ސެމްސަންގުގެ އާ ސްކްރީނާއެކު ރޫ ނުޖެހޭ އައިފޯނެއް ނެރުމަށް އެޕަލްއަށް އުންމީދު އާވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެޕަލްއިން ފޯލްޑަބަލް ނުވަތަ ފަތްޖަހައިލެވޭ އައިފޯނެއް ބާޒާރަށް ނެރުން މިހާތަނަށް ލަސްކުރަމުން އައީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެއީ ފޯނު ފަތްޖަހާލާ ދިމާލުން ސްކްރީނުގައި "ރޫ" (ކްރީޒް) އެރުމުގެ މައްސަލަ ހައްލުކުރުމަށެވެ.
ނަމަވެސް، ދާދި ފަހުން ސެމްސަންގުން ސީއީއެސް މައުރަޒުގައި ކުއްލި ގޮތަކަށް ދައްކާލި އާ ޓެކްނޮލޮޖީއާއެކު، އެޕަލްގެ މި އުންމީދު ހަގީގަތަކަށް ވާން ގާތްވެފައިވާ ކަމަށް ބެލެވެން ފަށައިފިއެވެ.
ސީއީއެސް 2026ގައި ސެމްސަންގުން މިވަނީ އެއްވެސް ވަރަކަށް ރޫ ނުޖެހޭ ފޯލްޑަބަލް ޑިސްޕްލޭއެއް ދައްކާލާފައެވެ. މި ސްކްރީނުގެ މެދުގައި ރުލެއް ނެތްކަން ކުރިމަތިން ބަލާއިރު އެނގެއެވެ. އަދި އަރިމަތިން ބަލާއިރުވެސް އެއްވެސް ވަރަކަށް ފާހަގައެއް ނުކުރެވެއެވެ. މިއީ ފޯލްޑަބަލް ފޯނުތަކުގެ ދާއިރާގައި މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޓެކްނޮލޮޖިކަލް ގޮންޖެހުމެވެ.

ސެމްސަންގުން އަލަށް އީޖާދުކުރި ޑިސްޕްލޭއާއި އެކުންފުނީގެ ޒެޑްފޯލްޑް 5 ގެ ޑިސްޕްލޭއާ އަޅާ ކިޔަނީ -- ފޮޓޯ/ އައިސް ޔުނިވާސް
މިކަން ހާސިލްކޮށްފައި ވަނީ ސްކްރީނުގެ ދަށުގައި ބޭނުންކޮށްފައިވާ ހާއްސަ މެޓަލް ޕްލޭޓެއްގެ އެހީގައެވެ. މި ޕްލޭޓުގެ ސަބަބުން ފޯނު ފަތްޖަހާލާއިރު ސްކްރީނަށް ކުރާ ބާރު އެއްވަރަކަށް ފެތުރިގެންދާގޮތްވެ، ގިނަ ދުވަހު ބޭނުންކުރުމުންވެސް ރޫ ނުޖެހޭނެ ކަމަށް ބެލެވެއެވެ.
ދާއިރާގެ މާހިރުން ގަބޫލުކުރާ ގޮތުގައި ސެމްސަންގުން މި ޓެކްނޮލޮޖީ އުފެއްދީ އެޕަލްގެ ވެސް އެދުމުގެ މަތިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 8 ގައި މި ސްކްރީން ބޭނުންކުރާނެއެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ނެރޭ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް (ފަތްޖަހައިލެވޭ) އައިފޯނުގައި ވެސް މި ޓެކްނޮލޮޖީ ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މި ޕްރޮޓޯޓައިޕް ސްކްރީނުގެ ދަށުގައި ކެމެރާ ހިމަނާފައިވުމަކީ އެޕަލްއިން ގެންގުޅޭނެ ވިސްނުމަކަށް ވެދާނެއެވެ.
އެޕަލްއިން މި ދާއިރާއަށް ވަންނައިރު، ސެމްސަންގުން މިހާރުވެސް އަންނަނީ އެ ކުންފުނީގެ ފޯލްޑަބަލް ފޯނުތަކުގެ ވިޔަފާރީގައި ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.
ވަކިވަކި ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްގެ ފޯލްޑަބަލް ފޯނުގެ އަގު 2,400 ޑޮލަރު (ގާތްގަނޑަކަށް 37,000 ރުފިޔާ) އަށް ވުރެ މަތިވުން އެކަށީގެންވެއެވެ. ނަމަވެސް، ރޫ ނުޖެހޭ ސްކްރީނަކާއެކު މި ފޯނު ނުކުމެއްޖެނަމަ، މިއީ އައިފޯނަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާނެ ފޯނެއް ކަމަށް ބެލެވެއެވެ.