ހިތުގައި ތިނަން ވާތީ... 16

އިވްލީންގެ ނޭވާ ވަނީ އެތެރެހަށީގައި ތާށިވެފައެވެ. ނަސީމް ބުނިގޮތުންނަމަ، އޭނާ މަހަށް ފުރީ މުހައްމަދު އައުމުންނެވެ. އެކަމަކު، މުހައްމަދު ވާހަކަ ދެއްކިގޮތުން އޭނާ ނުދާ ކަން އިވްލީނަށް އެނގުނެވެ. ވީއިރު، އެގަޑީ ޖެޓީއަށް ދިޔައީ ކާކު ހެއްޔެވެ؟

"ދޫކޮށްލާ!..." ވޭނީ އަޑަކުން އާކިލް ބުނި އަޑު އިވުނީ ހަޓުގެ ތެރެއިންނެވެ.

********

އިވްލީން މަޑުމަޑުން ހަޓުގެ ކައިރިއަށް ޖެހިލިއެވެ. ތަނަށް ވަދެވެން ހުންނަ ދޮރު ހުރީ ކުޑަކުޑަކޮށް ހުޅުވިފައެވެ. ދޮރު ކައިރީގައި ހުއްޓުނުއިރު، އިވްލީންގެ ހިތް ބާރަށް ތެޅެއެވެ. ދޮރުން އެތެރެ ބަލައިލި އިވްލީންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކޮޅަށް ހުރި މީހެކެވެ. އިސްކޮޅުން ދިގު އެމީހާގެ ބާމަތި ފުޅަލެވެ. ލައިގެން ހުރި ޓީޝާޓުގެ ހޫޑުން އިސްތަށިގަނޑު ފޮރުވާލައިގެން ހުރުމުން، ފުރަގަހުން ކާކުކަމެއް ވަކިވާވަރެއް ނުވެއެވެ.

"އޭރުވެސް ބުނިންދޯ ދުރުގަ ހުންނާށޭ... ކަލޭ އަމިއްލައަށް މިކަމުގެ ތެރެއަށް ވަދެގަތީ... މިހާރު މާގިނަ އެއްޗެހި ކަލެއަށް އެނގިއްޖެ!..." އިވުނީ ފިރިހެނެއްގެ އަޑެވެ.

އިވްލީން ދަންނަ އަޑަކާއި ވައްތަރުވީ ނަމަވެސް ހާސްވެފައި ހުރިވަރުން ކާކު ކަމެއް ވަކި ކުރާކަށް ނޭނގުނެވެ. ދޮރުމަތިން ދުރަށްޖެހިލި އިވްލީނަށް ބިތުގައި ލެނގިލެވުނީ ދެފައިން ބާރު ދޫވާހެން ހީވުމުންނެވެ. އިވްލީނަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ދެވަނަ ފަހަރަށް އެތެރެ ބަލައިލި އިވްލީނަށް ފެނުނީ އޭނާގެ ހިތް ކުދިކުދިވާފަދަ މަންޒަރެކެވެ.

އާކިލްގެ ދެއަތް އޮތީ ބަނދެފައެވެ. ދެލޮލުގައި ފޮތިގަނޑެއް އައްސާފައިވާއިރު، ތުންފަތް ފަޅައިގެން ގޮސް ލޭ އައިސްފައި ހުއްޓެވެ.

"ހާދަ ފިނޑިއޭދޯ... ތީ ކާކު ކަން ހާމަކޮށްލަންވެސް ނުކެރޭ!..." އާކިލް ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.

ފިރިހެންމީހާ ހީގަތެވެ. އޭނާވެސް އާކިލްއަށް މަލާމާތްކުރި ކަހަލައެވެ.

"އަހަރެން ފިނޑި ނޫންކަން އެތައް ގޮތަކުން ދައްކާފަ އޮންނާނީ...." ފަހުރުވެރިވެފައިވާ ރާގަކަށް އޭނާ ބުންޏެވެ.

"އީވްއަށް ޖެއްސުންނުކޮށް، ނިކަން އަހަރެން ކުރިމައްޗަށް އަރާބަލަ... ތީ ކާކުކަން އަންގާލަބަލަ!... ތިކަހަލަ ފިނޑިން އުޅޭތީ މައްސަލައަކީ...." އާކިލް ބޭނުންވީ ޖަދަލުކުރާށެވެ.

"ކަލޭ އިވްލީނަށް ހަމްދަރުދީވާންފެށީ ކޮންއިރަކު؟..." އިވްލީންގެ ނަން އަޑު އިވުމުންވެސް ފިރިހެންމީހާގެ ލޭ ކެކުނުހެން ހީވިއެވެ. "މީގެކުރިން ކަލޭ އޭނައަށް ކުރި ނަފުރަތު ކޮބާ؟..."

"ތީގެ މާނައަކީ، ތީ އަހަރެމެން ދެމީހުން ވަރަށް ރަނގަޅަށް އެނގޭ މީހެކޭ.. އެހެންނު؟...." އާކިލް ޖަހައިލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"ވާހަކަ ނުދައްކާ!.... އަހަރެންގެ ކެރޭކަން ކަލެއަށް ދައްކާލަންވީތަ؟... އަހަރެން ކަންކަން ދައްކާނީ އަމަލުން... ކަލޭ ބޭނުންވާ ގޮތަކަށް ނޫން... ތި އަނގަ ނުހުޅުވޭވަރު ކޮށްލެވިދާނެ... ދެލޮލުން ބަލާނެ ފުރުސަތު ދޭކަށްވެސް ބޭނުމެއް ނޫން..." ފިރިހެންމީހާ އޭނާގެ އަތުގައި އޮތް ލަކުޑިގަނޑު ހިފައިގެން އާކިލްގެ ކައިރިއަށް ޖެހިލިއެވެ.

އިވްލީންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ކުރިމަތީގައި ހުރީ ޖާނުން ވަރުގަދަ ބިޔަ މީހެކެވެ. އިވްލީންފަދަ ނިކަމެތި މީހަކަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ ދުވެ ފިލަން ބޭނުންވިޔަސް، އާކިލް ދޫކޮށްފައި ދާކަށް އޭނާއަކަށް ނުކެރުނެވެ. އިވްލީން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ލަކުޑިތަކުގެ ތެރެއިން އޭނާއަށް ފެނުނީ ބުރިކޮށްފައި އޮތް ދަގަނޑުގަނޑެކެވެ. އޭނާ ދަގަނޑުގަނޑު ނަގައި، އަތަށް ހެޔޮވަރުކޮށްލިއެވެ.

"އަހަރެން ރުޅި އެރުވީމަ ކަންތައްވާގޮތް ދެން ކަލެއަށް ފެންނާނެ..." އެމީހާ ލަކުޑިގަނޑު މަޅައިލީ އާކިލްގެ މޫނަށް އަމާޒުކޮށްފައެވެ.

އިވްލީން އެތެރެއަށް ވަނެވެ. ދެއަތް ތުރުތުރު އެޅިނަމަވެސް އަތުގައި އޮތް ދަގަނޑުގަނޑު އަތަށް ހެޔޮވަރުކޮށްލިއެވެ. ކުރިމަތީގައި ހުރި ފިރިހެންމީހާ ހުރީ ދޮރަށް ފުރަގަސްދީގެންނެވެ.

"އޭތް!... ދުރަށް ޖެހޭ..." އިވްލީން ހަޅޭއްލަވައިގަތެވެ.

އާކިލްއެކޭ އެއްވަރަށް އޭނާގެ ކުރިމަތީގައި ހުރި ފިރިހެންމީހާވެސް ސިހުނެވެ. ވަގުތުން އޭނާގެ އަތުގެ ހަރަކާތް ހުއްޓުނެވެ. ލަކުނޑިގަނޑު އުފުލައިލިގޮތަށް ތިރިކޮށްލަންވެސް ނޭނގިފައި އޭނާ ލޮލުގެ ހިމަކޮޅުން ފަހަތުގައި ހުރި މީހަކަށް ބަލައިލިއެވެ. އިވްލީން ފެނުމުން، އެމީހެއްގެ މޫނުން ކުރިއަށްވުރެ ބޮޑު ހައިރާންކަމެއް ފެނުނެވެ.

"އީވް!... ޑޯންޓް ކަމް ހިއަރ...." އިވްލީންގެ އަޑު އިވުމުން، އާކިލް ހާސްވެގެން ތެޅިގަތެވެ.

އެފަދަ ވަގުތެއްގައި އިވްލީން އެތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ އާކިލް އެފަދަ ނިކަމެތި ހާލެއްގައި އިނދެ، އިވްލީން ސަލާމަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި ހުރީ، އިވްލީނަށް ނަފުރަތުކުރާ މީހެކެވެ. އެފަދަ އެކަހެރި މާހައުލެއްގައި އިވްލީނަށް ކޮންމެފަދަ ކަމެއް ކޮށްލާކަށްވެސް އެމީހަކު ފަހެއް ނުޖެހޭނެއެވެ.

"އާކް ދޫކޮށްފައެއް ނުދާނަން..." އިވްލީނަށް އައު ހިތްވަރެއް ލިބުނެވެ.

އިވްލީން ބަލާކަށް ނުހުރެ، ކުރިމަތީގައި ހުރި މީހާގެ އަތުގައި ދަގަނޑުން ޖެހިއެވެ. ދެވަނަ ފަހަރަށް ޖެހުމުގެ ކުރިން އެމީހާ ހުށިޔާރު ކަމާއިއެކު، ދަގަނޑުގައި ހިފެހެއްޓިއެވެ.

"ތި ޖެހުނީ މަޅިފަތީގަ..." އެމީހާ އިވްލީނާއި ދިމާއަށް އެނބުރުނެވެ. އޭރު އޭނާގެ މޫނުން ހަމައެކަނި ފެންނަނީ ދެލޮލެވެ. މޫނުގެ ބާކީބައި ނިވާކޮށްފައިވީ، އަޅައިގެން ހުރި މާސްކުންނެވެ.

"އީވް، ރަން... އަވަސް..." އާކިލް ހިފީ އެމީހާގެ ފައިގައެވެ. ނުފެންނަ ހާލުގައިވެސް އާކިލް ބެލީ އޭނާއަށް ވީގޮތަކުން އިވްލީން ސަލާމަތްކޮށްދެވޭތޯއެވެ.

އެމީހާ ތެޅިގަތެވެ. އާކިލްގެ ކައިރިން ސަލާމަތްވެގެން އިވްލީނާއި ދިމާއަށް ދެވޭތޯ މަސައްކަތް ކުރިއެވެ. އާކިލް އޮތީ އެއަށްވުރެ ބާރަށް އެމީހެއްގެ ފައިގައި ހިފަހައްޓައިގެންނެވެ. ސަލާމަތްވުމަށް އާކިލްގެ ފޮޅުވައިލެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ބިންމަތީގައި ހުރި އެތިކޮޅުތަކަށް ހެރި، އާކިލްގެ ހަށިގަނޑު ޒަހަމުވަމުން ދިޔައިރުވެސް، އިވްލީނަށް ރައްކާތެރިކަން ހޯދައިދޭން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

ހަދަންވީގޮތް ނޭނގި، ހާސްވެފައި ހުރި އިވްލީންގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. އާކިލް ސަލާމަތްކޮށްދޭން ކުރެވޭނެކަމަކާއިމެދު ވިސްނަން ހުއްޓައި އިވްލީނަށް ފެނުނީ، އާކިލްގެ ފައިން ޖެހިފައި، ބިތުގައި ލައްކޮށްފައި ހުރި ޓިނުތައް ފައިބައިގަތް ތަނެވެ.

"މިތާތެރޭ ކޮންބައެއް އުޅެނީ؟..." އިވުނު ގަދަ އަޑުފަށްގަނޑާއިއެކު، ބޭރުން މީހަކު ބުނެލި އަޑު އިވުނެވެ.

އާކިލްގެ އަތް ފޮޅުވައިލާފައި އެމީހާ ދުވެފައި ގޮސް ކުޑަދޮރުން ބޭރަށް ފުންމައިލިއެވެ. އޭނާގެ ފައިން ޖެހުނުލެއް ބާރުކަމުން، އާކިލްގެ ނޭފަތް ފަޅައިގެން ގޮސް، ނޭފަތުން ލޭ އަންނަން ފެށިއެވެ. އަނެއްކޮޅުން ޓިނުތަކުން ބައެއް ފައިބައިފައި އޮތީ، އާކިލްގެ ފައި މައްޗަށެވެ.

އިވްލީން އަވަސް އަވަހަށް އާކިލްގެ އަތުގައި އައްސާފައިވާ ވާގަނޑު މޮހައިލިއެވެ. ލޯމަތީގައި އައްސާފައިވާ ފޮތިގަނޑު ނެގުމަށް އެހީތެރިވެދިނެވެ. އާކިލް އުނދަގޫގޮތަކަށް ޓިނުތަކުގެ ތެރެއިން ދެމިގަތެވެ. ލޯ ހުޅުވައިލި ވަގުތު އާކިލްއަށް ފުރަތަމަވެސް ފެނުނީ އިވްލީނެވެ. އެފަދަ ހާދިސާއަކަށްފަހު، އިވްލީން ފެނުމުން، އާކިލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ކަރުނުން ދެލޯ ފުރެން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާ ސަލާމަތްކުރަން އެ އަންހެންކުއްޖާ އެކުރީ އެހެންމީހަކު ނުކުރާނެވަރުގެ ބޮޑު ކަމެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން އެހެން މީހަކު ސަލާމަތްކުރާނީ، ޔަގީނުންވެސް އެއީ އެމީހަކަށް ހާއްސަ މީހެއް ވީމައެވެ. އިވްލީން ކުރި ހިތްވަރުގެމަތިން އާކިލްއަށް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ.

"ވަރަށް ތަދުވޭތަ؟..." ލޭމަނާކުރެވޭތޯ މަސައްކަތް ކުރަމުން އިވްލީން ވާހަކަ ދެއްކިއެވެ.

ހާސްވެގެން ހުދު އިވްލީނަށްވެސް ރޮވެނީއެވެ. އާކިލް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު އިވްލީން ކުއްލިއަކަށް އޭނާގެ ގައިގައި ބައްދައިލިއެވެ. އާކިލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަރަކާތް ހުއްޓިފައި އޭނާ އިރުކޮޅަކު އިންއިރު، ނޭވާލާންވެސް ހަނދާން ނުވިއެވެ.

"ކީއްވެތަ ތިހާ މޮޔަ ކަންތައް ކުރަނީ؟..." އިވްލީނަށް ޝަކުވާ ކުރެވުނެވެ.

އާކިލްއަށް ހިނިތުންވެލެވުނެވެ. އިވްލީންގެ އެ އަމަލުން އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށްވެސް ލުއި ލިބުނުހެން އޭނާއަށް ހީވިއެވެ.

"ދެން ދުވަހަކުވެސް، ދުވަހަކުވެސް އަމިއްލައަށް މިކަހަލަ ކަމަކާ ކުރިމަތިނުލާތި!..." އިވްލީންގެ އަޑު ތުރުތުރުލައެވެ.

"އީވްއަށް ދެރަގޮތެއް..." އާކިލް އެއްޗެއް ބުނަން އުޅުނެވެ.

"ފުރަތަމަ އިސްކުރާނީ އަމިއްލަ ނަފުސު..." އިވްލީން ހިތްހަމަނުޖެހިގެން އާކިލްގެ މޫނަށް ބަލައިލިއެވެ.

ދެލޯ އަޅައި، ތުން ފިއްތާލައިގެން އިން ނަމަވެސް އިވްލީންގެ މޫނުން ފެންނަމުން ދިޔައީ، އަޅާލުމާއި އޯގާތެރިކަމެވެ. އާކިލްއަށް ދެރަގޮތެއްވާން ނޭދޭ ވަރެވެ. އިވްލީންގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނި، އާކިލްގެ ހިތަށް އުނދަގޫގޮތެއް ވިއެވެ. މަޑުމަޑުން އަތް އުފުލައި، އެ ކަރުނަތައް ފޮހެލަދިނެވެ.

"ކީއްވެތަ އަބަދު ތިހެން ހަދަނީ؟... ކީއްވެތަ އަމިއްލަ ނަފުސާ ދޭތެރޭ ނުވިސްނަނީ؟... ކީއްވެތަ ކަންކަން ސިއްރު ކުރަނީ؟..." އިވްލީނަށް އިތުރަށް ރޮވުނެވެ. އާކިލްގެ މޭގައި މަޑުމަޑުން ޖަހަމުން އޭނާ ޝަކުވާ ކުރަން ފެށީ، ރަތުނާގެ ޖުމުލަތައް ހަނދާނަށް އައުމުންނެވެ.

"ދެން ނުކުރާނަމޭ!... ޕްރޮމިސް..." އާކިލް އަވަސް އަވަހަށް ބުނެލިއެވެ.

ދޮރު ކައިރިން ކަރު ކެހިލި އަޑު އިވުމުން، އިވްލީނާއި އާކިލް އެކަކު އަނެކަކާއި ދުރަށްޖެހުނެވެ. ދޮރުމަތީގައި ތިބީ، ރަށުގެ ހަރުފުރައިގެ ދެމީހެކެވެ.

********

ޕިކަޕުން ފައިބައިގެން ކެފޭއަށް ވަންއިރު، އާކިލް ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެކަމަކު، އޭނާ ކޮޅަން ހުރީ، އިވްލީންގެ އެހީތެރިކަމާއި އެކުގައެވެ. ކުޑަކޮށް ހަމައަކަށް އެޅުނު ނަމަވެސް، އިވްލީން އެހާ ކައިރީގައި ހުރުމުން ދުރަށްދާން އާކިލް ބޭނުން ނުވީއެވެ. އިވްލީންމެން އެތެރެއަށް ވަންތަން ފެނުމުން، އަޔާމާއި، ރަތުނާ ދުވެފައި ކަހަލަ ގޮތަކަށް އާކިލްގެ ކައިރިއަށް ދިޔައެވެ. ކައުންޓަރުގެ ކައިރީގައި ތަށިތައް ފޮހެން ހުރި މިރާހް ވަރަށް ފުން ނަޒަރަކުން، އެއްފަހަރު އިވްލީނަށް އަނެއް ފަހަރު އާކިލްއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟..." އަޔާމް ހާސްވެގެން އާކިލްގެ ގައިގައި ހިފަހައްޓައިލިއެވެ. "ކާކު ކުރި ކަމެއް ތީ؟.."

"ހާދަ އަނިޔާއެއް ލިބިފައޭ..." ރަތުނާ އުޅުނީ އާކިލްގެ ތުންފަތް ކައިރިން ފަޅައިގެން ގޮސްފައިވާ ތަނުގައި އަތް ޖައްސައިލާށެވެ. އާކިލް އެ ފުރުސަތު ނުދީ ކުޑަކޮށް ދުރަށްޖެހިލުމުން، ރަތުނާ އަތް ތިރިކޮށްލިއެވެ.

"މުޅި ގައިގަވެސް ހުސް ވެއްޔެއްނު ތިއޮތީ..." އާކިލްގެ ގައިން ވެލި ފޮޅަމުން އަޔާމް ބުނެލިއެވެ.

އާކިލް ޖަވާބެއް ނުދެއެވެ. އޭނާއަށް ބަލައިލެވުނީ ފަހަރަކު މީހެއްގެ މޫނަށެވެ. އަޔާމްގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ. ރަތުނާގެ މޫނުން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. މިރާހުގެ މޫނުން މާ ބޮޑު އަސަރެއް ނުފެނުނެވެ. އާކިލް ޝައްކުގެ ނަޒަރަކުން މިރާހަށް ބަލަން ހުއްޓެވެ. އަޔާމުގެ ސުވާލަށް އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެމީހަކު ވާހަކަ ދެއްކިގޮތުން، އެއީ އާކިލް އާއި އިވްލީންގެ މާޒީވެސް ވަރަށް ރަނގަޅަށް އެނގޭ މީހެއްކަން އޭނާއަށް އެނގުނެވެ. ވީއިރު، ކައިރީގައި އުޅޭ ބައެއްގެ ކުރިމަތީގައި އެއްޗެއް ބުނާއިރު، ވަރަށް ވިސްނަންޖެހޭނެކަން އާކިލްއަށް އެނގެއެވެ.

"ހިނގާ އިށީންނަން..." އަޔާމް އާކިލްގެ ގައިގައި ހިފެހެއްޓުމުން އިވްލީން އާކިލްގެ ގައިން ދޫކޮށްލިއެވެ.

"ފްރެޝް އެއްޗެއް ގިރާލަބަލަ... ކުރުނބަލެއް ރަނގަޅުވާނެ..." އަޔާމް ބަލައިލީ މިރާހަށެވެ.

މިރާހު ކުރުނބާ ހަދަން ހުރިއިރު، އާކިލްއަށް ކަޅި ޖަހާވެސްނުލައި ބެލުނީ އޭނާގެ ހަރަކާތްތަކަށެވެ. މިރާހުގެ އަތުގައި ކުދިކުދި ޒަހަމުގެ ނިޝާންތައް ފެންނަން ހުރިއިރު، ލައިގެން ހުރި ޓީޝާޓުގައިވެސް ދަބަރު ކަހަލަ އެއްޗެއް ޖެހިފައި ހުއްޓެވެ.

"މިރާހު އައީ ކޮންއިރަކު؟..." އާކިލް އަހައިލީ ހަމައެކަނި އަޔާމަށް އިވޭ ވަރަށެވެ.

"ދެންމެ އައީ..." އަޔާމްގެ ޖަވާބުން އާކިލްގެ ނޭވާ އަވަސްވިއެވެ.

"ކޮންތާކަށް ގޮއްސަ؟..." އާކިލް އަނެއްކާވެސް އަހައިލިއެވެ.

"ފަތިހު އަހަރެމެން އައިއިރު ހުރި... އަހަރެމެން މިކޮޅަށް އައީމަ، ގެއަށް ގޮސްލާފަ އަންނާނަމޭ ކިޔާފަ ދިޔައީ؟..." އަޔާމް ތަފްސީލް ދިނެވެ.

"ގަޑި އެނގޭތަ؟.." އާކިލްގެ ޝައުގުވެރިކަން ކުރިއަށްވުރެ އިތުރުވިއެވެ.

"ހާދަ ސުވާލު ގިނައޭ... އެހެންޏާ ނުކުރާ ކަހަލަ ސުވާލު ތިކުރަނީ އަނެއްކާ ސިކުނޑިއަށް ކަމެއްވީތަ؟... އަހަރެން ހީކުރީ އިވްލީންގެ ވާހަކަ ކަމަށް ފުރަތަމަވެސް އަހާނީ؟..." އަޔާމް ދެފަރާތަށް ބޯ ހޫރައިލިއެވެ. "އެކުއްޖާ އުޅުނުގޮތް ފެނުނު ކޮންމެ މީހަކު ހަމްދަރުދީ ވާނެ..."

އާކިލްއަށް ގޮނޑީގައި ނީނދެވުނެވެ. ކައުންޓަރުގެ ކައިރިއަށް ދިޔައެވެ. ކުރުނބާ ހަދާފައި އެނބުރުނު މިރާހަށް ކުރިމަތީގައި ހުރި އާކިލް ފެނި، ކުޑަކޮށް ސިހޭގޮތްވިއެވެ.

"ގެއަށް ދިޔައީ ކީއްކުރަން؟..." އާކިލް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު