ސްޕޮޓިފައިއިން ވީޑިއޯ ކްރިއޭޓަރުންނަށް އާ ފުރުސަތުތަކެއް ހުޅުވާލައިފި

ސްޕޮޓިފައި އިން ވަނީ ވީޑިއޯ ކްރިއޭޓަރުންނަށް ފައިސާ ހޯދޭނެ ގޮތްތައް ފަސޭހަކޮށްދީފައި -- ފޮޓޯ/ ސްޕޮޓިފައި

ސްޕޮޓިފައިގެ ޕްލެޓްފޯމްގައި ވީޑިއޯ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ފައިސާ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން، އެ ކުންފުނީގެ މަނިޓައިޒޭޝަން (ފައިސާ ލިބޭ) ޕްރޮގްރާމްގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފިއެވެ.

މިއީ ޔޫޓިއުބާއި ނެޓްފްލިކްސް ފަދަ ޕްލެޓްފޯމްތަކާ ވާދަ ކުރުމަށާއި، ވީޑިއޯ ޕޮޑްކާސްޓްތަކުގެ މަގުބޫލުކަން އިތުރުވަމުންދާތީ އެ ދާއިރާގައި މަސައްކަތްކުރާ ކްރިއޭޓަރުންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ސްޕޮޓިފައިއިން ގެނައި ބަދަލެކެވެ.

މި އާ ބަދަލާއެކު، މަނިޓައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އޮތް ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، ކުރިން 2،000 ފޮލޯވަރުން ބޭނުންވި ނަމަވެސް، މިހާރު 1،000 ފޮލޯވަރުން ތިބި ކްރިއޭޓަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. އަދި 30 ދުވަހުން 10،000 ގަޑިއިރުގެ ވިއުސް ހަމަކުރަންޖެހޭ އުސޫލު 2،000 ގަޑިއިރަށް ވަނީ މަދުކޮށްފައެވެ.

މީގެ އިތުރުން މަދުވެގެން 12 އެޕިސޯޑް ޕަބްލިޝްކޮށްފައި އޮންނަންޖެހޭ އުސޫލު ވެސް މިހާރު ވަނީ ތިން އެޕިސޯޑަށް ދަށްކޮށްފައެވެ.

https://sun.mv/214164

ސްޕޮޓިފައި އިން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކްރިއޭޓަރުންނަށް ދެ ގޮތަކަށް އާމްދަނީ ލިބޭނެއެވެ. އެއީ ހިލޭ ޚިދުމަތް ހޯދާ މީހުންނަށް ދައްކާ އިޝްތިހާރުތަކުން ލިބޭ ފައިސާގެ އިތުރުން، ޕްރީމިއަމް ސަބްސްކްރައިބަރުން ވީޑިއޯ ބަލާ ވަގުތަށް ބަލައި ސީދާ ސްޕޮޓިފައިއިން ދޭ ފައިސާއެވެ. މިއީ ވީޑިއޯ އުފައްދާ ފަރާތްތަކަށް ލިބޭ އިތުރު އާމްދަނީއެކެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ސްޕޮޓިފައިގެ ގްލޯބަލް ހެޑް އޮފް ޕޮޑްކާސްޓް، ރޯމަން ވަސެންމުލާ ވިދާޅުވީ ވީޑިއޯ ޕޮޑްކާސްޓް ބަލާ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި މި ސިނާއަތް ކުރިއެރުވުމަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 10 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ކްރިއޭޓަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެމެރިކާގެ ލޮސް އެންޖެލިސްގައި 'ސްޕޮޓިފައި ސިކަމޯރް ސްޓޫޑިއޯސް' ގެ ނަމުގައި އާ ސްޓޫޑިއޯއެއް ވަނީ ހުޅުވާފައެވެ. މި ސްޓޫޑިއޯގެ ސަބަބުން ކްރިއޭޓަރުން ސްޓޫޑިއޯ ކުއްޔަށް ހިފުމަށް ކުރަންޖެހޭ ޚަރަދުތަކުން ސަލާމަތްވާނެ ކަމަށް ސްޕޮޓިފައިއިން ބުނެއެވެ. އަދި އަންނަ އޭޕްރީލް މަހުން ފެށިގެން އޭކާސްޓް އަދި ލިބްސިން ފަދަ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ވީޑިއޯ އަޕްލޯޑްކޮށް، އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް ތައާރަފުކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު