ވަޓްސްއެޕްގައި ކުޑަކުދިންގެ އެކައުންޓްތައް ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ ފީޗާއެއް ހިމަނަނީ

ވަޓްސްއެޕްގައި ކުޑަކުދިންގެ އެކައުންޓްތައް ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ ފީޗާއެއް --

ވަޓްސްއެޕް ބޭނުންކުރާ 18 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން، އެކުދިން މުއާމަލާތްކުރާ ފަރާތްތައް ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ އާ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް މެޓާއިން ފަށައިފިއެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ "ޑަބްލިޔުއޭ ބީޓާ އިންފޯ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އައު ފީޗާގެ ދަށުން ކުޑަކުދިންނަށް ޚާއްސަ "ސެކަންޑަރީ އެކައުންޓް" ތަކެއް އުފައްދައި، އެ އެކައުންޓްތައް ބެލެނިވެރިޔާގެ މައި އެކައުންޓާ ޚާއްސަ ލިންކެއް މެދުވެރިކޮށް ގުޅާލެވޭނެއެވެ.

މި ސެކަންޑަރީ އެކައުންޓްތައް މެދުވެރިކޮށް ކުދިންނަށް މެސެޖު ކުރެވޭނީ ނުވަތަ ކޯލް ކުރެވޭނީ ހަމައެކަނި އެކުދިންގެ ފޯނުގައި ސޭވްކޮށްފައިވާ ނަންބަރުތަކަށް ކަމަށްވާއިރު، ބޭރުގެ ނަންބަރުތަކުން މެސެޖުކުރުން ބެލެނިވެރިޔާއަށް ބްލޮކް ކުރެވޭނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ކުއްޖާގެ ޕްރޮފައިލް ފޮޓޯ، "ލާސްޓް ސީން" އަދި "އެބައުޓް" މައުލޫމާތު ފެންނާނީ ކޮން ބަޔަކަށްތޯ ބެލެނިވެރިޔާއަށް ކަނޑައެޅޭނެ ގޮތް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

ކުއްޖާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމުގެ ގޮތުން، ބެލެނިވެރިންނަކަށް އެކުދިން ކުރާ މެސެޖުތަކެއް ނުކިޔޭނެ ----

ކުއްޖާ އެކި ގްރޫޕްތަކަށް އިތުރުކުރެވޭނީ ކޮން ބަޔަކަށްތޯ ބެލެނިވެރިޔާއަށް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި، އަދި ކުއްޖާ ވަޓްސްއެޕް ބޭނުންކުރާ ގޮތުގެ އަޕްޑޭޓްތައް ގަވާއިދުން ބެލެނިވެރިޔާއަށް ލިބޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް، ކުއްޖާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމުގެ ގޮތުން، ބެލެނިވެރިންނަކަށް އެކުދިން ކުރާ މެސެޖުތަކެއް ނުކިޔޭނެ ކަމަށާއި އަދި ކުރާ ކޯލްތަކުގެ ތަފްސީލީ ރެކޯޑެއް ވެސް ބެލެނިވެރިޔާއަކަށް ނުފެންނާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ފީޗާއަކީ މިހާރު ތަރައްގީކުރުމުގެ މަރުހަލާގައިވާ ފީޗާއެއް ކަމުން، މިފީޗާ އެންމެހާ ޔޫޒަރުންނަށް އާންމުކޮށް ދޫކޮށްލާނެ ވަކި ތާރީޚެއް އަދި ވަޓްސްއެޕުން ހާމައެއް ނުކުރެއެވެ.

މި ބަދަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން އިންޓަނެޓް ބޭނުންކުރާއިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން ގެންނަ ބަދަލެކެވެ.

ވަޓްސްއެޕަކީ މިހާރުވެސް ކިޔަވާ ކުދިންގެ ކްލާސް ގްރޫޕްތަކާއި އާއިލީ މުއާމަލާތްތަކަށް އެންމެ ގިނައިން ބޭނުންކުރާ އެއް ވަސީލަތަށް ވާއިރު، ނުދަންނަ މީހުންގެ ފަރާތުން ކުދިންނަށް ލިބޭ ގޯނާތަކާއި ސައިބާ ބުލީން ފަދަ ކަންކަމުން ސަލާމަތްކުރުމަށް ބެލެނިވެރިންނަށް ކޮންޓްރޯލް ދިނުމަކީ މެޓާ އިން ފަހަކަށް އައިސް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެކެވެ.

މީގެ ކުރިން އިންސްޓަގްރާމް ފަދަ އެޕްތަކުގައި ވެސް ބެލެނިވެރިންނަށް ކޮންޓްރޯލް ލިބޭ "ފެމިލީ ސެންޓަރު" ފަދަ ފީޗާތައް ވަނީ ތައާރަފުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު