ގޫގުލްގެ 'ވިއޯ3.1' އޭއައި މޮޑެލްއިން ޓިކްޓޮކް ވީޑިއޯ އުފެއްދޭ ގޮތް ހަދައިފި

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ "އިންގްރީޑިއަންޓްސް ޓު ވީޑިއޯ" ފީޗާއަށް ގެނައި ކުރިއެރުން ---

ގޫގުލްގެ ވީޑިއޯ އުފައްދާ އޭއައި މޮޑެލް ކަމަށްވާ "ވިއޯ 3.1" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޓިކްޓޮކް، އިންސްޓަގްރާމް ރީލްސް އަދި ޔޫޓިއުބް ޝޯޓްސް ފަދަ ވަސީލަތްތަކަށް ޚާއްޞަ 'ވާޓިކަލް' ވީޑިއޯ އުފެއްދުމުގެ ގާބިލުކަން އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

އިއްޔެ ގޫގުލްއިން އާންމުކުރި މި އަޕްޑޭޓަކީ އޯޕަން އޭއައިގެ 'ސޯރާ' މޮޑެލްއާ ވާދަކުރުމުގެ ގޮތުން ގެނައި ބަދަލުތަކެކެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ "އިންގްރީޑިއަންޓްސް ޓު ވީޑިއޯ" ފީޗާއަށް ގެނައި ކުރިއެރުމެވެ. މި ފީޗާގެ އެހީގައި، ބޭނުންކުރާ މީހާއަށް އެކަކު ނުވަތަ އެއަށްވުރެ ގިނަ ފޮޓޯ އަޕްލޯޑްކޮށް، އެ ފޮޓޯތަކުގެ މައްޗަށް ބިނާކޮށް ވީޑިއޯ އުފެއްދުމަށް އޭއައިއަށް އިރުޝާދު ދެވޭނެއެވެ.

https://sun.mv/215191

ގޫގުލްއިން ބުނާ ގޮތުގައި އާ މޮޑެލްއާއެކު ވީޑިއޯގައި ހިމެނޭ ކެރެކްޓާތަކާއި ބެކްގްރައުންޑް މުޅި ވީޑިއޯ ނިމެންދެން އެއްގޮތަކަށް ހިފެހެއްޓުމުގެ ގާބިލުކަން ވަނީ ވަރުގަދަކޮށްފައެވެ. މިއީ ދިގު ވާހަކައެއްގެ ސިފަޖެހޭ ގޮތަށް އެކި މަންޒަރުތައް ގުޅުވައިގެން ވީޑިއޯ ތައްޔާރުކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން، ކުރިން ދިގުކޮށް ލިޔަންޖެހޭ "ޕްރޮމްޕްޓް" ނުވަތަ އިރުޝާދުތަކުގެ ބަދަލުގައި، މިހާރު ވަރަށް ކުރު އިރުޝާދަކުންވެސް މޮޅު ވީޑިއޯތައް އުފެއްދޭނެއެވެ. މިސާލަކަށް "ކޮފީ ޝޮޕެއް ހިންގާ ރެކޫންއެއްގެ ޑޮކިއުމަންޓްރީއެއް" ފަދަ ކުރު ޢިބާރާތަކުންވެސް ސިނަމެޓިކް ފެންވަރުގެ ވީޑިއޯ މި މޮޑެލްއިން ތައްޔާރުކޮށްދެއެވެ.

ވިއޯ 3.1 ގެ އެންމެ މުހިންމު އެއް ބަދަލަކީ 9:16 ރޭޝިއޯ ނުވަތަ ކޮޅަށް ހުންނަ ވީޑިއޯ އުފެއްދުމުގެ ގާބިލުކަމެވެ. މީގެ ސަބަބުން ވީޑިއޯ ކްރޮޕްކުރަން ނުޖެހި، ކޮލިޓީ ނުގެއްލި ސީދާ ސޯޝަލް މީޑިއާއަށް ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ. އަދި މިހާރު 1080ޕީ ކޮލިޓީ އިތުރަށް ރަނގަޅުކޮށް، 4ކޭ އަށް ވީޑިއޯގެ ފެންވަރު މަތިކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި އައު ފީޗާތައް މިހާރު ޔޫޓިއުބް ޝޯޓްސް، ޔޫޓިއުބް ކްރިއޭޓް އެޕް އަދި ޖެމިނައި އެޕް މެދުވެރިކޮށް އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި ވިޔަފާރިތަކާއި ޑިވެލޮޕަރުންނަށް 'ފްލޯ' އެޕް، ޖެމިނައި އެޕީއައި އަދި 'ވާޓެކްސް އޭއައި' މެދުވެރިކޮށް މި ޚިދުމަތް ލިބޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު