ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ގެލެކްސީ އެސް26 އަލްޓްރާއާ އެކު އެ ކުންފުނިން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނު 45 ވޮޓުގެ ޗާޖިން ސްޕީޑް 60 ވޮޓަށް މަތިކުރަން އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ 2020 ވަނަ އަހަރު ނެރުނު އެސް20 އަލްޓްރާއިން ފެށިގެން ސެމްސަންގުން ހިފަހައްޓަމުން އައި 45 ވޮޓުގެ ލިމިޓް، އާ މޮޑެލްއާ އެކު އެންމެ ފަހުން ދޫކޮށްލާނެ ފަހަރު ކަމަށް ބެލެވެއެވެ.
ފޯނުތަކުގެ މައުލޫމާތު ދުރާލާ ހާމަކުރާ މަޝްހޫރު ފަރާތެއް ކަމަށްވާ "އައިސް ޔުނިވާސް" ބުނާ ގޮތުގައި، ސެމްސަންގުން ކުރި އިންޓާނަލް ޓެސްޓުތަކުން ދައްކާ ގޮތުގައި މި އާ ފޯނު އެންމެ 30 މިނެޓު ތެރޭގައި 0 އިން 75 އިންސައްތައަށް ޗާޖުކޮށްލެވޭނެއެވެ. މިއީ މިހާރު ބާޒާރުގައި ހުރި ގެލެކްސީ އެސް24 އަލްޓްރާއާ އަޅާބަލާއިރު ޗާޖުކުރަން ހޭދަވާ ވަގުތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބަދަލުތަކަށް ބާރު ލިބޭ މައުލޫމާތު ޗައިނާގެ 3ސީ ސެޓިފިކޭޝަން ވެބްސައިޓުން ވެސް މިހާރު ފެންނަން ހުރިއިރު، އެ ސައިޓުގައިވާ ގޮތުން "އެސްއެމް-އެސް9480" މޮޑެލް ނަންބަރުގައިވާ މި ފޯނަކީ 60 ވޮޓުގެ ޗާޖިންއަށް ސަޕޯޓްކުރާނެ ފޯނެކެވެ. މިއީ ޗައިނާގެ ވާދަވެރި ބްރޭންޑްތައް ކަމަށްވާ ޝޯމީއާއި އޮއްޕޯ ފަދަ ކުންފުނިތަކުން ގެންގުޅޭ މަތީ ސްޕީޑްގެ ޗާޖިންއާ ގާތްކުރަން ސެމްސަންގުން އެޅި ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
"ސުޕަ ފާސްޓް ޗާޖިން 3.0" ގެ ނަމުގައި ސެމްސަންގުން މި އާ ޗާޖިން ސްޕީޑް ތައާރަފުކުރާއިރު، މި ފޯނުގެ ސޮފްޓްވެއާ ނުވަތަ ވަން ޔޫއައި 8.5 ގެ ކޯޑުތަކުން ވެސް "ލެވެލް 4" ގެ ޗާޖިންއަށް އިޝާރާތްކުރާ މައުލޫމާތުތަކެއް ވަނީ ފެނިފައެވެ.
މީގެ އިތުރުން، މި ފޯނުގެ ފޮށީގައި ޗާޖަރެއް ނުހިމެނޭނެ ކަމަށާއި، 60 ވޮޓުގެ ސްޕީޑް ހޯދުމަށް ސެމްސަންގްގެ ރަސްމީ އެކްސެސަރީޒް ބޭނުންކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަޔާލެސްކޮށް ޗާޖުކުރުމުގެ ދާއިރާއިން ވެސް މި ފޯނަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެޕަލްގެ މެގްސޭފް ފަދަ މެގްނެޓިކް ޗާޖިންއަށް ސަޕޯޓްކުރާ "ކިޔުއައި2" ޓެކްނޮލޮޖީއާ އެކު 25 ވޯޓުގެ ބާރުމިނުގައި ވަޔާލެސްކޮށް ޗާޖުކުރުމުގެ ގާބިލުކަން މި ފޯނުގައި ހުންނާނެއެވެ. މިއީ ވަޔާލެސް ޗާޖަރުތަކަށް ފޯނު ފަސޭހައިން ހަރުކޮށްލުމާއި ޗާޖުކުރާ ބާރުމިނަށް އިތުރު ފަސޭހައެއް ލިބޭނެ ކަމެކެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސެމްސަންގުން މީގެ ކުރިން ޗާޖިން ސްޕީޑް މަތިކުރުމަށް ފަސްޖެހުނީ ބެޓެރީގެ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ. ނަމަވެސް، އާ ޓެކްނޮލޮޖީއާ އެކު ބެޓެރީ މާ ބޮޑަށް ހޫނުވިޔަނުދީ ސްޕީޑް މަތިކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
ސެމްސަންގުން މިހާރު މި ފޯނުގެ އެންމެ ފަހުގެ އިންޓާނަލް ޓެސްޓުތައް ފަށާފައިވާއިރު، މި މަހު ފަހުކޮޅު ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓުގައި މި ފޯނު ރަސްމީކޮށް ދައްކާލާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއާ އެކު، ގެލެކްސީ އެސް26 ސީރީޒްގެ އެހެން ފޯނުތަކަށް ވެސް މިފަދަ ބަދަލުތަކެއް އަންނާނެތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.