ފަސްދޮޅަސް ވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިން ޑައިވްކުރަނިކޮށް ރާއްޖޭގައި މަރުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް'އިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މަހު އެ ދެމަފިރިން މަރުވީ، އއ. އެއްލައިދޫ ބައި ސިނަމަވަން ރިސޯޓު ކައިރީގައި ހިނގި ހާދިސާއެއްގައެވެ.
އެއީ 70 އަހަރުން މަތިވެ ރިޓަޔާކޮށްފައިވާ އިލެއިން ރިޗްމަންޑާއި ފިރިމީހާ، މެލްކަމް ރިޗްމަންޑެވެ.
އެ ނޫހުން ބުނީ، މިދިޔަ މަހު 19 ގައި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި އެ ދެމަފިރިން ފެނުނީ ކަނޑުމަތިން އޮޔާދަނިކޮށް ކަމަށެވެ. އެ މީހުން މޫދުން ނެގިއިރު، އަންހެން މީހާ އޮތީ މަރުވެފައި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި، ފިރިހެން މީހާ މަރުވީ، ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުން ހޮސްޕިޓަލުގައެވެ. އެއީ، މިދިޔަ މަހު 22 ވަނަ ދުވަހެވެ.

ރާއްޖެއަށް 60 ވަނަ ފަހަރަށް ކުރި ޒިޔާރަތުގައި މަރުވި ދެމަފިރިން ----
ދެމަފިރިންގެ ޖާނާޒާގެ ކަންކަން އިންތިޒާމުކުރާ މީހާއާ ހަވާލާދީ އެ ނޫހުގައި ބުނީ، އެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށެވެ. އެ ދެމަފިރިންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 29 ގައި އިނގިރޭސިވިލާތުގައެވެ.
ޑެއިލީ މެއިލްގައި ބުނި ގޮތުގައި، އެ ދެމަފިރިން އެއްލައިދޫ ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު އެކަނި ތިން ފަހަރަށް ރާއްޖެ އައެވެ. އަދި، މިދިޔަ 17 އަހަރު ވެސް ކްރިސްމަސް ޗުއްޓީ އެ ދެމަފިރިން ފާހަގަކުރީ އެއްލައިދޫ ރިސޯޓުގައިކަން އެ ނޫހުން ފާހަގަކުރިއެވެ.
އެ ދެމަފިރިންގެ ދަރިއަކު ނުހުންނަކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ވަރަށް ގިނައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް އުޅެއެވެ. ބައެއް ފަހަރު މަދުން ނަމަވެސް ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި ހުރެއެވެ.