ޓިކްޓޮކުން ކުރު ޑްރާމާތަކަށް ޚާއްސަ އާ އެޕެއް ތައާރަފުކޮށްފި

މި އެޕަކީ ވަކިވަކި އެޕިސޯޑުތަކެއްގެ ގޮތުގައި ބަލާލެވޭނެ ކުރު ފިކްޝަން ވާހަކަތަކެއް ގެނެސްދޭ ޕްލެޓްފޯމެއް ---

ޓިކްޓޮކުން ކުރު ޑްރާމާތަކަށް ޚާއްސަ އާ އެޕެއް 'ޕައިންޑްރާމާ'ގެ ނަމުގައި ތައާރަފުކޮށްފިއެވެ.

ޓިކްޓޮކް ހިންގާ ބައިޓްޑާންސް ކުންފުނިން، ކުރު ޑްރާމާތަކަށް ނުވަތަ 'މައިކްރޯ ޑްރާމާ'ތަކަށް ޚާއްސަ މި އެޕު އަދި މިހާތަނަށް ތައާރަފުކޮށްފައިވަނީ އެމެރިކާއާއި ބްރެޒިލްގައި އެކަންޏެވެ. ނަމަވެސް، މަދު ހަފުތާތަކެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ފީޗާ ތައާރަފުކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިޒްނަސް އިންސައިޑާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެޕަކީ ވަކިވަކި އެޕިސޯޑުތަކެއްގެ ގޮތުގައި ބަލާލެވޭނެ ކުރު ފިކްޝަން ވާހަކަތަކެއް ގެނެސްދޭ ޕްލެޓްފޯމެކެވެ. މީގެ ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް މިނެޓެވެ. މިއީ އާދައިގެ ޓިކްޓޮކް ވީޑިއޯތަކާ އެއްގޮތަށް، އެކަމަކު ފިލްމީ ވާހަކައެއްގެ ސިފައިގައި ތަރުތީބުކޮށްފައިވާ ވީޑިއޯތަކެކެވެ.

އައިއޯއެސް އަދި އެންޑްރޮއިޑްގައި ލިބެން ހުރި މި އެޕް މި ވަގުތު ބޭނުންކުރެވެނީ މުޅިން ހިލޭ އަދި އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތަށެވެ. ނަމަވެސް، ކުރިމަގުގައި މީގައި އިޝްތިހާރު ހިމެނުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.

މިއެޕްގައި ހިމެނޭ 'ޑިސްކަވާ' ޓެބުން އެންމެ މަގުބޫލު ޑްރާމާތައް ހޯދާލެވޭނެ ---

ޕައިންޑްރާމާގައި ތަފާތު އެކި ބާވަތްތަކުގެ ޑްރާމާތައް ހިމެނެއެވެ. އޭގެ ތެރޭގައި ތުރިލާ، ރޮމޭންސް އަދި އާއިލީ މައްސަލަތަކަށް ބިނާކޮށްފައިވާ ވާހަކަތައް ހިމެނެއެވެ.

މި އެޕްގައި ހިމެނޭ 'ޑިސްކަވާ' ޓެބުން އެންމެ މަގުބޫލު ޑްރާމާތައް ހޯދާލެވޭއިރު، މީހާގެ ޝައުގުވެރިކަމަށް ބިނާކޮށް ވީޑިއޯތައް ރެކޮމެންޑް ކުރާނެއެވެ. މީގެ އިތުރުން، ބަލަމުންދާ ޑްރާމާތައް ފަސޭހައިން ހޯދޭނެ 'ވޮޗް ހިސްޓްރީ' އާއި، ގަޔާވާ ޑްރާމާތައް ސޭވްކުރެވޭނެ 'ފޭވަރިޓްސް' ބައެއް ވެސް މި އެޕްގައި ހިމެނެއެވެ.

ޓިކްޓޮކުން މި ފިޔަވަޅު އަޅާފައިވަނީ މިހާރު މި ދާއިރާގައި މަގުބޫލުކަން ހޯދަމުންދާ ރީލްޝޯޓް އަދި ޑްރާމާބޮކްސް ފަދަ އެޕްތަކާ ވާދަކުރުމަށެވެ. މައިކްރޯ ޑްރާމާގެ ދާއިރާއަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު އަހަރަކު 26 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކުރިއަރަމުން އަންނަ މާކެޓެއް ކަމަށް 'ވެރައިޓީ'އިން ވަނީ ރިޕޯޓްކޮށްފައެވެ.

ކުރިން 2020 ވަނަ އަހަރު 'ކުއިބީ' ނަމަކަށް ކިޔާ މިފަދަ އެޕެއް ބޮޑު އިންވެސްޓްމަންޓަކާ އެކު ތައާރަފުކުރި ނަމަވެސް، އެ އެޕް ވަނީ ހަ މަސް ތެރޭގައި ފެއިލްވެފައެވެ. ނަމަވެސް، ރީލްޝޯޓް ފަދަ އެޕްތައް ކާމިޔާބުވަނީ ކުޑަ ބަޖެޓަކުން، މީހުން ޝައުގުވެރިވާނެ ފަދަ 'ސޯޕް އޮޕެރާ' ސްޓައިލްގެ ވާހަކަތައް، ކޮންމެ އެޕިސޯޑެއްގެ ނިމުމުގައި އިތުރަށް ބަލަން ބޭނުންވާނެ ފަދަ ގޮތަކަށް ގެނެސްދޭތީއެވެ.

ޓިކްޓޮކުން މިހާރު ވެސް ކުރު ވީޑިއޯގެ ދާއިރާގައި ދުނިޔޭގެ ރަސްކަން ކުރަމުންދާއިރު، 'ޕައިންޑްރާމާ'އާ އެކު އެ ކުންފުނިން އަމާޒު ހިފާފައިވަނީ މުނިފޫހިފިލުވުމުގެ އާ ދާއިރާއެއްގައި ފައިތިލަ ސާބިތުކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު