ސިރީ ވަރުގަދަކުރުމަށް އެޕަލްއިން ޖެމިނައި ބޭނުންކުރަން ނިންމައިފި

އެޕަލް އިން ބުނީ، އެ ކުންފުނީގެ އަމިއްލަ ފައުންޑޭޝަން މޮޑެލްތަކަށް ބޭނުންވާ އެންމެ ވަރުގަދަ ބިންގަލަކީ ގޫގުލްގެ ޓެކްނޮލޮޖީ ކަމަށް ---

އެޕަލްގެ ވާޗުއަލް އެސިސްޓަންޓް، "ސިރީ" އިތުރަށް ތަރައްގީކޮށް، އޭއައިގެ އެހީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލް ބޭނުންކުރާނެކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.

އެޕަލްއިން ސީއެންބީސީއަށް ދިން ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އަމިއްލަ ފައުންޑޭޝަން މޮޑެލްތަކަށް ބޭނުންވާ އެންމެ ވަރުގަދަ ބިންގަލަކީ ގޫގުލްގެ ޓެކްނޮލޮޖީ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށާއި، މި ޕާޓްނަޝިޕްގެ ސަބަބުން ޔޫޒަރުންނަށް އާ އީޖާދީ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

މި އިއުލާނަކީ 2024 ވަނަ އަހަރުގެ ޑަބްލިއުޑަބްލިއުޑީސީ ކޮންފަރެންސްގައި އެޕަލްއިން ވީ ވައުދެއް ފުއްދުމަށް އެޅި ފިޔަވަޅެއް ނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ވަގުތު ހީކުރި ވަރަށް ވުރެ އިތުރުވުމުގެ ސަބަބުން މި އަޕްޑޭޓް ނެރުން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ލަސްވެފައެވެ.

https://sun.mv/212859

ގޫގުލްއާއެކު ވެފައިވާ މި އެއްބަސްވުމަކީ ގިނަ އަހަރުތަކަކަށް ދެމިގެންދާނެ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނާއިރު، މި ޕާޓްނަޝިޕްގެ ދަށުން އެޕަލްއިން ގޫގުލްއަށް އަހަރަކު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދައްކާނެ ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އޭއައިގެ އެހީގައި ފަރުމާކޮށްފައިވާ ސިރީގެ އާ ވާޝަން އާންމުންނަށް ލިބޭނެ ކަމަށް ބެލެވެނީ އަންނަ މާރިޗު މަހު ނެރޭ "އައިއޯއެސް 26.4" ގެ އަޕްޑޭޓާ އެކުގައެވެ.

މި އާ އަޕްޑޭޓާއެކު ސިރީއަށް ފޯނުގެ ސްކްރީނުން ފެންނަ މައުލޫމާތުތަކުގެ ކޮންޓެކްސްޓް ދެނެގަތުމުގެ ގާބިލުކަން ލިބުމުގެ އިތުރުން، ފޯނުގައި ހުންނަ ޒާތީ މައުލޫމާތުތައް ބޭނުންކޮށްގެން އުނދަގޫ މަސައްކަތްތައް ފަސޭހަކަމާއެކު ކޮށްދިނުމުގެ ބާރު ލިބިގެންދާނެއެވެ.

އެޕަލްގެ މި ބޮޑު އަޕްޑޭޓް ނެރެން ތައްޔާރުވަނީ ސެމްސަންގްގެ "ގެލެކްސީ އެސް26" ސީރީޒްއާ އެކު އެ ކުންފުނިން ތައާރަފުކުރާ އޭއައި ފީޗާތަކަށް ވުރެ ކުރި ހޯދުމުގެ މަގުސަދުގައި ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ ކުރިއަރާފައިވާ އެއް އޭއައި މޮޑެލް ކަމަށްވާ ގޫގުލްގެ "ޖެމިނައި 3" ބޭނުންކުރުމަށް އެޕަލްއިން ނިންމުމަކީ، ސިރީގެ ޚިދުމަތްތައް މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށް ބެލެވޭތީ އެޕަލްގެ ފޭނުން ތިބީ މި އިންތިޒާރުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު