އިންސާނުން ގިނަ ދުވަހު ދިރިހުރެވޭނެ ގޮތްގޮތް ހޯދިދާނެ: މަސްކް

މަހުޖަނު އީލޮން މަސްކް ---

އިންސާނުން މާސް އަށް ފޮނުވުމުގެ އުންމީދީ މަސައްކަތްތަކެއް ކުރަމުން އަންނަ މަޝްހޫރު މަހުޖަނު އީލޮން މަސްކް، އިންސާނުން ގިނަ ދުވަހު ދުނިޔޭގައި ތިބުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފިއެވެ.

ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯ މަސްކް މިހެން ބުނީ ދާދި ފަހުން އޭނާ ބައިވެރިވި "މޫންޝޮޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި އިންސާނުންގެ އުމުރު ދިގުކުރުމަކީ ނުވަތަ "ސެމީ އިމޯޓަލިޓީ" (މަރުނުވެ ގިނަ ދުވަހު ދިރިހުރުން) އަކީ އިލްމީ ގޮތުން ހާސިލްކުރެވިދާނެ، ހަގީގީ ލަނޑުދަނޑިއެކެވެ.

މަސްކް ބުނި ގޮތުގައި އުމުރު ދިގުކުރުމަކީ އޭނާ ދެކޭ ގޮތުގައި އެހާ އުނދަގޫ ކަމެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިންސާނާ މުސްކުޅިވުމުގެ މަރުހަލާއަކީ އެކަށީގެންވާ ބަޔޮލޮޖިކަލް ވަސީލަތްތަކެއް ބޭނުންކޮށްގެން ބަދަލު ކުރެވިދާނެ ކަމެކެވެ.

އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރަނީ ވަކި "އޭޖިންގް ޕްރޮގްރާމެއްގެ" ދަށުން ކަމަށާއި، އެ ޕްރޮގްރާމަށް ބަދަލު ގެނެވިދާނެ ކަމަށް މަސްކް ވަނީ ދައުވާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެއްވަރަކަށް މުސްކުޅިވަނީ ހަށިގަނޑުގައި ހުންނަ ވަރަށް ސާފު "ކްލޮކެއްގެ" ނުވަތަ ޕްރޮގްރާމެއްގެ ސަބަބުންނެވެ.

މަސްކް މިސާލު ޖައްސަމުން ބުނީ އެއްވެސް މީހެއްގެ ވާތް ފަރާތު އަތް މުސްކުޅިވެފައި، ކަނާތް ފަރާތު އަތް ޒުވާންކޮށް ނުހުންނަ ކަމަށެވެ. މިއީ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެއްވަރަކަށް މުސްކުޅިވުމަށް ބާރުއަޅާ ޕްރޮގްރާމެއް އިންސާނާގެ ހަށިގަނޑުގައި އޮންނަކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، އިންސާނާގެ ހަށިގަނޑަކީ ކުރިން ރޭވިފައިވާ (ޕްރީ-ޕްރޮގްރާމްޑް) ގޮތަކަށް މަރުވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމަށް ބަދަލު ގެނެސްފިނަމަ އިންސާނުންނަށް މާ ގިނަ ދުވަހު ދިރިތިބެވޭނެ ކަމަށް މަސްކް ގަބޫލުކުރެއެވެ.

މަސްކްގެ މި ޚިޔާލުތަކާ އެއްގޮތަށް، ޓެކްނޮލޮޖީ ދާއިރާގެ އިތުރު ބައެއް އިސް ފަރާތްތަކުން ވެސް ދަނީ އިންސާނުންގެ އުމުރު ދިގުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އޯޕަން އޭއައި ގެ ސީއީއޯ ސޭމް އޯލްޓްމަން ހިމެނެއެވެ.

ސޭމް އޯލްޓްމަން ވަނީ އިންސާނާގެ ދުޅަހެޔޮ އުމުރު 10 އަހަރަށްވުރެ އިތުރުކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ "ރެޓްރޯ ބަޔޯސައިންސަސް" ކުންފުންޏަށް 180 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ.

ހަމައެހެންމެ، ޓެކް މިލިއަނަރު ބްރަޔަން ޖޯންސަން އަކީ އޭނާގެ ބަޔޮލޮޖިކަލް އުމުރު ދަށްކުރުމަށް ޓަކައި އަހަރަކު އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަމުންދާ ފަރާތެކެވެ. އޭނާ ވަނީ އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބަޔޮލޮޖިކަލް ގޮތުން ޒުވާންވަމުންދާކަމުގެ ނަތީޖާތައް "ބްލޫޕްރިންޓް" މަޝްރޫޢުގެ ދަށުން އާންމުކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު