ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ޑިމާންޑު އޮތް ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓް މީގެފަހުން އަހަރެއްގެ ތެރޭ މަސައްކަތްކުރާނީ އެންމެ ފިލްމެއްގައި ކަމަށް ބަތަލާ ބުނެފިއެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަތާ 13 އަހަރުވެފައިވާ ބަތަލާ ބުނީ އެ ނިންމުމަކީ އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރުގެ އަންހެނުން ބުނީ އުމުރުން 3 އަހަރުގެ ދަރިފުޅު ރަހާއަށް އާލިއާގެ ދެމަފިރިންގެ ސަމާލުކަން ވެސް ބޭނުންވާ މިންވަރު ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް އިތުރުވާނެ ކަމަށާއި މަސައްކަތްކުރާ ފިލްމުތަކުގެ އަދަދު މަދު ކުރުމަކީ ރަންބީރުއާ ދެ މީހުން މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

ބަތަލާ އާލިއާ ބަޓް ފިރިމީހާ އަދި އެކްޓަރު ރަންބީރް ކަޕޫރާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި ނިންމުމާ އެކު އާލިއާ މީގެކުރިން ފިލްމީ އިންޑަސްޓްރީއާ މެދު ދުށް ގޮތާއި ފިލްމީ ދާއިރާއާ މެދު ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް 32 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
އެހެންވެ ކުރިއަށް އޮތްތާ ވެސް ފިލްމުތައް ހޮވުމުގައި އިސްކަންދޭނީ މީގެކުރިންވެސް ފިލްމުތައް ހޮވުމުގައި ބަލާ މިންގަނޑުތަކަށް ކަމަށް އާލިއާ ވަނީ ބުނެފައެވެ.
މީގެކުރިން މިނިވަންކަމާ އެކު ފިލްމުތަކަށް ވަގުތު ދެވުނަސް އަލަތު ދަރިފުޅު ލިބުމަށްފަހު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމުގައި އިސްކަންދޭ ކަންކަން ބަދަލުވެއްޖެ ކަމަށް އާލިއާ ވަނީ ބުނެފައެވެ.
އަހަރެއްގެ މައްޗަށް އެންމެ ފިލްމެއްގައި މަސައްކަތް ކުރުމަށް ނިންމި ނިންމުމާ އެކު އެ ފިލްމަށް ދޭން ބޭނުންވާ ވަގުތު އެންމެ ފުރިހަމައަށް ދެވި ފިލްމަށް މަސައްކަތް ކުރަން ގިނަ ވަގުތު ހުސްކުރަން ވެސް ފަސޭހަވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާގައި ކުރާ މަސައްކަތަކީ އާލިއާއަށް އަބަދުވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ މަސައްކަތްތަކަށް ވާތީ އެކްޓު ކުރުމުގެ އިތުރުން ފިލްމީ ދާއިރާގެ އެހެނިހެން މަސައްކަތްތަކުގައި ވެސް ބައިވެރިވާނެ އެކި ގޮތްގޮތް ހޯދާ ހުރި ފުރުސަތުތައް ބަލަމުން އަންނަ ކަމަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ޖިގްރާ"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ބަތަލާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ޔަޝް ރާޖް ފިލްމްގެ ސްޕައި ޔުނިވާސްއިން އުފައްދާ "އަލްފާ" އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގައެވެ.