އަލަށް ޕްރޮމޯޓުވި ޓީމަކުން ޕީއެސްޖީ ކަޓުވާލައިފި

ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ޕެރިސް އެފްސީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ، ފްރެންޗް ކަޕުން ކަޓުވާލައިފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ރޭ ބަލިކޮށްފައިވަނީ ދެވަނަ ބުރުގައި 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޕެރިސް އެފްސީން ހޯދި އެންމެ ބޮޑު ނަތީޖާގެ ގޮތުގައި އެ ކުލަބުން ސިފަކުރެއެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައިވަނީ 2024/2025 ވަނަ ސީޒަނުގައެވެ.

ޕީއެސްޖީން ވަނީ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ މަދު ހަމަލާތަކެކެވެ.

ޕެރިސް އެފްސީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނުނީ ދެވަނަ ހާފުގެ 74 ވަނަ މިނިޓުގައެވެ. އީލަން ކަބާއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީކޯނޭއެވެ.

ޕީއެސްޖީގެ މި ލަދުވެތި ބައްޔާއެކު ގިނަ ބަޔަކު ދަނީ އެޓީމަށް ފާޑުކިޔަމުންނެވެ. މިހާތަނަށް 16 ފަހަރު ފްރެންޗް ކަޕް ކާމިޔާބުކުރި ޕީއެސްޖީއަށް މިފަހަރު ކުރިމަތިވި ނަތީޖާއާއެކު އެންމެ ބޮޑަށް ގޮވަމުންދަނީ ކޯޗުގެ އިސްތިއުފާއަަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު