ލިސާން: ވާހަކަ --

"ނޫން ނޫން...." ޝާރިފް އެނދުން ފުންމައިގެން ތެދުވިއެވެ. އޭރު ކޮޓަރި ތެރޭގައި ކަޅު ހިޔަނިތަކެއް ހަރަކާތްތެރިވަމުން ދިޔައިރު، ފާޑެއްގެ ބިރުވެރި އަޑު ފަށްގަނޑެއްވެސް ހުއްޓެވެ. ހީވަނީ ވައިރޯޅިތައް ބާރު ސަރަހައްދެއްގައި އުލެވޭހެންނެވެ.

ވަށައިގެން ބަލަމުން ދިޔަ ވަރަކަށް އޭނަގެ ބޮލަށް އެނބުރުން އަރަމުން ދާހެންވެސް ޝާރިފްއަށް ހީވާން ފެށިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައްޓާފައި ދަމައިގަތްގޮތުން ހީވީ އިސްތަށިތައްވެސް އުފުރާލަން އުޅުނުހެންނެވެ.

"ކާކު؟ ކާކު ތީ؟" ޝާރިފްއަށް ހަޅޭއްލަވައިގަނެވުނެވެ. "ކާކުހޭ ތީ؟"

"ކަލޭތީ މިހާރު އަހަރެމެންގެ މިލްކެއް. ބުނެފީމެއްނު ހާމިދުވަނީ ކަލޭ އަހަންނަށް ހިބައިން ދީފައޭ...." އަނެއްކާވެސް ހަމަ އެ އަޑެވެ. ހަމަ އޭނަގެ ކަންފަތް ދޮށުގައެވެ. ޝާރިފްއަށް ކަންފަތުގައި އަތުން ޖަހައިލެވުނެވެ. ތަދުވާވަރަށެވެ. ހީވީ ކަންފަތް ކައިރިން އެއްޗެއް ފައްސައިލަން އުޅުނު ހެންނެވެ. އަނެއްކާވެސް އިވުނީ ނުބައި ޒާތެއްގެ ހިނިގަނޑެކެވެ.

"ކަލޭހީކުރީ އެހާ ފަސޭހައިން ސަލާމަތްވެވޭނެކަމަށްތަ؟ ކަލޭމެން ކަހަލަ މީހުންގެ ސަބަބުން، އަހަރެމެންގެ މީހުން ޤައިދުވަނީ. ކަލޭމެން ސިހުރު ހަދަން ނުބުނާނަމަ އެކަން އެގޮތަކަށް ނުވީސް. އަހަރެމެންގެ ތެރެއިން ބަޔަކު އެކަމުގެ ތެރޭގައި މަރުނުވީސް....." ދެން އިވިގެން ދިޔައީ ބަރު އަޑެކެވެ. ހީވީ މުޅި ކޮޓަރި ތެރޭގައި އެ އަޑު ގުގުމާލިހެންނެވެ. ރުޅިވެރިކަމާއި ނަފްރަތު ނޫން އެއްޗެއް އެ އަޑުގައި ނުވެއެވެ.

"އަހަރެންގެ މުޅި ޢާއިލާ މަރުވެ ދިޔައީ ކަލޭގެ ސަބަބުން... ހާމިދެކޭ އެއްގޮތަށް ކަލޭއަށް ވެސް ދުނިޔޭގައި ހުރުމުގެ ފުރުސަތެއް ދެނެއް ނުލިބޭނެ...." އަޑު އިވިލިއެވެ.

"ނޫން. އަހަންނެއް ނޫން...." ޝާރިފްއަށް ބުނެވުނެވެ. އޭރު މީހާ ވަނީ ދަލުން ފެންވެރިފައެވެ. ބިރުވެރިކަމުން މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ. ދެލޯ މަރާ ތަގުޅިކޮށްލުމަށްފަހު ކަންފަތުގައި އަތް އަޅައިލެވުނީ އެ ހުރިހާ އަޑެއް އެއްފަހަރާ އޭނަގެ ކަންފަތް ދޮށުގައި ތަކުރާރުވާން ފެށިގެން ހީވުމުންނެވެ.

"އަހަންނަށް މާފުކުރޭ... މާފުކުރޭ.... އަހަރެން އެންމެން ގާތުން މާފަށް އެދޭނަން. ދެން އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނަން...." ޝާރިފްއަށް ކިޔެމުން ދިޔައެވެ.

ކަރަށް ވާންވެގެން ދިޔުމާއެކު ޝާރިފްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީވަނީ ނުފެންނަ އަތަކުން އޭނަގެ ކަރުގައި ހިފާ ބާރުކޮށްލާފައި ވާހެންނެވެ. ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެން ފެށި ޝާރިފް އޭނަގެ ކަރުގައި ހިފައްޓާފައިވާ އަތް ނައްޓުވައިލަންވެގެން މަސައްކަތްކުރަން ފެށިއެވެ. ދެން ފެނުނީ އޭނަ ހުރި ތަނުން މައްޗަށް އަރަން ފެށި ތަނެވެ. ނޭވާނުލެވި މުޅި މީހާ ހުދުވާން ފަށައިފިއެވެ. އޭރުވެސް އެ ގައިދުން މިންޖުވުމަށް ޝާރިފް ތެޅި ފޮޅެނީއެވެ. ނާރުތައްވެސް ފުއްޕައިލީ ހަށިގަނޑުގެ ލޭ ދައުރުވުމަށް އައި ބަދަލުން ކަންނޭނގެއެވެ. މުޅީ މީހާގެ ހަށިގަނޑު ފިތެމުން ދިޔަހެންވެސް އޭނައަށް ހީވާން ފެށިއެވެ.

ކުއްލިއަކަށް އިވުނު ބާރު އަޑު ފައްގަނޑާއެކު ހީވީ ބޮޑެތި ގާބުރިތަކެއް އެއްފަހަރާ ފުޅާޅުމައްޗަށް އޮއްސައިލިހެންނެވެ. ހަމަ އެހިނދު ކޮޓަރި ތެރެއިން ނުލާ ފެހިކުލައިގެ އަލިކަމެއް ފާޅުވެގެން ދިޔައެވެ. އެ މަންޒަރު ރީތިކޮށް ޝާރިފްއަށް ފެނުނެވެ. ހަމައެއާއެކު އެތަނުން ފާޅުވީ ދެމީހުންވެސް މެއެވެ. އެމީހުންގެ ސިފަ އިންސާނުންނާ ވައްތަރުވިނަމަވެސް، އެއީ އިންސާނުންނޫންކަން އޭނައަށް އެނގުނެވެ. އޭރު ނޭވާ ކޮޅުންލާން ފަށައިފިއެވެ. ދެންމެ ދެންމެ ފުރާނަ ވަކިވަނީހެން ހީވި ވަގުތުކޮޅު، ކުއްލިއަކަށް އޭނަގެ ކަރުގެ ވާންކަން ދޫވެގެން ދިޔައެވެ. ހީވީ މީހަކު އައިސް އެ އަތް ދުރުކޮށްލިހެންނެވެ. ހުރިގޮތަށް ޝާރިފް ވެއްޓުނީއެވެ. ވެއްޓުނީ އެނދުމައްޗަށް ކަމަށްވުމުން އޭނައަށް މާ ބޮޑު އަނިޔާއެއް ނުލިބުނެވެ. ނޭވާ ހަމައަކަށް އެޅުވުމަށްޓަކައި ފުންކޮށް ނޭވާތަކެއް ޝާރިފްއަށް ލެވެން ފެށުނެވެ. އޭރު އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ނޭވާ ހަމައަކަށް އަޅުވަމުން އޭނަ އެ ދެމީހުންނަށް ބަލައިލިއެވެ. އެކަކަކީ ޒުވާން ފިރިހެނެކެވެ. އަނެކަކުވެސް އެހާ މުސްކުޅިއެއް ނޫނެވެ. ބަލާބެލުމަށް ވައްތަރީ ދެބައި އުމުރުގެ މީހަކާއެވެ.

