ސޯޅަ ޖީބީ ރެމާއެކު ރެޑްމީގެ އެންމެ ވަރުގަދަ ފޯނު ނެރެން ތައްޔާރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރެޑްމީއިން އަލަށް ނެރުމަށް ތައްޔާރުވަމުން ދާ "ޓާބޯ 5" ސީރީޒްގެ އެންމެ ވަރުގަދަ ފޯނު، "ރެޑްމީ ޓާބޯ 5 ޕްރޯ މެކްސް"ގެ މައުލޫމާތުތަކާއި ބައެއް ސިފަތައް ބެންޗްމާކް ލިސްޓިންތަކުން ހާމަވެފައިވާއިރު، މި އައު ސީރީޒްގައި ސްޓޭންޑަޑް މޮޑެލްގެ އިތުރުން "ޓާބޯ 5 މެކްސް" އަދި "ޓާބޯ 5 ޕްރޯ މެކްސް" ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފޯނުގެ ސްޕީޑް ބަލާލުމަށް ކުރެވުނު ގީކްބެންޗް ޓެސްޓުތަކުން ދައްކާ ގޮތުގައި، މި ފޯނުގައި ހިމެނޭނީ މީޑިއާޓެކްގެ އެންމެ ފަހުގެ "ޑައިމެންސިޓީ 9500އެސް" ޗިޕްސެޓެވެ.
ޓެކްނޮލޮޖީ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ އަންނަ ޖެނުއަރީ މަހު މީޑިއާޓެކުން ދައްކާލާނެ އެންމެ ބާރުގަދަ އެއް ޗިޕްސެޓެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި 16 ޖީބީގެ ރޭމް ހިމެނޭއިރު، މިއީ އެންމެ ފަހުގެ އެންޑްރޮއިޑް 16 އޮޕަރޭޓިން ސިސްޓަމްގައި މަސައްކަތްކުރާނެ ފޯނެކެވެ. މީގެ އިތުރުން މި ފޯނުގައި މާލީ ޖީ925 ގްރެފިކްސް ޗިޕަކާއި 100 ވޮޓުގެ ފާސްޓް ޗާޖިން ސަޕޯޓް ހިމެނޭނެ ކަމަށް ސެޓިފިކޭޝަން ސައިޓުތަކުން ވަނީ ފެނިފައެވެ.

މި ފޯނުގައި ހިމެނޭނީ މީޑިއާޓެކްގެ އެންމެ ފަހުގެ "ޑައިމެންސިޓީ 9500އެސް" ޗިޕްސެޓެއް --
ރެޑްމީއިން މި ސީރީޒްގައި ތަފާތު ދެ މޮޑެލްއެއް މަތީ ފަންތީގައި ނެރޭނެ ކަމަށް ބެލެވެއެވެ. އެއީ ޑައިމެންސިޓީ 8500 ޗިޕްސެޓް ހިމެނޭ "ޓާބޯ 5 މެކްސް" އާއި ޑައިމެންސިޓީ 9500އެސް ޗިޕްސެޓް ހިމެނޭ "ޓާބޯ 5 ޕްރޯ މެކްސް"އެވެ.
މި ފޯނުގެ ފަރުމާއަށް ބަލާއިރު، މީގައި ހުންނާނީ އޯވަލް ބައްޓަމުގެ ކެމެރާ މޮޑިއުލެއްގެ ތެރޭގައި ހިމެނޭ ދެ ކެމެރާއެވެ. އަދި ފޯނުގެ ސްކްރީންގެ ވަށައިގެންވާ ބޭޒަލްތައް ތުނިކޮށް، މެދުގައި ކުޑަ ލޯވަޅެއްގެ ގޮތުގައި ސެލްފީ ކެމެރާ ހުންނާނެ ކަމަށް ލީކުވެފައިވާ ފޮޓޯތަކުން ދައްކައެވެ.
ޗައިނާގެ މާކެޓަށް ފަހު މި ފޯނު ބައިނަލްއަގުވާމީ މާކެޓަށް ނެރޭނެ ކަމަށް ބެލެވެނީ "ޕޯކޯ" ބްރޭންޑްގެ ދަށުންނެވެ. ބޮޑަށް ބެލެވެނީ މި ފޯނު ދުނިޔޭގެ ބާޒާރުގައި ވިއްކާނީ ޕޯކޯ އެކްސް8 ސީރީޒްގެ ނަމުގައެވެ.
ރެޑްމީ "ޓާބޯ" ސީރީޒްއަކީ ޝޯމީއިން މެދު ފަންތީގެ އަގުތަކެއްގައި ފްލެގްޝިޕް ފެންވަރުގެ ބާރުގަދަ ޕާފޯމަންސެއް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު އަލަށް ތައާރަފްކުރި ސީރީޒްއެކެވެ. މި ސީރީޒްގެ ފުރަތަމަ ފޯނެއްގެ ގޮތުގައި މިދިޔަ އަހަރު ނެރުނު "ރެޑްމީ ޓާބޯ 3" އަކީ ބައިނަލްއަގުވާމީ ބާޒާރުގައި "ޕޯކޯ އެފް6" ގެ ނަމުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފޯނެކެވެ.
ރެޑްމީއިން މިހާރު ތައްޔާރުވަމުންދާ ޓާބޯ 5 ސީރީޒަކީ އޭގެ ކުރިން ނެރުނު މޮޑެލްތަކަށްވުރެ ހާޑްވެއާގެ ގޮތުން މާ ވަރުގަދަ އަދި ޒަމާނީ ފަންނިއްޔާތު ހިމެނޭނެ ސީރީޒެއް ކަމަށް ޓެކް މާހިރުން ލަފާކުރެއެވެ.