އިނގިރޭސި އެފްއޭ ކަޕުގައި ބްރައިޓަން އަތްދަށުވެ މެންޗެސްޓަރ ޔުނައިޓެޑު މުބާރާތާ އަލްވަދާއުކީ އިރު އާސެނަލުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ދާއިމީ ކޯޗެއް މިވަގުތު ނެތް ޔުނައިޓެޑު މި މެޗުން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ބްރައިޓަންއެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްރޫޑާއެވެ.
ޔުނައިޓެޑަށް މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް މެޗުގެ 64 ވަނަ މިނިޓުގައި ބްރައިޓަންއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކްއެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ފެނުނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މިއީ ބެންޖަމިން ސެސްކޯ ޖަހައިދިން ލަނޑެކެވެ.
މީގެއިތުރުން ޔުނައިޓެޑުގެ ޝެއާ ލޭސީއަށް މި މެޗުގައި ރަތްކާޑެއް ވެސް ދައްކާފައިވެއެވެ. އޭނާއަށް ރަތްކާޑު ދެއްކީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. ބްރައިޓަން އަތުން ބަލިވެ ޔުނައިޓެޑަށް އެފްއޭ ކަޕް ނިމުނުއިރު، މި މެޗުގެ ކުރިން އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެއެވެ.
ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް، ޕޯޓްސްމަތު އަތުން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ޕޯޓްސްމަތުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މެޗުގެ ތިންވަނަ މިނެޓުގައި ކޮލްބީ ބިޝޮޕް ކާމިޔާބުކޮށްދިން ލަނޑުން ލީޑުނަގާފައެވެ.
ލީޑުނެގިތާ ފަސް މިނެޓުފަހުން އެ ޓީމުގެ އަންދްރޭ ޑޮޒެލް ބައިކޮޅަށް ޖެހި ލަނޑާއެކު އާސެނަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ގެބްރިއެލް މާޓިނެލީ ވަނީ 25 ވަނަ މިނެޓުގައި އާސެނަލަށް ލީޑުނަގައިދީފައެވެ.
ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގެ ތެރޭގައި އާސެނަލްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މާޓިނެލީއެވެ.
މާޓިނެލީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 72 ވަނަ މިނެޓުގައެވެ. މިއީ ވެސް މަޑުއެކޭ ނަގައިދިން ކޯނަރެއްގައި ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާޓިނެލީ ޖެހި ލަނޑެކެވެ.