކައިރިން ގެއެއް ޚާއްސަކުރިއެވެ.
އިންޖާބު ނިޔާވުމަށްފަހު ގަނޑުވަރާއި ރަސްކަމުގެ ކޮއިލުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގިއެވެ. އިންޖާބުގެ މަރުގެ ހަޤީޤަތް ހާމަނުކުރާކަމަށް ބުނެ ނަމީރާވެސް ބައެއް ޖިންނީން ދެކޮޅު ހެދިއެވެ. އެކަމަކު އެންމެފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވީ ބަތީލާގެ ސަބަބުންނެވެ. އޭނަ ނަމީރަށް އެހީތެރިވީއެވެ. އެމީހުން ކިޔަމަންކުރުވުމަށްޓަކައެވެ. އިންޖާބެކޭ އެއްގޮތަށް ނަމީރުވެސް ގަނޑުވަރާ ރަސްކަމުގެ ކަންތައްތައް ބަލަހައްޓާނެ ކަމުގެ ޔަޤީންކަން އޭނަ ދިނެވެ. އެކަންތައް ހަމައަކަށް އެޅުމުން ލަސްނުކޮށް ނާވީ ރަނީމްއާ ކައިވެނި ކުރަން ބޭނުންވުމުން އެމީހުން އެކަންތައް ކުރީއެވެ. ދުވަސްކޮޅަކު މަޑުކޮށްލުމަށް އޭނަގެ ބައްޕަމެން ބުނި ނަމަވެސް އެގޮތް ބޭނުން ނުވީ ނާވީއެވެ. އޭނަ ބޭނުންވެފައި ހުރީ ވީ އެންމެ އަވަހަކަށް ރަނީމް އޭނަގެ މީހަކަށް ހެދުމަށެވެ. ސަމްރާ ނިޔާވުމަށްފަހު އެހެން އެންމެންގެ ކުރިމަތީގައި ހިތްވަރު ކުރިނަމަވެސް، ހަޤީޤަތުގައި ރަނީމް ކުރަމުން ދިޔަ ހިތާމަ، އޭނައަށް ފެންނަމުން ދިޔައީތީއެވެ. އެކަނި އިނދެ ކިތަންމެ ފަހަރަކު ރަނީމް ރޮއެވެ. އެ ކަރުނަތައް ރައާބިލްއަށް ސިއްރުކުރަނީ ރައާބިލްވެސް އިންތިހާ ދެރަވެފައި ހުރިކަން އެނގޭތީއެވެ.
ނާވީ ރަނީމްގެ އަތުގައި ހިފައްޓާފައި ތުނޑިމަތީގައި ދުއްވައިގަތެވެ. ރަނީމް ވެސް ހީނލަމުން ނާވީއާއެކު ދުއްވައިގަތެވެ. ވަކި ހިސާބަކުން ނޫ އައްޔަކާ ނޫކުލައިގެ އަލިކަމެއް މުޅިތަނަށް ފެތުރެން ފަށައިފިއެވެ. ދެން ފެނިގެން ދިޔައީ އެ އަލިކަން މައްޗަށް އަރައިގެން ދިޔަ ތަނެވެ.
ރަނީމް އޭނަ މަންމައާއެކު އުޅުނު ރަށުގެ ރުއްފަލާ ދިމާ، ގޮނޑު ދޮށުން އަލިކަން ފާޅުވިއެވެ. އޭނަ ވަށައިގެން ބަލައިލިއެވެ.
"މިތަނަށްތަ އަހަރެން ތި ގެނައީ؟" ރަނީމް ސުވާލުކޮށްލުމާއެކު ނާވީ ބޯ ޖަހައިލިއެވެ. އޭނަ އެ މާހައުލަށް ނަޒަރު ހިންގާލިއެވެ. ޖެހެމުން ދިޔައީ ތެންފިނި ވައިރޯޅިތަކެކެވެ. ނާވީގެ ހާމައަށް ހުރި ހަށިގަނޑުގައި ބީހެމުން ދިޔަ ވައިރޯޅިތަކުން އޭނައަށް އަރާމުވަމުން ދިޔައެވެ. ނާވީއާއި ރަނީމްއާ ދެމީހުންގެ ފައިގައިވެސް ފައިވާނެއް ނެތެވެ. ރަނީމްގެ ރާޅުބާނީ އިސްތަށިގަނޑު ވަޔާ ގޯނާކުރަން ފެށިއެވެ. އޭނަގެ ނަޒަރު ގެއާ ދިމާލަށް ހުއްޓިގެން ދިޔައެވެ. ބައްޕައާއެކު އޭނަ އެ ރަށް ދޫކޮށް ދިޔަފަހުން އަދި އެތަނަށް އައިސްފައެއް ނުވެއެވެ. އެތަކެއް ހާސް ޖަޒުބާތުތަކެއް އެއްފަހަރާ ރަނީމްގެ ހިތުގައި ހޭލައިގަތްފިއެވެ.
ރައާބިލްއާ ނާވީއާ އޭނަ ގޮވައިގެން ދާ ވާހަކަ ދެއްކި ނޫން އަނެއް ދުވަހު އެކަމަށް ރަނީމް އެއްބަސްވީއެވެ. އޭނަގެ މީހަކު މިހާރު އިންސާނުންގެ ތެރޭގައި ނެތީތީއެވެ. ބައްޕައާއި ނާވީއާއެކު ދިޔަ ސަބަބަކީ އެއީއެވެ.
ނާވީ ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އޭނަ ރަނީމް ގޮވައިގެން ދިޔައީ ގެއަށެވެ. އެގޭތެރެއަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ހުރި ހުރިހާ އެއްޗެއްވެސް ހުރީ އެ ހުރިގޮތަށެވެ. ހިރަފުސްކަން ކޮންމެވެސް ވަރަކަށް ވިއެވެ. ރަނީމް ގޮސް އޭނަގެ މަންމަ އޮންނަ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެލިއެވެ. އޭނަގެ ފަހަތުން ނާވީވެސް މެއެވެ. ރަނީމްގެ ދެލޮލުން ކަރުނަ ފައިބަން ފެށީ ބޭއިޚްތިޔާރުގައެވެ. މަންމަ އޮތް އެނދަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނެވެ. ނާވީ އައިސް ރަނީމްގެ ކޮނޑުގައި އަތް ޖައްސާލާފައި، ހިތްވަރު ދިނެވެ. އޭނަ ރަނީމްގެ އިސްތަށިގަނޑުގައި ބޮސް ދީފައި ރަނީމް އޭނައާ ދިމާލަށް އަނބުރާލިއެވެ.
"ހިނގާ ދާން...." ނާވީ ބުނެލިއެވެ. ރަނީމް ދެފަރާތަށް ބޯ ހޫރައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
"މިތަނަށް އައުމުން ރަނީމްއަށް އިތުރު ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން...." ނާވީ ބުނެލިއެވެ.
"ނޫން ނާވީ... މީ އަހަރެންގެ މުޅި ޙަޔާތް ގުޅިފައިވާ ތަން. މަންމަ ނެތުމުގެ ފަޅުކަން ކިތަންމެ ވަރަކަށްވެސް އިޙްސާސްވޭ. އެކަމަކު.... މިތަނުގައި މަޑުކޮށްލަން އަހަރެން ބޭނުން...." ރަނީމް ބުނެލިއެވެ. އޭނަ އާދޭހުގެ ނަޒަރަކުން ނާވީއަށް ބަލައިލިއެވެ. ނާވީ، ރަނީމްގެ ކަރުނަތައް ފުހެދީފައި ބޯ ޖަހައިލިއެވެ. ރަނީމް ބޭނުން ކޮންމެ ގޮތަކަށް ކަންތައް ކޮށްދޭން ނާވީ ބޭނުމެވެ. ރަނީމް ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ނާވީގެ އަތުގައި ހިފައްޓައިލުމަށްފަހު ޝުކުރު އަދާކުރިއެވެ.
*****
ޖެހިގެން އައީ ބަންދު ދުވަހެކެވެ. ނިދިފައި އޮތް ހައިފާއަށް ހޭލެވުނީ އޭނަގެ ފޯނުގެ ރިންގާއެކުގައެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެނދުގެ ހެޑްބޯޑުގައި އޭނަ ލެނގިލިއެވެ. ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނަގާފައި އަރާފައިވާ ނަން ބަލައިލީ މިހާ ހެނދުނާ ގުޅާނީ ކާކުތޯ ވިސްނާނުލެވުމުންނެވެ. އެވެސް ބަންދު ދުވަހެއްގައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ދެލޯ ބޮޑުކޮށްލެވުނީ ސްކްރީނަށް އަރާފައިވާ ނަން ފެނުމުންނެވެ.
"ރަ... ރަނީމް...." އޭނައަށް ބުނެވުނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލެވުނީ ވެސް ހަރަކާތް އަވަސްވެފައިވާ ޙާލުގައެވެ. އޭރު އޭނަގެ ނިދިވެސް ފިލާ ހިނގައްޖެއެވެ.
"ހަލޯ...." ހައިފާއަށް ބުނެވުނެވެ. "ރަނީމް!"
"ހަލޯ ހައި...." އެކޮޅުން ވާހަކަ ދެއްކި ރަނީމް ބުނެލިއެވެ.
"ކޮންތާކު ތިއުޅެނީ؟ އަހަރެން ހާދަ ވަރަކަށް ގުޅީމޭ..." ހައިފާއަށް އެންމެ ފުރަތަމަވެސް ކޮށްލެވުނީ ޝަކުވާއެވެ.
"އަހަރެން މިހުރީ ގޭގަ. ހައި އާދެބަ." ރަނީމް ގެ އަޑު އިވިލިއެވެ. "އައިސް ވާހަކަ ދައްކާނީ..."
"އަހަރެން މިދަނީ. ދީ ފަނަރަ މިނެޓް...." އެހެން ބުނެލާފައި ފޯނު ބާއްވާފައި ހައިފާ އެނދުމަތިން ފުންމާލައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
*****
ހައިފާގެ އިންތިޒާރުގައި އިން ރަނީމް، ރައާބިލްއާ ނާވީއަށްވެސް ބަލައިލިއެވެ. މާގިނަ އިރުތަކެއް މަޑުކުރާކަށް ނުޖެހުނެވެ. ބޭރު ދޮރޯށީގައި ޓަކި ޖަހާލާފައިފިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ރަނީމް ގޮސް ދޮރު ހުޅުވައިލިއެވެ. ހައިފާ ގޯތިތެރެއަށް ވަނުމަށްފަހު ރަނީމްގެ ގައިގައި ބައްދައިލިއެވެ.
"ރަނީމް ކޮންތާކަށްތަ ދިޔައީ؟ އަހަރެން ހާދަ ވަރަކަށް ގުޅީމޭ. ރަށުން ދަނީކަމަށް ބުނެ މެސެޖު ފޮނުވިތާ ދިހަ މިނެޓެއް ނުވާނެ އަހަރެން މިގެއަށް އައިއިރު. އޭރު ރަނީމްއެއް ނެތް.... އަތިރި މައްޗަށް ވެސް ދިޔައިން އެއްޗެއް ފުރައިފިތޯ ބަލަން. އެކަމަކު ހޮޅުއަށީގައި ތިބި މީހުންބުނީ އެއްޗެއް ނުފުރައޭ..." ހައިފާއަށް އެއްފަހަރާ އެތަކެއް ޝަކުވާއެއް ކޮށްލެވުނެވެ. އޭނަ ރަނީމްއާ ދުރުވެލި ވަގުތު ރަނީމްގެ ކަޅުކަން ގަދަ ކަޅީގެ ކުލަ ހިނދުކޮޅަކަށް ނޫކުލައަކަށް ބަދަލުވެލިހެން ހީވިއެވެ. އެހެންނަމަވެސް ރަނގަޅަށް ބަލައިލުމާއެކު އެއީ ހީވި ހީހުމެއްކަމަށް ހައިފާ ނިންމިއެވެ.
"ރަނީމް... ކޮންތާކަށްތަ ދިޔައީ؟ އެހެން ހަދާކަށް ނުވާނެއެއްނު." ހައިފާއަށް ބުނެވުނެވެ.
"އަހަރެން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަމޭ. އެހަށް ހިނގާބަލަ އަހަންނާއެކީ އެތެރެއަށް." ރަނީމް ބުނެލިއެވެ. އޭނަ ހައިފާގެ އަތުގައި ހިފައްޓާލައިގެން ހުރެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
"ރަނީމް. ރަނީމް ރަނގަޅުތަ؟" ރަނީމް ހުރީ ހަމަޖެހިފައިކަމުގައި ވިޔަސް ހައިފާއަށް އެކަން ޤަބޫލުނުކުރެވެނީއެވެ. ސަމްރާ ނިޔާވުމާއެކު ރަނީމް އެ ރަށުން ގޮސް އުޅުނީ ކޮން ޙާލެއްގަބާއެވެ.
"ރަނީމް... ކޮންތާކުތަ އުޅު...." ހައިފާއަށް ފަހަރަކު ސުވާލެއް ރަނީމްއާ ކުރެވެމުން ދިޔައެވެ. ގެއަށް ވަދެވުމާއެކު ހައިފާއަށް އޭނަގެ ޖުމްލަ މެދުކަނޑާލެވުނެވެ. ގޭތެރޭގައި ތިބި ދެ ފިރިހެނުން ފެނުމުންނެވެ. އެކަކަކީ ޒުވާން ރީތި ފިރިހެނެކެވެ. އެ ރަށުން އެހާ ރީތި ޒުވާނެއް އޭނައަށް ފެނިފައެއް ނުވެއެވެ. އަނެކަކު މެދު އުމުރަކަށް ދިޔަނަމަވެސް އޭނަވެސް ހަށިގަނޑުން ބިޔަވެފައި ސިއްޙަތު ރަނގަޅު ވައްތަރު ޖަހައެވެ. އެ ދެމީހުންގެ ތެރެއިން އޭނައަށް އެންމެ އަޅައިގަތީ ރަނީމްގެ އިސްތަށިގަނޑާއި އެ ފިރިހެން މީހާގެ އިސްތަށިގަނޑުގެ ކުލައިގެ އެއްވައްތަރުކަމެވެ.
"ރަނީމް... މީ...." ހައިފާއަށް ޖަވާބެއް ބޭނުންވެފައިވާ ޙާލު ރަނީމްއަށް ބަލައިލެވުނެވެ. އޭރު ރަނީމްވެސް ހުރީ ސީދާ އޭނައަށް ބަލަހައްޓައިގެންނެވެ. ހައިފާގެ މޫނުމަތީން ފެނުނު އަސަރުތައް ހަމަ ރަނގަޅަށްވެސް ރަނީމްއަށް ދޭހަކުރެވުނެވެ. އޭނަ ހައިފާއަށް އެ މީހުން ތަޢާރަފްކޮށްލަދޭން އުޅެފައި ރައާބިލްއާ ނާވީއަށް ބަލައިލިއެވެ.
ހައިފާއަށް ބަލައިލުމަށްފަހު ރަނީމް ވާހަކަ ދެއްކިއެވެ.
"އެއީ އަހަރެންގެ ބައްޕަ. ދެން އެހެރީ އަހަރެންގެ ފިރިމީހާ...." ރަނީމް ބުނެލިއެވެ.
އެއާއެކު ހައިފާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
(ނުނިމޭ)