ކްރިމިނަލް ކޯޓުން ވަކިކުރި ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ދޫކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފިއެވެ.
އަލީ އަންވަރު މުހައްމަދުގެ މައްސަލަ ހައިކޯޓުގައި މި ފެށީ، އެންމެ ފުރަތަމަ އެ މައްސަލަ އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން، ދައުލަތުން އަލުން ހުށަހެޅުމުން ފަނޑިޔާރުންގެ ނިންމުމަކުން އެ މައްސަލަ ބަލައިގަނެގެންނެވެ. އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރުމުން، ހައިކޯޓަށް ބަލައި ނުގަންނަން ނިންމީ، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދުއެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ފެށިއިރު، އަންވަރުވަނީ އޭނާއަށް ވަކީލަކު ހަމަ ޖައްސަން ފުރުސަތަކަށް އެދިފައެވެ. އެހެންނަމަވެސް ވަކީލަކު ހަމަ ޖައްސަން އެކަށީގެންވާ މުއްދަތެއް ދީފައިވާ ކަމަށް ނިންމައި، ފަނޑިޔާރުންގެ ބެންޗުން ނިންމީ އިތުރަށް ވަކީލެއްގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމީ، އެ ބާވަތުގެ މައްސަލައަކީ ވަކި މުއްދަތެއްގެ ތެރޭގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށްވާތީ ކަމަށްވެސް ބެންޗުން ހާމަ ކުރެއްވިއެވެ.
މި މައްސަލައިގެ އިސްތިއުނާފު މަރުހަލާއިން އެނގުނު ގޮތުގައި އަންވަރުގެ މައްޗަށް ދައުލަތުން މިހާރުވަނީ ދައުވާވެސް ކޮށްފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން، ގާޒީ ފާއިޒް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ އެއް މައްސަލައަކީ އަންވަރުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ އަންވަރު، ދޫކޮށްލާފައިވަނީ ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެއެވެ. އަންވަރު ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާހަގަކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އަންވަރު, ހައްޔަރުކުރުމުގެ އަމުރަކާއި އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވިފައިވާ އަންވަރު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލުމުން ފުރައިގެން ދިޔައީ ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން އަލުން އޭނާ ހައްޔަރުކުރިއެވެ.
ރިކޯޑްތަކުން ދައްކާ ގޮތުން، އަންވަރަކީ 2019 ވަނަ އަހަރު އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާކުރި މީހެކެވެ. އެގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއް ކަމުގައި ފުލުހުން ތުހުމަތުކުރީ އަންވަރަށެވެ.