ނުކުޅެދުންތެރިކަން ހުރި 14،000 މީހަކަށް މިދިޔަ މަހު 53 މިލިއަން ރުފިޔާގެ އެހީ

ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ފުރޮޅުލީ ގޮނޑީގައި: ރާއްޖޭގެ އާބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުރޭ -- ފޮޓޯ/ ބީއެމްއެލް

ނުކުޅެދުންތެރިކަން ހުރި 14،000 އަށްވުރެ ގިނަ މީހުންނަށް މިދިޔަ މަހު 53 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ އެލަވަންސެއް ދެމުންނެވެ. އަދި، 2023 ވަނަ އަހަރު އެ އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 15،059 މީހުން ރަޖިސްޓްރީވެފައިވެއެވެ. އަލަށް 140 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އަދި، އޭގެ ތެރެއިން 14،816 މީހަކަށް މިދިޔަ މަހު އެންސްޕާއިން ވަނީ 53.8 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ނުކުޅެދުންތެރިކަމުގެ ދަފުތަރުގައި ހިމެނޭ މީހުންގެ ގިންތިތައް:

  • ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4223 މީހުން
  • މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،396 މީހުން
  • ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،871 މީހުން
  • ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުން
  • އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،791 މީހުން
  • ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،018 މީހުން
  • އޯޓިޒަމް ހުންނަ 588 މީހުން
  • އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންސްޕާއަށް ދައުލަތުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ސަރުކާރުން އަންނަނީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރު ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދެމުންނެވެ. އަދި، ސަރުކާރުން ވަނީ ވަޒީފާ ލިބުނު ނަމަވެސް އެ މީހުންނަށް ލިބޭ އެލަވަންސް ކަނޑާނުލާނެކަން ޔަގީންކޮށްދީފައެވެ.

comment ކޮމެންޓް