ކެޓްރީނާ އާއި ވިކީގެ ދަރިފުޅުގެ ނަމަކީ 'ވިހާން'

ފިލްމީ ތަރިން ކަމަށްވާ ވިކީ އާއި ކެޓްރީނާގެ ދަރިފުޅުގެ ނަމަކީ "ވިހާން" ކަމަށް އިއުލާނުކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯ--ޓެލެގްރާފްއިންޑިއާ

ވިހެއިތާ ދެ މަސް ފަހުން، ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ދަރިފުޅުގެ ނަން އިއުލާނުކޮށްފިއެވެ.

ވިކީގެ ދެމަފިރިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަލަތު ފިރިހެން ދަރިފުޅުގެ އަތް ފެންނަ ފޮޓޯއެއް ޕޯސްޓު ކުރަމުން ބުނެފައި ވަނީ ދަރިފުޅުގެ ނަމަކީ 'ވިހާން ކޯޝަލް' ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރި ބަތަލާ ކެޓްރީނާ ވިހާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ.

ކެޓްރީނާގެ ދެމަފިރިން ބުނެފައި ވަނީ އަލަތު ދަރިފުޅަކީ އެ ދެ މީހުންގެ ދިރިއުޅުން އުޖާލާކޮށްދިން އައްޔެއް ކަމަށާއި އެއީ އެ މީހުން ކުރި ދުއާތަކުގެ ޖަވާބު ކަމަށެވެ. ހަމައެއާއެކު ދަރިފުޅު ލިބުމާ އެކު ދިރިއުޅުން އިހުނަށްވުރެ އުފާވެރިވެފައި ދިރިއުޅުމަށް އައި ބަދަލުވެސް އެހާމެ ރީތި ކަމަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.

ވިކީ އާއި ކެޓްރީނާގެ ކައިވެންޏަށްފަހު ދެ ތަރިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި--ފޮޓޯ/ޕިންކްވިލާ

ދަރިފުޅުގެ ނަން ކެޓްރީނާގެ ދެމަފިރިން އިއުލާނު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ސަޕޯޓަރުންގެ ގިނަ ބަޔަކު ވަނީ އެ އާއިލާއަށް ހެޔޮ އެދުންތައް ފޮނުވައި، ދަރިފުޅުގެ ނަން ވަރަށް ރީތި ކަމަށް ބުނެފައެވެ.

ވިކީގެ ދަރިފުޅުގެ ނަމަކީ ވިހާން ކަމަށް ބުނިއިރު އެކްޓަރަށް ނެޝަނަލް އެވޯޑު ލިބުނު ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް"ގައި ކުޅުނު ކެރެކްޓާގެ ނަމަކީ ވެސް ވިހާންއެވެ.

އެ ފިލްމުގައި ވިކީ ކުޅެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރި މޭޖަ ވިހާން ސިންގް ޝެރްގިލްގެ ކެރެކްޓައެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެތެރޭ ހިމެނޭ ބަތަލާ ކެޓްރީނާ އެކްޓަރު ވިކީ ކޯޝަލްއާ ކައިވެނިކޮށްފައި ވަނީ ސިއްރު ލޯބީގެ ގުޅުމެއް ދެ ތަރިންގެ މެދުގައި އޮންނަތާ ތިން އަހަރު ފަހުން، 2021 ވަނަ އަހަރެވެ.

comment ކޮމެންޓް