ހުރާ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ގަމަށް

ރާއްޖެ ސުޕަ ލީގު 2026 ގައި ލ. ގަމާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސަން

ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ކ. ހުރާގެ މައްޗަށް ކުރިހޯދާ، މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލ. ގަމުން ހޯދައިފިއެވެ.

މުބާރާތުގެ ސެމީއަށް ކ. ހުރާ ދަތުރުކޮށްފައިވަނީ ގްރޫޕް ބީގެ ރޭންކް އެއްވަނަ ހޯދައިގެންނެވެ. އަދި ގަމުން ސެމީއަށް ދަތުރުކޮށްފައި ވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުންނެވެ.

ސޯޝަަލް ސެންޓަރު އިންޑޯގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗު ގަމުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުމަކަށްފަހު 3-1 ސެޓުންނެވެ.

ރާއްޖެ ސުޕަ ލީގު 2026 ގައި ލ. ގަމާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސަން

މެޗުގެ ފުރަތަމަ ސެޓުގެ ބޮޑުބައި ލީޑުގައި އޮތީ ހުރާއިންނެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު ލިބުނު ފުރުސަތުތަކާއެކު ގަމުން ވަނީ ފަހަތުން އަރާ 26-24 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ނަމަވެސް ދެވަނަ ސެޓުގައި ގަމުން ފެނުނީ ވަރަށް ދަށްކޮށެވެ. އޭގެ ފައިދާ ނަގައިގެން ހުރާ ވަނީ މި ސެޓު 25-11 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ގަމުން ކާމިޔާބުކޮށްފައިވަނީ 25-18 އަދި 25-16 އިންނެވެ. މި ދެ ސެޓުގައިވެސް ގަމުން ފެނުނީ ވަރުގަދަކޮށެވެ. ހާއްސަކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަން ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިންކަން ވިޕާދާ ގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

ރާއްޖެ ސުޕަ ލީގު 2026 ގައި ލ. ގަމާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސަން

އެއާއެކު މުބާރާތުގެ ފައިނަލުގައި ގަން ބައްދަލުކުރާނީ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކުރި މާބައިދޫއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެ މެޗުން ބަލިވި ޓީމުތައް ކުޅޭނީ ތިންވަަނަ ހޮވާ މެޗު ނުވަތަ ބްރޮންޒް މެޑަލް މެޗެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނީ ހޯމަދުވަހުގެ ހަވީރު 16:15 ގައެވެ. އަދި ފައިނަލް މެޗު ކުޅޭނީ އެ ރޭ 20:25 ގައެވެ. މި ދެ މެޗުވެސް އެސްއެސް ޓީވީއާއި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު