އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އޯޕަންއޭއައިއިން އެ ކުންފުނީގެ މަގުބޫލު ޕްލެޓްފޯމް، ޗެޓްޖީޕީޓީގައި އިޝްތިހާރު ދައްކަން ފަށާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ސެން ފްރެންސިސްކޯއަށް ނިސްބަތްވާ މި ކުންފުނިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ޓެސްޓުތައް ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފައެވެ.
މި އިޝްތިހާރުތައް އެންމެ ފުރަތަމަ ޓެސްޓުކުރަން ނިންމާފައިވަނީ އެމެރިކާގައެވެ. ނަމަވެސް، ޓެސްޓު މަރުހަލާ ނިމުމުން ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ބަދަލު ގެންނާނެ ކަމަށް ބެލެވޭއިރު، މި އިއުލާން މި އައީ ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަން ޗެޓްޖީޕީޓީއަށް ޚާއްސަ އިސްކަމެއް ދިނުމަށް މުވައްޒަފުންނަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ޗެޓްޖީޕީޓީއާ އެކު ކުރާ ޗެޓްތައް އިޝްތިހާރުކުރާ ފަރާތްތަކާ ހިއްސާ ނުކުރާނެ ކަމަށް ވެސް އޯޕަން އޭއައި އިން ބުނޭ ---
އޯޕަންއޭއައިއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޗެޓްޖީޕީޓީގެ ހިލޭ ބޭނުންކުރާ "ފްރީ" ވާޝަނާއި "ގޯ" ޓިއާ ބޭނުންކުރާ ފަރާތްތަކަށް އިޝްތިހާރު ދައްކަން ފަށާނެ ކަމަށެވެ. މި ބަދަލާ ގުޅޭގޮތުން ކުންފުނިން ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ޗެޓްޖީޕީޓީން ދޭ ޖަވާބުތަކަށް އިޝްތިހާރު ކުރާ ފަރާތްތަކުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން އޯޕަންއޭއައިއިން ދެއެވެ.
މީގެ އިތުރުން، އިޝްތިހާރުތައް އަބަދު ވެސް ހުންނާނީ އޭއައިގެ ޖަވާބުތަކާ ވަކިން ކަމަށާއި، އެއީ އިޝްތިހާރެއްކަން އެނގޭނެހެން ސާފުކޮށް ލޭބަލް ކުރެވިފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ބޭނުންކުރާ ފަރާތްތަކުގެ ސިއްރުތައް ހިފެހެއްޓުމަށް އިސްކަންދޭނެ ކަމަށް ބުނަމުން އޯޕަންއޭއައިއިން ބުނީ، ޗެޓްޖީޕީޓީއާ އެކު ކުރާ މުއާމަލާތްތަކުގެ އެއްވެސް ތަފުސީލެއް އިޝްތިހާރު ކުރާ ފަރާތްތަކާ ހިއްސާ ނުކުރާނެ ކަމަށެވެ.
އިޝްތިހާރު ދެއްކުމަށް ނިންމާފައިވަނީ ހަމައެކަނި ހިލޭ ބޭނުންކުރާ ފަރާތްތަކަށް ކަމަށްވާއިރު، ޗެޓްޖީޕީޓީ ޕްލަސް، ޕްރޯ، އެންޓަޕްރައިޒް އަދި ބިޒްނަސް ސަބްސްކްރައިބަރުންނަށް މި އިޝްތިހާރުތަކެއް ނުފެންނާނެއެވެ.
ޑޭޓާ ބޭނުންކުރުމުގައި ވެސް ކޮންޓްރޯލް އޮންނާނީ ބޭނުންކުރާ މީހާގެ އަތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، ޕާސަނަލައިޒްޑް އިޝްތިހާރު ދެއްކުން ބޭނުން ނޫންނަމަ އެކަން ނިއްވާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި ބަދަލަކީ މީހުން ގިނަ ވަގުތު އެޕްގައި ހޭދަކުރުވުމަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕްލެޓްފޯމުގައި ދައްކާ އިޝްތިހާރުތައް ހުންނާނީ މައުލޫމާތު ލިބޭ، މުނިފޫހިފިލުވައިދޭ އަދި ވާހަކަދެކެވޭ ފަދަ ގޮތަކަށެވެ. އަދި، ކުދި ވިޔަފާރިތަކަށް އޭއައި ބޭނުންކޮށްގެން އަމިއްލަ ތަޖުރިބާތަކެއް ޗެޓްޖީޕީޓީގެ ތެރޭގައި އުފެއްދުމުގެ ފުރުސަތު އިޝްތިހާރުގެ ޒަރީއާއިން ލިބޭނެ ކަމަށް އޯޕަންއޭއައި އިން ހާމަކުރެއެވެ.
މި ވަގުތު މި މަސައްކަތް އޮތީ ޓެސްޓު ކުރުމުގެ މަރުހަލާގައި ކަމަށްވުމުން، ކުރިމަގުގައި އިޝްތިހާރު ދައްކާ ފޯމެޓާއި، އެކަން ކުރާނެ ގޮތްތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.