ތެލުގޫ ފިލްމު "ޕުޝްޕާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ދެކުނު އިންޑިއާގެ ފިލްމީ ތަރި އައްލޫ އަރުޖުން އާ ފިލްމަކަށް ސޮއިކުރިކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ދެކުނު އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް މައިތްރީ މޫވީ މޭކާސް ބެނާގެ ދަށުން އުފައްދާ ފިލްމެކެވެ.
އައްލޫ އަރުޖުންގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި "ޕުޝްޕާ" ދެ ފިލްމު ވެސް ގެނެސްދީފައި ވަނީ އެ ސްޓޫޑިއޯއިންނެވެ.
މިދިޔަ ބުދަ ދުވަހު ޑައިރެކްޓަރު ލޮކޭޝް ސޯޝަލް މީޑިއާގައި އައްލޫ އާ ފިލްމަކަށް ސޮއިކުރިކަން އިއުލާނު ކުރަމުން ބުނެފައި ވަނީ އަނެއްކާވެސް އިތުރު ބްލޮކްބާސްޓަ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ފިލްމަށް ވަގުތީ ގޮތުން ކިޔާފައިވާ ނަމަކީ "އޭއޭ23" ކަމަށް ލޮކޭޝްގެ ޕޯސްޓުގައި ވަނީ ބަޔާންކޮށްފައެވެ.

އައްލޫ އަރުޖުންގެ އާ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓީވީ
އައްލޫ އަރުޖުން އިތުރު ފިލްމެއް އިއުލާނުކުރިއިރު އޭނާ އަންނަނީ ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އައްލޫ އަރުޖުންއާ އެކު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ފެންނާނެ މި ފިލްމަކީ ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ.
މިހާތަނަށް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ލޮކޭޝްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ލިއޯ"، "ފައިޓް ކްލަބް" އަދި މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކޫލީ" ހިމެނެއެވެ.
ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އެކްޓަރު އައްލޫ އަރުޖުން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2024ގައި ރިލީޒްކުރި ފިލްމު "ޕުޝްޕާ 2"އެވެ.
މި ފިލްމަށް ލިބެމުން އަންނަ ތަރުހީބާ އެކު ފިލްމުގެ ތިން ވަނަ ބައެއް ގެނެސްދޭނެ ކަމުގެ އިޝާރާތެއް ވެސް ފިލްމު ގެނެސްދިން މައިތްރީ މޫވީސްއިން ވަނީ ދީފައެވެ.