މޯލްޑިވް ގޭސްއިން ބޭނުން ނުކޮށް ހުރި, ލުބްރިކެންޓް ފުޅިތަކެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިއްކާލުމަށް ނިންމާފައިވަނީ ސިނޮޕެކް ބްރޭންޑްގެ ލުބްރިކެންޓް ފުޅިތަކެއް ކަމަށެވެ. ވިއްކަނީ ކިހާ އަދަދެއްގެ ފުޅިތަކެއް ކަމެއް އިއުލާނަކު ނެތެވެ.
ލުބްރިކެންޓަކީ އެކިއެކި މެޝިނަރީސްއާއި އިންޖީނު ފަދަ ތަކެތީގެ ހޫނުކަން ކުޑަކޮށްދީ، މެޝިނަރީތައް ރައްކާތެރިކޮށްދޭން އެހީތެރިވެދޭ މާއްދާއެކެވެ.
މި ނީލަމުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ހޮނިހިރު ދުވަހުގެ 11:00 އަށް އެ ކުންފުނީގެ ތިލަފުށި ޔުނިޓަށް ގޮސް އެ ތަކެތި ބެލުމަށް ފަހު، އަންނަ ހޯމަ ދުވަހު އަގު ހުށަހެޅުމަށް މޯލްޑިވް ގޭސްއިން އެދެއެވެ.
ބޭނުން ނުކުރާ ލުބްރިކެންޓް ފުޅިތަކެއް މޯލްޑިވް ގޭސްއިން ވިއްކާއިރު އެ ކުންފުނިން ގޭސް ގަތުމަށް ދެއްވި ފައިސާތަކެއް ގެއްލި, ގޭސް ވެސް ނުލިބުނު ކަމަށް ބުނާ މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ.
މި ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުالله މުޙައްމަދަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އޭނާ ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.