ޝާރިފްއަށް ދެން ފެނުނީ އޭނަގެ ޙަޔާތުގައި ދުވަހަކުވެސް، ދެކެފައިވާ މަންޒަރެއް ނޫނެވެ. ސީލިންގާ ދިމާ މައްޗަށް އެ ދެމީހުން ފޮނުވައިލި އަލިކަމާއެކު، އެންމެ ފުރަތަމަ ފެނުނީ އަލިފާންގަނޑެކެވެ. އެހެންނަމަވެސް ދެތިން ސިކުންތު ނުވެ އަލިފާންގަނޑު ހިނދި ދެން އަރަން ފެށީ ދުންތަކެކެވެ. އެ ދުންތަކުން ކޮޓަރި ތެރެވެސް ފުސްވެގެން ދިޔައެވެ. ޝާރިފްއަށް ދެފަހަރަކު ކެއްސައިލެވުނެވެ. މަޑުމަޑުން ހިނދެމުން ހިނދެމުން ގޮސް ދުންތައް އެކީ ހިނދުނުއިރު ޝާރިފްވެސް އިނީ ނޭވާ ހަމައަކަށް އެޅިފައެވެ. އޭނަ އެ ދެމީހުންނަށް ބަލައިލިއެވެ. އެއީ ކޮންމެ ބަޔެއް ނަމަވެސް، އެމީހުން އޭނަ ސަލާމަތްކުރީކަން އެހިނދު އޭނައަށް ފަހުމްވެގެން ދިޔައެވެ.

"ތީ... ކޮން ބައެއް؟" ޝާރިފް ސުވާލުކޮށްލިއިރު، ވެސް އޭނަގެ އަޑު ތުރުތުރު އަޅައެވެ. އެހެންނަމަވެސް، އޭނަގެ މޫނުމަތީގައިވަނީ ޝުކުރުވެރިކަމުގެ އަސަރުތަކެވެ.

"މީ ކަލޭ ސިހުރު ހެދި އަންހެން ކުއްޖާގެ ބައްޕަ...." ކުރިއަށް ޖެހިލީ ރައާބިލްއެވެ. އެހެން ބުނެލިއިރު އޭނަގެ މޫނުމަތީންވެސް ފެންނަނީ ރުޅިވެރިކަމެކެވެ. ނޫކުލައިގެ ދެލޮލުގެ ވިދުން އެހިނދު ގަދަވެލިއެވެ. އެ މަންޒަރު ފެނުނު ޝާރިފްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެބުނި ބަސްތަކުގެ މާނަ ނަގައިގަންނަންވެސް އިރުކޮޅެއް ނެގިއެވެ.

"ރަ... ރަނީމް..... ބައްޕައޭ؟" ޝާރިފްއަށް ސުވާލުކޮށްލެވުނެވެ. އެނދުގައި އިންގޮތަށް އިނދެފައި އޭނަ ފަހަތަށް ޖެހިލިއެވެ. ވަމުން މިދަނީ ކިހިނެއްކަން އޭނަގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އަދިވެސް ހިތުގައިވި ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ.

"ކަލޭމެން ފަދަ މީހުންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތަށް ދިރިއުޅުންކަން ނޭނގޭތަ؟" ދެވަނަ ސުވާލެއް ރައާބިލް ކޮށްލިއެވެ.

"ތީ...ރަނީމްގެ ބައްޕަ... ބައްޕައަށް ކިހިނެއް ވާނީ؟" ޝާރިފްގެ ދޫ ވެސް ހަރަކާތްކުރީ އުނދަގުލުންނެވެ. ހިންދިރުވައިލެވުމާއެކު އަރުތެރޭގައި ލީ ލޭ ރަހައެވެ. ކަރުގައި އޭރުވެސް ރިހުމެއްގެ އަސަރު ހުއްޓެވެ.

"އަހަރެން މީ އޭނަގެ ބައްޕަ.... ރަނީމް އަކީ ކަލޭ ތިހީކުރާކަހަލަ ކުއްޖެއް ނޫން. އޭނަގެ ހިމާޔަތުގައި ތިބި މީހުން ބައިވަރު..." އެހެން ބުނެލާފައި ރައާބިލް ބަލައިލީ ނާވީއަށެވެ.

"އަހަރެން... ސިހުރު....." ދައްކަންވީ ވާހަކައެއް ނޭނގި ޝާރިފްގެ ސިކުނޑީގެ މަސައްކަތް ހިނދުކޮޅަކަށް ހުއްޓުނެވެ. ވިސްނަންވީ ކޯންޗެއް، ކިހިނެއްކަމެއްވެސް ނޭނގުނެވެ. ރަނީމްއަކީ އިންސާނެއް ނޫން ހެއްޔެވެ؟ ޖިންނީންނާ ރަނީމްއާ ވަނީ ގުޅިފައިހެއްޔެވެ؟ އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ ރަނީމްގެ މަންމައަކީ ހަމަ ގައިމުވެސް އިންސާނެކެވެ. މީ އޭނައަށް ފެންނަ ހުވަފެނެއް ހެއްޔެވެ؟ ހަޤީޤަތެއް ނެތް ބިލާހެއް ހެއްޔެވެ؟

"ކަލޭ ރަނީމްއަށް ގެއްލުން ދޭން މަސައްކަތް ކުރީ ކީއްވެ؟" ރައާބިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. މިފަހަރުވެސް ޝާރިފް ޖެހިލީ ފަހަތަށެވެ. ނިތުން ހިއްލާފައިވާ ދާތައް ފުހެލުމާއެކު، އޭނަ ވާހަކަ ދެއްކިއެވެ.

"އަހަރެން ރަނީމް... ރަނީމްއަކަށް ގެއްލުމެއް... ނުދެން...." ޝާރިފް އަށް ބުނެވުނެވެ. އަޅައިއަޅައިގަންނަމުން ބުނެލިއިރު އޭނަގެ ނަޒަރު ރައާބިލްއާ ދުރަކަށް އެންމެ ސިކުންތުކޮޅަކުވެސް ނުދެއެވެ. ޝާރިފް އިނީ ދެލޯ މަރައިލަންވެސް ނުކެރިފައެވެ. ހީވަނީ ލޯ މަރައިލާ ސިކުންތުކޮޅުވެސް އޭނަގެ ފުރާނަ ނުރައްކަލަކަށް ހުށައެޅިދާނެހެންނެވެ.

"ދެން ކީއްވެ ކަލޭ ސިހުރު ހެދީ؟" ރައާބިލް ސުވާލުކޮށްލިއެވެ.

"އަހަރެން ހަމައެކަނި... ބޭނުންވީ އޭނަ... ރަނީމް އަހަރެންގެ މީހަކަށް ހަދަން... ލޯބި... ލޯބިވާތީ...." ޝާރިފްއަށް ފަހު ލަފުޒު ބުނެވުނީ ވައިއަޑުން ނަމަވެސް، ނާވީއާއި ރައާބިލްއާ ދެމީހުންނަށް ރީއްޗަށް އެ އަޑު އިވުނެވެ.

"ތީ ލޯބިވާ މީހުން ކަންތައް ކުރާނެ ގޮތެއް ނޫން..." އެހުރިހާއިރު އެއްޗެއް ނުބުނެ ހުރި ނާވީ، ވައިރޯޅިއެއްހާ ހަލުވިކޮށް އައިސް ޝާރިފްއާ ދާދިގާތުގައި މަޑުކޮށްލިއެވެ. އަދި އޭނަ ޝާރިފްއާ ދިމާލަށް ގުދުވެލިއެވެ. އޭރު ނާވީގެ ފެހިނޫ ދެލޯވެސް ވަނީ ދިއްލިފައެވެ. މޫނުމަތީން ފެންނަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

"ނާވީ..." ރައާބިލް ނާވީއަށް ގޮވައިލިއެވެ.

ނާވީ ރައާބިލްއަށް ބަލައިލުމަށްފަހު އޭނައަށް ފުރުސަތު ދެމުން ދުރަށް ދިޔައީއެވެ.

"ތިކުރި ކަމަކީ ކުޑަކަމެއް ނޫން. ސިހުރު ހަދައިގެން އަމިއްލަ ނަފްސު ނުރައްކަލަކަށް ހުށައެޅުނުއިރުވެސް ނޭނގުނު. މިރޭ އެ ދިމާކުރީ އެންމެ އެއްޗެއް. އަހަރެމެން ނައިނަމަ މިރޭ މިކޮޓަރި ތެރެއިން ނެރެން ޖެހޭނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު." ރައާބިލް ބުންޏެވެ. އޭނަ ދެލޯ ބޮޑުކޮށްލުމާއެކު ގާތުން އެރި ނޫ އައްޔާއެކު، ޝާރިފްއަށް ތެޅިގަނެވުނެވެ. އޭނަ ހީކުރީ ރައާބިލް އޭނަ މަރައިލަން އުޅެނީކަމަށެވެ.

"ނޫން... ނޫން....." ފެނިގެން ދިޔަ މަންޒަރާއެކު ޝާރިފްއަށް ދެއަތް ޖޯޑުކޮށްފައި މާފަށް އެދެން ފެށުނެވެ. ދެލޯ ތަގުޅިކޮށްލެވުނީވެސް އެ މަންޒަރު ބަލަން ނުކެރުމުންނެވެ.

"އަހަންނަށް މާފުކުރޭ... މާފުކުރޭ......ހެޔޮނުވާނެ. އަހަރެން މަރާނުލާ... އަހަރެން ދޫކޮށްލާ. އަހަރެން ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން... އަހަރެން ދޫކޮށްލާ..... މާފުކުރޭ... މާފުކުރޭ...." ޝާރިފްއަށް ކިޔެމުން ދިޔައެވެ. އޭނައަށް ލޯ ހުޅުވައިލެވުނީ ވެސް އެތަކެއް އިރެއްފަހުންނެވެ. އޭރު ކޮޓަރި ތެރެވަނީ ހިމޭންވެފައެވެ. އެ ދެމީހުން ކުރެ އެކަކުވެސް ފެންނާކަށް ނެތެވެ. އޭނައަށް ހެޑްބޯޑުގައި ލެނގިލާފައި ކަކޫ ގެނެސް މޭގައި ޖައްސައިލެވުނެވެ. އަދި ކޮޓަރި ތެރެއަށް ވަށައިގެން ބެލެން ފެށުނެވެ. މީގެ ކުޑަ އިރުކޮޅެއްފަހުން ފެށިގެން ދެންމެވީ ހުރިހާކަމެއް އޭނަގެ ސިކުނޑީގައި ކުރެހެމުން ދާން ފެށުމުން މީހާގެ ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. އެހުރިހާ އަޑުތަކެއް އެއްފަހަރާ ސިކުނޑީގައި ގުގުމަން ފެށުމުން، މިފަހަރުވެސް ކަންފަތުގައި އަތް އަޅައިލެވުނެވެ. ފެނުނު މަންޒަރުވެސް ޤަބޫލުކުރަން އޭނައަށް ވަނީ ދަތިވެފައެވެ.

"ނޫން ނޫން ނޫން... އަހަރެން... އަހަންނެއް ނޫން.. އަހަރެން ރަނީމް ދެކެ ލޯބިވޭ. ގެއްލުމެއް ނުދެން...." ޝާރިފްއަށް ކިޔެމުން ދިޔައެވެ. "ނޫން.. ނޫން...."

"އަހަރެން އެކަކަށްވެސް ގެއްލުމެއް ނުދެން... ނޫން. ނުދެން...." ޝާރިފް ކަންފަތުން އަތް ދުރުކޮށްލަމުން ބުނެލިއެވެ. ދެން ކުއްލިއަކަށް ފެށީ ހޭށެވެ. "ހަހަހަ. އަހަރެން ލޯބިވީ... ހަހަހަ... އަހަރެން ލޯބިވީ... ލޯބިވާ މީހުން ގެއްލުމެއް ނުދޭނެ.... އަލިފާންގަނޑު... އޭތި އަންދައިލީ.... ދެމީހުން... އިންސާނުންހެން. އެކަމަކު އިންސާނުންނެއް ނޫން...." ޝާރިފްގެ ސިކުނޑިވެސް މިހާރު ހީވަނީ ގޯސްވެފައިވާހެންނެވެ. އެއްފަހަރާ އަންނަމުން ދިޔަ އެތަކެއް ހަނދާންތަކެއްގެ ސަބަބުން ފަހަރަކު ކަމަކާ ގުޅުވައިގެން އޭނައަށް ވާހަކަ ދެކެވެން ފެށިއެވެ. ދެން އަނެއްކާވެސް ފެށީ ތޫލިކޮށް ހޭށެވެ.

"ލޯބިވޭ... ރަނީމް...." ޝާރިފް ބުނެލިއެވެ. އޭނަ ޚިޔާލަކަށް ގެއްލިފައި އިންހެން އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިންއިރު ދިޔައީ ސީލިންގާ ދިމާލަށް ބަލަމުންނެވެ. ތުމުން ރީތި ރާގެއް އަޅުވާލައިގެން އޭނަ ހީނލައިގެން އިންއިރު ހީވަނީ ހަމަ ރަނގަޅަށްވެސް ބުއްދި ގޯސްވެފައިވާ މީހެއް ހެންނެވެ.

*****

ޖެހިގެން އައި ދުވަހު ރަނީމްއަށް ހޭލެވުމާއެކު އޭނާ ތެދުވެލުމާއެކު ސަމްރާއޮތް އެނދާ ދިމާލަށް ބަލައިލެވުނެވެ.

"މަންމާ...." ރަނީމްއަށް ގޮވައިލެވުނީ މަންމަ އޮންނާނެކަމަށެވެ. ސިކުނޑިއަށް މަންމަ މިދުނިޔެއާ ވަކިވެ ދިޔަކަން ވިސްނައިގަނެވުނީ ވެސް މަންމަ ނެތުމުންނެވެ. ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

"ރަނީމް...." ދާދިގާތުން އިވުނު އަޑާއެކު ރަނީމްއަށް ދެއަތް މޫނާ ދުރުކޮށްލެވުނެވެ. ބަލައިލިއިރު ގާތުގައި އިނީ ނާވީއެވެ.

"ނާވީ... މަންމަ...." ރަނީމްއަށް ބުނެވުނެވެ. ނާވީ ރަނީމްގެ ކަރުނަތައް ފުހެދިނެވެ.

"ކޮބާ ބައްޕަ؟" ވަށައިގެން ރަނީމްއަށް ބަލައިލެވުނެވެ.

"ބޭރުގަ..." ނާވީ ބުނެލިއެވެ. "އަހަރެން ވެސް މިދަނީ...."

ތާޒާވެލަން ރަނީމްއަށް ފުރުސަތު ދީފައި ނާވީ ނުކުތުމުން ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ރަނީމްވެސް ނުކުމެލިއެވެ. އޭރު ނާވީއާއި ރައާބިލްއާ ދެމީހުން ކޮންމެވެސް ވާހަކައެއް ދައްކަން ތިބެފައި އޭނަ ފެނުމުން މަޑުޖެހިލިއެވެ. ރަނީމްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ސަލާމް ގޮވައިލި އަޑު އިވުނެވެ. އޭނަ ސަލާމް ބަލައިގަތީ އެއީ ހައިފާކަން އެނގޭތީއެވެ.

"ހައި..." ރަނީމް ބުނެލިއެވެ.

"ކާއެއްޗެހި ހިފައިގެން މިއައީ...." ހައިފާ އޭނަ އަތުގައި ހުރި ތަށިތައް ދައްކައިލިއެވެ.

"މިއަދު އޮފީހަށް ނުދަންތަ؟" ރަނީމް ސުވާލުކޮށްލިއެވެ. އޭނަ މިހާރު އެހުރީ ހަމަޖެހިފައިކަން ހައިފާއަށް އެނގުމުން އޭނަގެ ހިތަށްވެސް ފިނިކަމެއް ލިބިގެން ދިޔައެވެ.

"މިއަދު ނުދަން. އެނގޭތަ؟.... ޝާރިފް މޮޔަވެއްޖެ...." ހައިފާ ގޮސް މޭޒުމަތީގައި ތަށިބަރި ބަހައްޓަމުން ރަނީމްއާ ދިމާލަށް އެނބުރިލިއެވެ.

"އޭތް. ކީކޭ؟ މޮޔަ... މޮޔަވިއްޔޭ؟" ރަނީމްއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނުއިރު އޭނައަށް ނާވީއާ ރައާބިލްއަށްވެސް ނަޒަރެއް ދެވުނެވެ.

"އާނ..." ހައިފާ ބުނެލިއެވެ.

"ތީ ކާކު ދެއްކި ވާހަކައެއް؟" ރަނީމްއަށް އަނެއްކާވެސް އަހައިލެވުނެވެ.

"މީހަކު ދެއްކި ވާހަކައެއް ނޫން. ދެންމެ ފެނުނު މަންޒަރަކުން. އޭނަ މުޅި މަގުމަތީގައި ދުވަނީ... އޭނަ ފަހަތުން ޔޫނުސް ސާރ ވެސް ދުވޭ.... އެއްބައިފަހަރު ރޮއިފަ އަނެއްބައިފަހަރު ހީހީފަ." ހައިފާ ބުނެލިއެވެ. "އޭނަ އެއްވެސް ކަމެއް ނުކުރަމޯ ކިޔަނީ..."

"ދެން؟" ރަނީމް އިތުރަށް އެނގެން ބޭނުންވިއެވެ.

"ރޭގަ ކުއްލިއަކަށް ވީ ގޮތަކޯ މީހުން ކިޔަނީ......ޔޫނުސް ސާރ ހުރީ ވަރަށް ދެރަވެފަ. " ހައިފާ އޭނައަށް އެނގޭ މިންވަރަށް ކިޔައިދިނެވެ.

"ޔޫނުސް ސާރ އަކީ ވަރަށް ހެޔޮ މީހެއް. އަހަރެންގެ މަންމަ ދުނިޔޭގައި އޭނަ މަންމައަށް ކޮށްދިން ކަންތައްތަކާ އިޙުސާންތެރިކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން... ޝާރިފްއަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ޔޫނުސް ސާރއަކީ ވަރަށް ހެޔޮމީހެއް..." ރަނީމްއަށް ބުނެވުނެވެ.

"އާނ. ވަރަށް ދެރަ އަސްލު." ހައިފާ އިތުރުކޮށްލިއެވެ.

"ކޯންޗެއް ތި ގެނައީ؟" އެ ދެމީހުންގެ ވާހަކަތައް އަޑު އަހަން ތިބި ނާވީއާއި ރައާބިލްއަށް ބަލައިލުމަށްފަހު ރަނީމް ވާހަކަ އޮޅުވައިލިއެވެ.

"އަހަރެންވެސް ސައި ނުބޮއި މިއައީ.... ރަނީމްއާ އެކީ ސައިބޯންކަމަށް...." ހައިފާ ބުނެލިއެވެ.

"ހިނގާ ސައިބޯން...." ރަނީމް ބުނެލިއެވެ. އޭނަ ހައިފާއާއެކު ސައިބޯން އިށީންނަމަވެސް، ކެވުނީ ވަރަށް ކުޑަކޮށެވެ. ކައި ނިމިގެން އޭނަ ބޭނުންވަނީ އަރާމުކޮށްލަން ކަމުގައި ބުނެ ރަނީމް ހައިފާ ފޮނުވައިލިއެވެ. އޭނަ ރައާބިލްއާ ނާވީއާ ކުރިމަތިލީ އެއަށްފަހުގައެވެ. އެއްޗެއް ނުބުނި ނަމަވެސް ރަނީމް އެ އަހަނީ ކީކޭކަން ދެމީހުންނަށްވެސް އެނގެއެވެ.

"ބައްޕަމެން ކުރިކަމެއް ނޫން އެއީ...." ރައާބިލްއަށް ބުނެވުނެވެ.

"އެތެދެއް ރަނީމް. އޭނައަށް ކަމެއް ކުރާނެނަމަ ރޭގައި އެ ފުރުސަތު ލިބުނު..." ނާވީ ވެސް ބުނެލިއެވެ.

"ރޭގައޭ؟ ތަފްސީލް އެނގެން އަހަރެން ބޭނުން." ރަނީމް ސުވާލުކޮށްލިއެވެ. އެ ކަމުގައި އެ ދެމީހުންގެ އަތެއް ވެދާނެބާއޭ ރަނީމްގެ ހިތަށް އަރަނީއެވެ. ނާވީއާއި ރައާބިލްއާ ދެމީހުން ރަނީމްއަށް ހުރިހާވާހަކައެއް ކިޔައިދިނީ ރަނީމްއަށް އެ ހައްޤު އޮތްކަމަށް ޤަބޫލުކުރެވޭތީއެވެ.

"އިތުރު ޖިންނިއަކު އޭނައާ ދިމާނުކުރާނެޔެކޭ ނުބުނެވޭނެ. ހާމިދުވަނީ ޝާރިފްވެސް ޤުރުބާންކޮށްފައި...ހީވަނީ ރޭގެ މަންޒަރުތަކުން އޭނަގެ ހަމަބުއްދިއަށް އަސަރުކުރީހެން. ބައްޕަ އޭނަ މޮޔައެއް ނުކުރަން..." ރައާބިލް ރަނީމްއަށް ޔަޤީންކަން ދޭން ބޭނުންވިއެވެ.

"ބައްޕަ ބޭނުންވި އޭނަ މަރައިލަންވެސް. އެކަމަކު އެކަން ނުކުރީ ރަނީމްއާ މަންމައާ މެދު ވިސްނައިލެވުނީމަ. އޭނަ އަކީ ކިތަންމެ ގޯސް މީހަކަސް އޭނަގެ މައިންބަފައިންގެ ފަރާތުން ރަނީމްއާ ރަނީމްގެ މަންމައަށް ލިބުނު އެހީތެރިކަމަކުން." ރައާބިލް ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. ނާވީވެސް ބޯ ޖަހައިލިއެވެ. ޚުދު އޭނަވެސް ޝާރިފްއަށް ދޫދިނީ އެހެންވެގެންނެވެ. އެހެން ނޫނީ އޭނަގެ އަތުން ޝާރިފްގެ ފުރާނަ ވަކިވީސްކަން ކަށަވަރެވެ. ރަނީމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ދެން ދެންމެ ތި ދެއްކީ ކޮންވާހަކައެއް؟" ރަނީމްއަށް ބަލައިލެވުނީ ނާވީއަށެވެ. ނާވީ ބަލައިލީ ރައާބިލްއަށެވެ. އެވާހަކަ ދައްކަން އެންމެ އެކަށީގެންވަނީ ރައާބިލްކަމުގައި ނާވީއަށް ޤަބޫލުކުރެވޭތީއެވެ.

"ބައްޕަ ބޭނުންވަނީ ދަރިފުޅު މަންމަމެންނާ އެކީ ދާން. މިތަނުގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެ." ރައާބިލް ބުނެލިއެވެ.

"ދާށޭ؟" ރަނީމްއަށް ތަކުރާރުކޮށްލެވުނެވެ.

"އާނ. މިތަނަކީ ބައްޕަމެންގެ ތަނެއް ނޫން. ބައްޕަމެންގެ ދުނިޔެއަކީ މިތަނާ މުޅީން ތަފާތު ތަނެއް. ދަރިފުޅަކީވެސް ބައްޕަމެންނެކޭ އެއްގޮތަށް ބާރުތަކެއް ލިބިގެންވާ ކުއްޖެއް. ފުރިހަމަ އިންސާނެއް ނޫން... ދަރިފުޅުގެ މަންމަ މިދުނިޔެއާ އަލްވަދާޢު ކިޔުމަށްފަހު ދަރިފުޅުގެ އެއްވެސް މީހަކު މިތަނަކު ނެތް. ބައްޕައާއި ނާވީއަކަށް މިތަނުގައި އަބަދަކު ނޫޅެވޭނެއެއްނު." ރައާބިލް ބުނެލިއެވެ. ރަނީމް ވިސްނައިލިއެވެ.

"އެންމެ ރަނގަޅު ގޮތަކަށް އަހަންނަށް ވެސް ފެންނަނީ އެގޮތް...." ނާވީވެސް ރަނީމްއަށް ލުއި ހިނިތުންވުމެއް ދިނެވެ. ރަނީމް ވިސްނައިލަން ބޭނުންވިއެވެ. އޭނަ ގުޅިފައިވަނީ އެހެން ނަސްލަކާ ކަމުގައި ވިޔަސް މިހުރިހާ ދުވަހު އޭނަ އުޅެ ބޮޑުވީ އިންސާނުންގެ ތެރޭގައި އެމީހުންނެކޭ އެއްފަދައިންނެވެ. މާމަ ކާފައާއި، މަންމަގެ ހަނދާންތައް ވެސް ވަނީ އެތަނުގައެވެ. ވީއިރު ދިޔުމަކީ ފަސޭހަކަމަކަށް ވެސް ނުވާނެއެވެ. އެހުރިހާ ހަނދާންތައް ދޫކޮށްލާފައި ދިޔުމަކީ އުނދަގޫކަމެކެވެ.

*****އެއް މަސް ފަސް*****

"މީ ދަރިފުޅުގެ މަންމަ ބައްޕައަށް އެންމެ ފުރަތަމަ ފެނުނު ތަން. އަދި އެންމެގިނައިން ދެމީހުން ބައްދަލުކުރިތަންވެސް މެ."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު