އިންޑިއާގެ މަގުބޫލު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ދަ ބްލަފް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ކެރެކްޓާ ކުޅޭ އެކްޝަން ތުރިލާ "ދަ ބްލަފް" އަކީ ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމާ އެކު ފިލްމު ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ބަތަލާ ޕްރިޔަންކާ ވަނީ މަސައްކަތްކޮށްފައެވެ.
ޕްރިޔަންކާއާ އެކު ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ ކާލް އާބަން، އިސްމާއިލް ކްރޫޒް ކޯޑޯވާ، ސާފިއާއޯކްލޯ ގްރީން، ޒެކް މޮރިސް، އަދި ޑޭވިޑް ފީލްޑް ހިމެނެއެވެ.
ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފައި މިވަނީ "ދަ ބްލަފް"ގެ ކުރު ޓީޒާއެއް ރިލީޒްކުރިތާ ދެ ދުވަސް ފަހުންނެވެ. ފިލްމުގެ ޓްރެއިލާ ބަލާލުމަށްފަހު ބަތަލާއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ މި ފިލްމުން ޕްރިޔަންކާގެ ބޮލީވުޑް ފިލްމު "މެރީ ކޮމް"ގެ ހަނދާންތައް އާކޮށްދީފި ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބުނެފައެވެ. މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާ ކުރާނީ މި އަންނަ ފެބްރުއަރީ މަހުގެ 25ގައެވެ.

"ދަ ބަލްފް"ގެ މަންޒަރެއްގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/އިންޑިއާޓީވީނިއުސް
ހޮލީވުޑްގެ ޕްރޮޖެކްޓްތަކެއް މިހާރުވެސް ލިބިފައިވާ އިންޑިއާގެ ބަތަލާ ދާދިފަހުން ވަނީ އިންޑިއާގެ ސިނަމާގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
އެގޮތުން ބަތަލާ ރަސްމީކޮށް ސޮއިކޮށް މަސައްކަތް ފަށާފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ވަރަނާސީ"ގައެވެ. މި ފިލްމުގެ ވަރަށް ބޮޑު ބައެއްގެ ޝޫޓިންގް ނިމިފައިވާއިރު ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނީ އަންނަ އަހަރު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.