ސްމާޓް އައިނު: ފޯނާ ނުލައި ބޭނުންކުރެވޭ ވަސީލަތަކަށް

"ރޭނިއޯ އެކްސް3 ޕްރޯ" ގެ އާ ކޮންސެޕްޓް --

ސްމާޓް ގްލާސް ނުވަތަ ޒަމާނީ އައިނުތަކަކީ ފޯނާ ގުޅިފައިވާ "އެކްސެސަރީ" އެއްގެ ބަދަލުގައި، ފޯނާ ނުލައި އަމިއްލައަށް މަސައްކަތްކުރާ ވަސީލަތަކަށް ހެދުމުގެ މަސައްކަތް ޓެކްނޮލޮޖީ ކުންފުނިތަކުން ފަށައިފިއެވެ.

މިގޮތުން، އޭއާރް ގްލާސް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓީސީއެލްއިން ދާދި ފަހުން ވަނީ "ރޭނިއޯ އެކްސް3 ޕްރޯ" ގެ އާ ކޮންސެޕްޓެއް ދައްކާލާފައެވެ. މި އައިނުގެ އެންމެ ޚާއްސަ ކަމަކީ އޭގައި ހިމެނޭ ބިލްޓް-އިން އީ-ސިމްއެވެ. މީގެ ސަބަބުން ފޯނަކާ ގުޅާނުލައި، ސީދާ އައިނު މެދުވެރިކޮށް 4ޖީ އިންޓަނެޓް ބޭނުންކުރެވޭނެއެވެ.

މިހާރު ބާޒާރުގައި ހުރި ގިނަ ސްމާޓް އައިނުތަކުން ކޯލް ކުރުމާއި، މެސެޖު ކުރުމާއި، ޔޫޓިއުބް ބެލުން ފަދަ ކަންކަން ކުރެވުނު ނަމަވެސް، މި ހުރިހާ ކަމެއް ހިނގަނީ ފޯނުގެ އިންޓަނެޓް ކަނެކްޝަން ބޭނުންކޮށްގެންނެވެ. މީގެ މާނައަކީ ފޯނާ ނުލައި މި އައިނުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭނެ ކަމެވެ.

މި އައިނުގެ އެންމެ ހާއްސަ ކަމަކީ އޭގައި ހިމެނޭ ބިލްޓް-އިން އީ-ސިމް ---

މެޓާ ފަދަ ކުންފުނިތަކުން 800 އާއި 1000 އަށްވުރެ ގިނަ ޑޮލަރަށް މިފަދަ އައިނުތައް ވިއްކަމުންދާއިރު، ކަސްޓަމަރުން ބޭނުންވަނީ ފޯނު ގޭގައި ބާއްވާފައި ނުކުންނައިރު ވެސް ބޭނުންކުރެވޭނެ ފަދަ "ސްޓޭންޑްއެލޯން" ވަސީލަތަކަށް މި ތަކެތި ވުމަށެވެ.

ނަމަވެސް، ފޯނުގެ ބަދަލުގައި ބޭނުންކުރާ ވަސީލަތްތަކުގެ ގޮތުގައި މީގެ ކުރިން ނެރުނު "ހިއުމަން އޭއައި ޕިން" ފަދަ އާލާތްތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، ސްމާޓް ގްލާސްތަކަކީ ފޯނު އެއްކޮށް ބަދަލުކޮށްލާނެ އެއްޗަކަށް ވާނެތޯ ނުވަތަ ނޫންތޯ މިއީ އަދި އޮތް ސުވާލެކެވެ.

ޓެކްނޮލޮޖީ މާހިރުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ސްމާޓް ގްލާސްތައް ވާނީ ފޯނު އެއްކޮށް އުވާލާނެ ވަސީލަތަކަށްވުރެ ބޮޑަށް، "އެޕަލް ވޮޗް" ފަދައިން ފޯނާ ނުލައި ވެސް ގިނަ ކަންތައްތަކެއް ކޮށްލެވޭނެ އިތުރު ވަސީލަތަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު