ގޭގައި ކެނަބިސް ގަސް ހައްދައި، އިތުރު މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން 100 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ނ. ކެނދިކުޅުދޫ، އަހުމަދު ޔާސިހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، މަސްތުވާތަކެތި އުފެއްދުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގީ މޭ 13، 2023 ގައެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި މަރުޖުވާނާ ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އާންމުންގެ މީހެކެވެ. އެހެންވެ، ފުލުހުން ޔަސީހް ދިރިއުޅޭ ގ. ރިމިނީ ގެއަށް ދިޔައިރު އެ ސަރަހައްދުން ކެނަބިސް ގަހެއް ފެނިގެން އެ ތަނުގައި މަޑުކޮށްގެން ތިއްބާ އޭނާ އައިސް އެއީ ޔާސިހްގެ އެއްޗެއް ކަމަށް އެއްބަސްވި ކަމަށެވެ. އަދި، ގޭގައި ވެސް އިތުރު ގަސްތަކެއް ހުންނާނެ ކަމަށް އޭނާ ބުނި ކަމަށް ދައުވާގައިވެއެވެ.
އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ބެލްކަނިން ހަތަރު ގަސް ފެނިފައިވާއިރު ކޮޓަރިން އިތުރު ދެ ގަސް ފެނިފައިވެއެވެ. މީގެ އިތުރުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމުލަ 300 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު: ކެނަބިސް ގަސްތަކެއް ހެއްދި މީހަކަށް ވަނީ 100 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
ދައުވާގައި އެހެން ބުނި ނަމަވެސް ކޯޓުގައި ޔާސިހް ވަނީ އޭނާ އަމިއްލައަށް އެ ގަސްތަކާއި ހަވާލުވެ އެޕާޓްމަންޓް ދެއްކުމަކީ 'އާދަޔާ ޚިލާފު' ކަމެއް ކަމަށް ބުނެފައެވެ.
އެކަމަކު، ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. ރާއްޖެއަކީ ކެނަބިސް ލިބެން ހުރި ގައުމެއް ނޫންއިރު އެ ތަކެތި ލިބުން ގޮތަކާއި ހެއްދި ބޭނުމެއް ވެސް އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.
އެހެންވެ، އޭނާގެ މައްޗަށް ޖުމުލަ 100 އަހަރުގެ ޖަލު ހުކުމަކާއި 400،000 ރުފިޔާގެ ޖޫރިމަނާ ހުކުމެއް ވަނީ އިއްވާފައެވެ. އެއީ ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، ކޮންމެ ދައުވާއަކަށް ވަކިވަކިން އިއްވި 25 އަހަރުގެ ޖަލު ހުކުމާއި 100،000 ރުފިޔާގެ ޖޫރިމަނާ އެއްކޮށްލުމުންނެވެ.
ކުށުގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ ބަންދުގައި ދެ އަހަރާއި ހަތް މަސް ދުވަސް ހޭދަކޮށްފައެވެ. އެހެންވެ، އޭނާ ތަންފީޒުކުރަން ޖެހޭނީ 98 އަހަރުގެ ޖަލު ހުކުމެކެވެ.