ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތިހާލުގައި ދިރިއުޅެން ޖެހިފައިވާ 300 އާއިލާއަކަށް އެހީތެރިވުމަށް މަމްސް އެއިޑްއިން 'ރަމަޟާން އެއިޑް' ކެމްޕޭން ފަށައިފިއެވެ.
މަމްސް އެއިޑަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި، ދަތިހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތެރި ޖަމިއްޔާއެކެވެ.
މަމްސް އެއިޑުން ބުނީ މި ކެމްޕޭނަކީ ބަރަކާތްތެރި ރަމަޟާން މަސް ގާތްވަމުން އަންނައިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަމާއި، އުންމީދާއި، އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ކެމްޕޭނުގެ އެންމެ މުހިންމު އެއް މަސައްކަތަކީ "ކެއާ ބާސްކެޓް" ނުވަތަ ރަމަޟާން މަހުގެ ތެރޭގައި އާއިލާތަކަށް ބޭނުންވާނެ އަސާސީ ކާބޯތަކެތީގެ ސާމާނު ހިމެނޭ އެހީ މި އާއިލާތަކަށް ފޯރުކޮށްދިނުމެވެ. އެގޮތުން 1،200 ރުފިޔާގެ އަގުހުރި މި "ކެއާ ބާސްކެޓް"ތަކަކީ، ރޯދަމަހުގެ އާދަކާދަތަކާއި ނިއުޓްރިޝަނަށް ބަލައިގެން ތައްޔާރުކުރެވިފައިވާ، ބާސްކެޓްތަކެއް ކަމަށެވެ.
މީގެ އިތުރުން، އެންމެ 75 ރުފިޔާއަށް "އިފްތާރު ޕެކް" އެއް ސްޕޮންސާ ކޮށްގެންވެސް، ރަމަޟާން މަހުގެ ތެރޭގައި އާއިލާތަކަށް ރޯދަވީއްލުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އަމަލުތަކާ މެދު ފުންކޮށް ވިސްނާ، އޯގާތެރިކަމާއި ދީލަތިކަން އިސްކުރަންވީ ވަގުތެއް. މި ކެމްޕޭނުގެ ޒަރީއާއިން އަޅުގަނޑުމެން އުންމީދު ކުރަނީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އިތުރަށް އާލާކުރުމަށް، މަމްސް އެއިޑްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޒައިން ޒަރީރު
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަމްސް އެއިޑުން ކުރިޔަށްގެންދާ އެހީގެ ކެމްޕޭން، ހަމައެކަނި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި އަޅާލުން އިތުރުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އިގްތިސާދީ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް ހިތްވަރުދޭ މުހިންމު ހަރަކާތަކަށް ވަނީ ވެފައެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، މި ކެމްޕޭނުގެ ދަށުން މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅޭ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް ރޭވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި އެހީ ލިބޭނެ ފަރާތްތައް ކަނޑައަޅަނީ، އެންމެ ބޮޑަށް އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި މަމްސް އެއިޑުގެ ޚާއްސަ ވެރިފިކޭޝަން މަރުހަލާއަކަށް ފަހު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މަމްސް އެއިޑުން ބުނިގޮތުގައި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާއިން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ވަކިވަކި ފަރުދުންނާއި، ގްރޫޕްތަކުގެ އިތުރުން އެކި މުއައްސަސާތަކަށް ވެސް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީގެން ވެސް މި ކެމްޕޭނުގައި ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ލިބޭ ކޮންމެ އެހީއެއް ވެސް ސީދާ ގޮތުން ބޭނުންކުރެވޭނީ "ކެއާ ބާސްކެޓް" ތައްޔާރުކުރުމަށާއި، ރަމަޟާން މަހުގެ ތެރޭގައި އާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރަމަޟާން އެއިޑް ކެމްޕޭނުގައި ބައިވެރިވުމަކީ، ނިކަމެތި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަހަރުގެ އެންމެ ބަރަކާތްތެރި ދުވަސްވަރު މުޖުތަމައުގައި ހެޔޮ ބަދަލެއް ގެނައުމަށް ކުރެވޭ އިޖުތިމާއީ މަސައްކަތުގެ ބައެކެވެ.
އެހީގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް، އެއީ އާއިލާތަކާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގައި އަދާކުރާ ވަރަށް މުހިންމު ދައުރެއްކަން މަމްސް އެއިޑުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ރަމަޟާން މަހު އެއްވެސް އާއިލާއެއް ބާކީވެ، އެހީތެރިކަމުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި، މި ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.