ފުރަތަމަ ލެގުގައި ޗެލްސީ އަތުން އާސެނަލަށް މޮޅެއް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލުން ފުރުސަތު ބޮޑުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މިއީ ލިބުނު ކޯނަރަކުން ބެން ވައިޓް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަކީ ޗެލްސީގެ ކީޕަރު ސަންޗޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އާސެނަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މިފަހަރުވެސް ކީޕަރަށް ހެދުނު ގޯހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ވިކްޓަ ޔޯކެރޭޝްއެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލެހަންދްރޯ ގަަނާޗޯއެވެ. އޭނާ މި ލަނޑު ޖެހީ 57 ވަނަ މިނެޓުގައެވެ.

އޭގެފަހުން މެޗުގެ 71 ވަނަ މިނިޓްގައި އާސެނަލްގެ މާޓިން ޒުބިމެންޑީ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ. ޗެލްސީގެ ދެވަނަ ލަނޑު ޖެހީ 83 ވަނަ މިނިޓްގައި ގަނާޗޯއެވެ.

އާސެނަލް ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުލޭނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު