ކޯޕައިލެޓުން ސީދާ ވިޔަފާރި ކުރެވޭ ގޮތް މައިކްރޯސޮފްޓުން ހަދައިފި

ކޯޕައިލެޓުން ވިޔަފާރި ކުރި ނަމަވެސް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި، ފައިސާގެ މުއާމަލާތްތައް މައިކްރޯސޮފްޓުން ކޮންޓްރޯލެއް ނުކުރާނެ ---

މައިކްރޯސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް "ކޯޕައިލެޓް" މެދުވެރިކޮށް، ޗެޓް ވިންޑޯއިން ބޭރަށް ނުގޮސް ސީދާ ވިޔަފާރިކުރެވޭ ގޮތަށް "ކޯޕައިލެޓް ޗެކްއައުޓް" ގެ ނަމުގައި އާ ހިދުމަތެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

މި ފީޗާއާއެކު މައިކްރޯސޮފްޓް މިވަނީ ގޫގުލް، އޯޕަން އޭއައި އަދި ޕާޕްލެކްސިޓީ ފަދަ ކުންފުނިތަކުން އޭއައި ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ދާއިރާގައި ކުރަމުންދާ މަސައްކަތްތަކާ ވާދަކުރަން ފަށާފައެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މައިކްރޯސޮފްޓުން ވަނީ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމް ޝޮޕިފައި އާއި، ފައިސާގެ މުއާމަލާތްތައް ކުރާ ޕޭޕަލް އަދި ސްޓްރައިޕް ފަދަ ކުންފުނިތަކާއެކު ޕާޓްނަޝިޕް ގާއިމުކޮށްފައެވެ.

https://sun.mv/214490

މިވަގުތު އެމެރިކާގައި އެކަނި މި ހިދުމަތް ލިބެން ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެހެން ސަރަހައްދުތަކަށް މި ހިދުމަތް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މައިކްރޯސޮފްޓުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯޕައިލެޓްގެ އެހީގައި ވިޔަފާރިކުރުމުން މުދާ ގަތުމުގެ ފުރުސަތު، އާދައިގެ ގޮތްގޮތަށް ވިޔަފާރިކުރުމަށްވުރެ 194 އިންސައްތަ އިތުރެވެ. އަދި މި ޓޫލްގެ ސަބަބުން ކަސްޓަމަރުން މައުލޫމާތު ހޯދާތާ 30 މިނެޓުގެ ތެރޭގައި ވިޔަފާރި ނިންމާލާ މިންވަރު 53 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ކޯޕައިލެޓް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ތަޖުރިބާ ވަރަށް ސާދާއެވެ. ކަސްޓަމަރުން ބޭނުންވާ މުދަލަކާ ބެހޭގޮތުން ސުވާލުކުރުމުން، ކޯޕައިލެޓުން އެއާ ގުޅޭ ރެކޮމެންޑޭޝަންތައް ދައްކައިދޭނެއެވެ. އޭގެ ތެރެއިން އެއްޗެއް ގަންނަން ބޭނުންނަމަ، "ބައި" އޮޕްޝަނަށް ފިތާލުމުން ހުޅުވޭ ޕޮޕް-އަޕް ވިންޑޯއެއް މެދުވެރިކޮށް ފައިސާ ދައްކައި ވިޔަފާރި ނިންމާލެވޭނެއެވެ. މުއާމަލާތް ނިމުމުން އޯޑަރުގެ ތަފްސީލާއި ޑެލިވަރީ ޓްރެކް ކުރެވޭނެ ލިންކެއްވެސް ޗެޓްގެ ތެރެއިން ލިބޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރި ނަމަވެސް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި، ފައިސާގެ މުއާމަލާތްތައް މައިކްރޯސޮފްޓުން ކޮންޓްރޯލެއް ނުކުރާނެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި ހުރިހާ މައުލޫމާތެއް މުއާމަލާތުގެ ތެރެއިން ސީދާ ވިޔަފާރިވެރިޔާއަށް ފޯރުކޮށްދެވޭނެއެވެ.

މިއީ ކަސްޓަމަރުންގެ އިތުބާރު ހޯދުމަށާއި، ބައެއް އެހެން އޭއައި ކުންފުނިތަކަށް މީގެ ކުރިން ދިމާވި ފަދަ ގާނޫނީ މައްސަލަތަކުން ރެކުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް