ފަސް ސެޓު ކުޅެގެން ފުނަދޫ ބަލިކޮށް ހުރައަށް ލޯ މެޑަލް

ރާއްޖެ ސުޕަ ލީގު 2026 ގެ ތިންވަނަ ހޯދި ހުރާ ޓީމު-- ފޮޓޯ: އާއިޝް އަޝްރަފް/ ސަން

ރާއްޖެ ސުޕަ ލީގު 2026 ގެ އަންހެން ޑިވިޝަނުގެ ތިންވަނަ މަގާމާއެކު މުބާރާތުގެ ލޯ މެޑަލް ކ.ހުރާއިން ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ހުރާ ހޯދީ ހޯމަދުވަހު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ށ.ފުނަދޫއާ ވާދަކޮށް ފަހަތުން އަރާ ހޯދި ސެޓުތަކާއެކު 3-2 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ އަށް ޓީމާއެކު މުބާރާތުގެ ލީގު ބުރު ނިމުނުއިރު ހުރާއަކީ ލީގުގެ ގްރޫޕްގެ އެއްވަނަ ހޯދި ޓީމެކެވެ. ނަމަވެސް ސެމީ ފައިނަލުގައި އެ ޓީމު ވަނީ ލ.ގަމު އަތުން ބަލިވެފައެވެ. އެއާއެކު އެ ޓީމަށް ކުޅެން ޖެހުނީ ތިންވަނަ ހޮވާ މެޗެވެ.

ރާއްޖެ ސުޕަ ލީގުގެ ތިންވަނަ ހޮވި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް

މީގެއިތުރުން ށ.ފުނަދޫއަކީ ލީގު ބުރުގައި އެ ޓީމު ވާދަކުރި ގްރޫޕުގެ އެއްވަނަ ޓީމެވެ. ނަމަވެސް ސެމީގައި އެ ޓީމު ވަނީ ލ.މާބައިދޫ އަތުން ބަލިވެފައެވެ. ތިންވަނަ ހޮވާ މެޗުގައި އެ ޓީމުން ފެށުން ފެނުނީ ދަށްކޮށެވެ.

އެގޮތުން ފުރަތަމަ ދެ ސެޓު ހުރާ ކާމިޔާބުކުރީ 26-24 އަދި 25-23 އިންނެވެ. ނަމަވެސް ފުނަދޫ ވަނީ 25-16 އަދި 25-22 އިން ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފައެވެ.

ރާއްޖެ ސުޕަ ލީގުގެ ތިންވަނަ ހޮވި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް

ނަތީޖާ ނެރުނު ސެޓުގެ ބޮޑުބައި ފުނަދޫ ލީޑުގައި އޮތް ނަމަވެސް އެ ސެޓުގެ ފަހުކޮޅު ހޯދި ޕޮއިންޓުތަކާއެކު ހުރާ ވަނީ ފަހަތުން އަރާ މި ސެޓު 15-13 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާގެ ރަޝިއާ ކުުޅުންތެރިޔާ އަރީނާ އެވެ. އޭނާ ވަނީ މި މެޗުގައި އެ ޓީމަށް މުހިންމު ގިނަ ޕޮއިންޓުތަކެއް ހޯދައިދީފައެވެ.

މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މިރޭ 20:25 ގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލ. އަތޮޅަށް ނިސްބަތްވާ ދެ ޓީމު ކަމަށް ލ.މާބައިދޫއާއި ލ.ގަމެވެ. މި މެޗު އެސްއެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު