ސެމީގައި ފުނަދޫއާއި މާބައިދޫ، އަދި ގަމާއި ހުރާ

މުބާރާތުގައި ރޭ ކ. ހުރާއާއި ދ. މާއެނބޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ރާއްޖެ ސުޕަ ލީގު 2026 އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ށ. ފުނަދޫއާއި ލ. މާބައިދޫ، އަދި ސެމީފައިނަލުގެ ދެވަނަ މެޗުގައި ލ. ގަމާއި ކ. ހުރާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ލީގު ބުރުގެ ކުޅުން ހުކުރު ދުވަހުގެރޭ ވަނީ ނިމިފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ދެ ގްރޫޕުގެ އެންމެ ވަރުގަދަ ދެ ޓީމެވެ.

ށ. ފުނަދޫއަކީ ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އަދި ލ. މާބައިދޫއަކީ ގްރޫޕް ބީގެ ދެވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާ ކ.ހުރާއަކީ ގްރޫޕް ބީގެ އެއްވަނަ ޓީމެވެ. އަދި ލ. ގަމަކީ ގްރޫޕް އޭގެ ދެވަނަ ޓީމެވެ.

ޖުމްލަ އަށް ޓީމާއެކު ކުރިއަށްދާ މި މުބާރާތުގެ ލީގު ބުރު ނިމުމާއެކު ހަތަރު ޓީމަކަށް ވަނީ މުބާރާތް ނިމިފައެވެ. އެއީ ގްރޫޕް އޭ އިން ކ. މާފުއްޓާއި އައްޑޫ ސިޓީ، އަދި ގްރޫޕް ބީން ދ. މާއެނބޫދޫއާއި މާލޭ ސިޓީއެވެ.

ލީގު ބުރު ނިމުނުއިރު ގްރޫޕް އޭގެ ތާވަލުގެ އެއްވަނައިގައި ށ. ފުނަދޫ އޮތީ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 8 ޕޮއިންޓާއެކު އެވެ. އަދި ދެވަނައިގައި ލ. ގަން އޮތީ ދެ މެޗުން މޮޅުވެ 7 ޕޮއިންޓާއެކު އެވެ. މުބާރާތުން ކެޓި މާފުށި އޮތީ ތިން ޕޮއިންޓާއެކު އެވެ. އަދި ފުލުގައި އޮތް އައްޑޫ ސިޓީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ލީގު ބުރު ނިމުނުއިރު ގްރޫޕް އޭ

ގްރޫޕް ބީގެ އެއްވަނަ ކ. ހުރާ ހޯދީ ރޭ ކުޅުނު ގްރޫޕުގެ ފަހު މެޗުގައި މާއެނބޫދޫގެ މައްޗަށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި ކ. ހުރާ އޮވެ ލީގު ބުރު ނިންމާލީ ޖުމްލަ 8 ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނަ މަގާމާއެކު ލ. މާބައިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ.

ލީގު ބުރު ނިމުނުއިރު ގްރޫޕް ބީ

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ށ. ފުނަދޫއާއި ލ. މާބައިދޫއެވެ. މި މެޗު ކުޅޭނީ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައެވެ. އަދި ސެމީގެ ދެވަނަ މެޗުގައި އެރޭ 20:25 ގައި ބައްދަލުކުރާނީ ކ. ހުރާއާއި ލ. ގަމެވެ.

މި ދެ މެޗުވެސް އެސްއެސް ޓީވީއާއި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު