ކޯނީން ނެރުނު ރިޕޯޓަކީ ހަގީގަތް ހަމަކޮށްދޭ ރިޕޯޓެއް: ރައީސް މައުމޫނު

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓުގައި ހަތެއް ފެބުރުއަރީ ހާދިސާއަކީ ހަގީގަތް ހަމަކޮށްދޭ ރިޕޯޓެއް ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ރައީސް މައުމޫނު ވިދާޅުވީ ހަތެއް ފެބުރުއަރީގެ ހާދިސާގައި ވެރިކަން ބަދަލުވީ ގާނުނީ ހަމަތަކުގެމަތިން ކަމަށް ނިންމެވުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށާއި ކަންހިނގައި ދިޔަގޮތުގެ ހަގީގަތް އެ ރިޕޯޓުން ހާމަކޮށްދެއްވާފައިވާ ކަމަށެވެ.

"... މިއަދު ކޯނީން ނެރުނު ރިޕޯޓުން ވެސް 7 ފެބުރުއަރީގައި ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ނިންމެވޭތީ އަޅުގަނޑު ވަރަށް އުފަކޮށްފީމެވެ. އެއީކަން ހިނގާދިޔަ ގޮތުގެ ހަގީގަތް އެރިޕޯޓުން ހާމަކޮށްދެއްވާފައިވަތީ އެވެ،" މައުމޫނު ނެރުއްވި ބަޔާނުގައިވެ އެވެ.

ރައީސް މައުމޫނު ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ޝަރުއީ ދާއިރާގެ ދިފާއުގައި ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް ޓަކައި މާތް ﷲގެ އިރާދަފުޅާ އެކު ރާއްޖޭގެ ރައްޔިތުންނާއި ޕީޕީއެމްގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތުގެ ސަބަބުން ގާނޫނީ ހަމަތަކުގެ މަތިން ކުރީގެ ރައީސް ނަޝީދުގެ އަނިޔާވެރި ވެރިކަން ބަދަލުވިކަމަށް ޓަކައި މާތް ﷲގެ ހަޒުރަތައް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ.

".. އަދި ހަމައެއާ އެކު މިފުރުސަތުގައި އިއްތިހާދުގެ އެހެނިހެން ޕާޓީތަކުގެ ލީޑަރުންނަށާއި މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އަދި ރައީސް ޑރ. ވަހީދުގެ ސަރުކާރަށް ތަހުނީޔާއާއި މުބާރަކު ބާދީ ރައްދުކުރަމަވެ،" ބަޔާނުގައިވެ އެވެ.

ދީނާއި ގައުމުގެ ހައްގުގައި ވަރުގަދަ އަޒުމަކާ އެކު ސާބިތުކަމާ އެކު ޕީޕިއެމުގެ މެންބަރުން އަބަދުވެސް ތިއްބަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫނު ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު