ލިސާން: ވާހަކަ --

"ނާވީ..." ކުއްލިއަކަށް ފުންމައިގެން ތެދުވި ރަނީމްއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.

އޭރު އޭނަ ވަނީ ދާހިތްލާ ފޯވެފައެވެ. ފުންކޮށް ނޭވާލެވެމުން ދިޔައެވެ. ވަށައިގެން ބަލައިލުމާއެކު ލޮލުގައި އަޅައިގަތީ ނިދާފައި އޮތް ސަމްރާއެވެ. އޭނައަށް ފެނުނީ ހުވަފަނެއް ބާއޭ ރަނީމްގެ ހިތަށް އަރަމުން ދިޔައެވެ. ނިތުން ހިއްލާފައިވާ ދާތިކިތައް ފުހެލުމާއެކު ތެދުވެގެން ގޮސް މަންމައަށް ބަލައިލިއެވެ. މަންމަ އޭރުވެސް އޮތީ ގަދަ ނިދީގައެވެ. ފާޚާނާއަށް ވަނުމުގެ ބަދަލުގައި، މޫނު އަތުން ފުހެލާ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު, ރަނީމް ނުކުތީ ބޭރަށެވެ. އޭނަގެ ލޯ ހޯދަމުން ދިޔައީ ބައްޕައާއި ނާވީއެވެ. އޭނައަށް ފެނުނީ ހުވަފެނެއް ނޫންކަން ޔަޤީންކުރަން ރަނީމް ބޭނުންވާން ފެށިއެވެ. ބޮލުގައި ފާޑެއްގެ ބަރުކަމެއް އުފެދުނުހެން ހީވި ހިނދު ނިތުގައި އަތުން ފިތާލެވުނެވެ. އޭރު އިރު އަރައިފިއެވެ. ގޭގެ ކުޑަ ދޮރުތަކާ ދިމާ ދަމާފައިވާ ދޮރުފޮތިތައް ދޭތެރެއިން ފުރޭނިގެން ކޮންމެވެސް އިރުގެ އަލި ގޭތެރެއަށްވަނީ ވެރިވެފައެވެ.

"ދަރިފުޅާ..." އޭނައާ ގާތުން އިވުނު ރައާބިލްގެ އަޑާއެކު ރަނީމް އިސްއުފުލައިލާ ބަލައިލިއެވެ.

"ބައްޕާ؟ ކިހިނެއްވީ؟ ކޮބާ ނާވީ؟" ރަނީމްއަށް ސުވާލުކޮށްލެވުނެވެ.

"ނާވީ އަންނާނެ...." ރައާބިލް ބުނެލިއެވެ.

"ކަމެއްވީ ދޯ ބައްޕާ؟ ކިހިނެއްވީތަ؟" ރަނީމްވެސް ހާސްވެއްޖެއެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ސުވާލުކޮށްލެވުނެވެ. "އަޅުގަނޑަށް އެ ފެނުނީ ހުވަފަނެއް ނޫނެއްނު. ބައްޕަ އަޅުގަނޑު ނިންދަވައިލީ... ނާވީ ކޮބާ ބައްޕާ؟"

ބޭޤަރާރުވެފައިވާ ފަދަ އަސަރުތައް ރަނީމްގެ އަޑުން ފާޅުވެގެން ދިޔައެވެ. އޭނަގެ ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. ނާވީއަށް ކަމެއް ވީކަމަށް ހީކޮށް ރަނީމްގެ ފުރާނަވެސް ހީވީ ހަށިގަނޑާ ވަކިވީހެންނެވެ.

"ކޮބާތަ ނާވީ ބައްޕާ؟" އޭނަގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އެންމެފަހުން އެހެން އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ.

"ދަރިފުޅާ. ހަމަޖެހިލަބަލަ. ބައްޕަ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަމޭ... އިހަށް ހަމަޖެހިލާ..." ރައާބިލް އައިސް ރަނީމްގެ ކައިރީގައި ހުއްޓުނެވެ.

"ނާވީ..." ރަނީމްގެ ސިކުނޑީގައި ނާވީ ނޫންނަމެއް ނުވެއެވެ.

"ނާވީއަކަށް ކަމެއް ނުވެޔޭ... ނާވީ ހުރީ ގަދަވެ ސަލާމަތުންނޭ. އޭނަ ދަރިފުޅު ކައިރިއަށް އަންނާނެ. އެކަމަކު މިވަގުތު އޭނަ ޢާއިލާގެ ގާތުގައި ހުރުން މުހިންމު." ރައާބިލް ބުނެލި ބަސްތަކުން ރަނީމްގެ ހިތަށް ފިނިކަން ލިބިގެން ދިޔައީ އޭނަގެ ނާވީ ރައްކާތެރިކަމުގައި ހުރިކަން އެނގުމުންނެވެ. އެއްވެސް ގެއްލުމެއް ނުލިބޭކަން އެނގުމުންނެވެ. ދެން އެހިތް ތެޅި ފޮޅެން ފެށީ ވާނުވާ ހޯދުމަށެވެ. ނާވީ ސަލާމަތުން ހުއްޓެއްކަމަކު ނާވީ އޭނަ ގާތަށް ނާންނާނީ ބޮޑުކަމެއް ވުމުން ކަމުގައި ޤަބޫލުކުރެވޭތީއެވެ.

ރައާބިލް ރަނީމްއަށް ބައެއް ވާހަކަތައް ކިޔައިދިނީ ރަނީމްކުޑަކޮށް ހަމައަކަށް އެޅުމުންނެވެ. ނާވީއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވެ ނާވީއާ އެންމެ ގާތުގައި ހުންނަން ރަނީމް ބޭނުންވިއެވެ. އެހެންނަމަވެސް، އެތަނަށް އޭނަ ދާނެ ގޮތެއް ރަނީމްއަކަށް ނޭނގުނެވެ. ނާވީ އަންނަން ދެން އިންތިޒާރުކުރުމަކީ ނުހަނު ދަތި އުނދަގޫކަމަކަށް ވާނެކަން ގައިމެވެ.

"ދަރިފުޅު. ނާވީ އަންނާނެ. މިއަދު ހަވީރު ވުމުގެ ކުރިއަށް އޭނަ އަންނާނެ. އަދި އައިސް ދަރިފުޅަށް އޮޅުން ނުފިލާ ކަމެއް އޮތިއްތާ ހުރިހާކަމެއްވެސް ކިޔައިދޭނެ." ރައާބިލް ޔަޤީންކަން ދިނެވެ. އޭނަ ރަނީމްގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. ކިތަންމެ ނުތަނަވަސްވީ ނަމަވެސް، ރަނީމްއަށް ޖެހުނީ އޭނަގެ ބައްޕަގެ ބަސް ޤަބޫލުކުރާށެވެ. އެ ބައްޕަގެ މޫނުމަތީން އޭނައަށް ފެންނަނީ ތެދުވެރިކަމުގެ އަސަރުތަކެކެވެ. އޭނައަށްޓަކައި ކަންބޮޑުވެފައިވާ ވަރާއި އޭނަ ދެކެ ލޯބިވާ މިންވަރެވެ. ބައްޕައަށް އިތުބާރުކުރާ ޙާލު ނާވީ އަންނަންދެން އިންތިޒާރު ކުރަން ރަނީމް ނިންމި އެންމެބޮޑު ސަބަބަކީވެސް އެއީއެވެ.

*****

ހެނދުނު ހޭލިއިރުވެސް ޝާރިފްއަކަށް ހާމިދުގެ ޚަބަރެއް ނުވިއެވެ. އޭނަ، ދެތިން ފަހަރު ގުޅަންވެސް ގުޅައިފިއެވެ. ހާމިދު ފޯނެއް ނުނަގައެވެ. ހާމިދު ނިދާ ނުހޭލަނީކަމަށް ނިންމާ ޝާރިފް، ނިންމީ ތަންކޮޅެއް ފަހުން އަނެއްކާވެސް ގުޅާލާށެވެ. އެހެންނަމަވެސް މެންދުރުން އެނބުރި އިރުވެސް ހާމިދުގެ ޚަބަރެއް ނުވުމުން އޭނަ ނިންމީ ގެސްޓް ހައުސްއަށް ގޮސް ޚަބަރެއް ބަލައިލުމަށެވެ.

ގެއިން ނުކުމެގެން ސައިކަލަށް އަރާ ގެސްޓް ހައުސްއާ ދިމާލަށް ޝާރިފް ދުއްވައިލިއިރު ގޮތް ނޭނގޭ ބިރުވެރިކަމެއް އޭނަގެ ހިތުގައިވެއެވެ. ބިރުން އިންވަރުން ކަންނޭނގެއެވެ. އޭނައަށް ހީވަނީ އޭނަގެ ފަހަތުން ކޮންމެވެސް މީހަކު ފާރަލާހެންނެވެ. އެހެންނަމަވެސް ރޯމާ ދުވާލު އެފަދަ ބިރުވެރިކަމެއް ކުރިމަތިނުވާނެކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުން އޭނަ ގޮސް ގެސްޓް ހައުސްގެ ކައިރީގައި ސައިކަލު ބެހެއްޓިއެވެ. އެއަށްފަހު، ގޮސް ގެސްޓް ހައުސްއަށް ވަދެގެން ހާމިދަށް ޚާއްސަ ކޮޓަރި ކައިރިއަށް ދިޔައެވެ.

އޭނަ ހައިރާންވީ ކޮޓަރި ކުޑަކުޑަކޮށް ހުޅުވިފައި ހުރުމުންނެވެ. ހައިރާންވެ ހުރެ އޭނަ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. ޝާރިފްއަށް އެ ކޮޓަރިތެރެއަށް ވަށައިގެން ބަލައިލެވުނެވެ. ކޮޓަރި ތެރޭގެ ތަރުތީބުކަން ވަނީ ކޮންމެވެސް ވަރަކަށް ގެއްލިފައެވެ. މޭޒުމަތީގައި ހުރި ފޮތްތަކުގައިވެސް ތަރުތީބުކަމެއް ނެތެވެ. ހީވަނީ ހާމިދު އެއްޗެއް ހޯދަން މަސައްކަތްކޮށްފައިވާހެންނެވެ. މުޅި ކޮޓަރިއާއި ފާޚާނައިގައިވެސް ހާމިދެއް ނެތެވެ. ހާމިދު އެތަނުގައި ނެތުމުން އޭނަ ދެން ދާނެ ތަނަކާ މެދު ޝާރިފް ވިސްނައިލިއެވެ. ކޮޓަރި ތެރޭގައި ދަބަހާއި ބައެއް ސާމާނުތައް ނެތްކަން ފަހުމްވުމާއެކު ހާމިދު ދާނީ ރުއްފަލަށް ކަން ޝާރިފްއަށް ފަހުމްވިއެވެ. އޭނައަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ރުއްފަލަށް ދާންވީބާއޭ ނުވަތަ ނުދާންވީބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އެ ރުއްފަލަކީ ނާމަން ތަނެކެވެ. ވީއިރު އެތަނަށް އޭނައަށް އެކަނި ދާން ކެރޭނީވެސް ކިހިނަކުން ހެއްޔެވެ؟

އެހެންނަމަވެސް ހާމިދުގެ ޚަބަރެއްވެސް ވީއެއް ނޫނެވެ. އޭނައަށް ވީގޮތެއްވެސް ބަލަން ޖެހޭނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލުމާއެކު ޝާރިފްއަށް ހިންދިރުވައިލެވުނެވެ. އޭނަގެ ހިތް ބުނަމުން ދިޔައީ ހާމިދުގެ ޙަބަރެއް ހޯދުމަށް ފުނަގަސްތަކުގެ ތެރެއަށް ދިޔުމަށެވެ. ހާމިދު އެރަށަށް އައީ އޭނަގެ ކަމެއްކުރުމަށްޓަކައެވެ. ވީއިރު ހާމިދަށް ވާނުވާ ބެލުމަކީ އޭނަގެ ޒިންމާއެއްކަމުގައި ޝާރިފްއަށް ވިސްނުނެވެ. ކިތަންމެ ޖެހިލުންވި ނަމަވެސް، ފުނަގަސްތައްތެރެ ބަލައިލަން އޭނަ ނިންމިއެވެ.

ގެސްޓް ހައުސްއިން ނުކުމެގެން އޭނަ ސައިކަލަށް އަރާ ރުއްފަލާ ދިމާލަށް ދާންދުއްވައިލި އިރު އޭނަގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. އެ ހިސާބާ ކައިރިވީ ވަރަކަށް ހިންދިރުވައިލުންވެސް އޭނައަށް ދަތިވެގެން ދިޔައެވެ. ރުއްފާ ތެރެއަށް ވަދެވުމާއެކު، ސައިކަލުގެ ދުވެލި މަޑުކޮށްލެވުނެވެ. އެ ފުނަގަސްތައް ދުރުންވެސް ފެންނަނީ ނާމާންކަމުން ފުރިގެންވީ ފަދަ ގޮތަކަށެވެ. އެ ގަސްތަކުގެ ތެރެއަށް އޭނަ ވަންނާނީ ކިހިނަކުން ހެއްޔެވެ؟ މަޑު ދުވެއްޔެއްގައި ސައިކަލު ބަހައްޓައިގެން ގޮސް އޭނަ ފުނަ ގަސްތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. ސައިކަލުން ފޭބުމަށްފަހުވެސް ޝާރިފް ދެ ވިސްނުމެއްގައި ހުއްޓެވެ. އެތެރެއަށް ވަނުމަކީ އަނެއްކާ ރަނގަޅުކަމަކަށް ވެދާނެހެއްޔެވެ؟ ހާމިދު އެތަނުގައި ހުރެފާނެހެއްޔެވެ؟ ނެތްނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟

އެންމެފަހުން ޝާރިފް ނިންމީ ކުޑަކޮށް އެތެރެއަށް ވަދެލާ ފަރާތް ފަރާތަށް ނަޒަރު ހިންގައިލާށެވެ. ހިތްވަރުކޮށްފައި އޭނަ ފުނަގަސްތަކުގެ ތެރެއަށް ވަނެވެ. މާ އެތެރެއަށް ވަދެގެން ދާކަށް ނުކެރުނެވެ. އެހެންކަމުން ދުރުގައި ހުރެ ދެފަރާތަށް ކަޅި ހިންގަމުން އޭނަ ދާން ފެށިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ގަހެއްގެ ދޮށުގައި ހުރި ސާމާނެވެ. ހަމައެއާއެކު އެ ދިމާ ބިންމަތީގައި ހުރި ލޭތަކެވެ. އޭނަގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ގައިގައިހުރިއްޔާ ހުރި ލޮވެއްޔެއް ކޮޅަށް ޖެހިގެން ދިޔައެވެ. ސާމާނުތައް އެކި ދިމަ ދިމާލަށް އުކާލެވިފައިވާ ގޮތުން، ބޮޑުކަންތައްގަނޑެއް ހިނގައިފިކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނަން ފަށައިފިއެވެ.

ފަސްއެނބުރުމާއެކު ދުއްވައިގަތް ޝާރިފްގެ ކުރިމައްޗަށް އައިސް ހުއްޓުނީ ބިޔަ ކަޅު ބޮޑުމީހެކެވެ. އޭނަގެ ފައި މިބުގައި ނުޖެހެއެވެ. އިސްކޮޅު އެ ހިސާބުގެ ރުއްތަކަށް ވިރެ ދިގެވެ. ތެޅިގަތް ހިތް މޭ ފަޅާފައި ނުކުމެދާނެހެން ހީވި ހިނދު އޭނަގެ މޭގަނޑުވެސް ހީވީ އަނގަޔަށް އައިސް ދާނެހެންނެވެ. މީހާ ރޫރޫ އަޅައިގެން ދިޔައެވެ. ވަގުތުން މީހާ ގަނޑުވިއެވެ. ނޭވާ ވެސް އަރުތެރޭގައި ތާށިވެ މީހާ އެކީ ހުދުވެގެން ދިޔައެވެ. ހިންދިރުވައިލަން ދަތުވެފައިވާ ޙާލު ދަލުން ފޯވާން ފަށައިފިއެވެ.

އޭތީގެ ދިގު އަތް އޭނައާ ދިމާލަށް ދިއްކޮށްލި ވަގުތު އެ އަތުގައި ހުރި ދިގު ވަކިތައް އޭނަގެ ލޮލުގައި އަޅައިގަތެވެ. ހީވީ ދެންމެ ދެންމެ އޭނަގެ ކަރުގައި ހިފާ މަރާލަފާނެހެންނެވެ. ލޯމަރައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އޭނަގެ ފަހު ސިކުންތުކޮޅުކަމުގައި ޝާރިފްއަށް ހީކުރެވުނެވެ. ލިބުނު ސިހުމާއެކު އަނގައިން ބަހެއް ބުނަންވެސް އޭނަ ނުކުޅެދުނެވެ. ހާމިދަށްވެސް ވީ ރަނގަޅު ގޮތެއް ނޫންކަމުގައި ޝާރިފްއަށް އެހިނދު ޔަޤީންވެގެން ދިޔައެވެ.

އެހެންނަމަވެސް އިރުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް، އޭނައަކަށް އެއްވެސް ގޮތެއް ނުވެއެވެ. އެހެންނަމަވެސް ބާރުގަދަ އަޑު ފައްގަނޑެއް އިވުނެވެ. އޭނަ ލޯ ހުޅުވައިލިއިރު، ކުރިމަތީގައި ހުރި މަޚްލޫޤުގެ ހިލަމެއް ނެތެވެ. ޝާރިފްއަށް ދުއްވައިގަނެވުނީ ވެސް އިރުކޮޅެއް ވީފަހުންނެވެ. ފަހެއް ބެލުމެއްނެތި ދުވަމުން ދުވަމުން ގޮސް އޭނަ ސައިކަލަށް އަރައިފިއެވެ. އަދި އެ ދިޔަ ބާރުމިނުގައި ގެއަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. އޭރު އޭނަގެ ބޮލަށް ދިޔައީ އެނބުރުން އަރަމުންނެވެ. މީހާ ހުރީ ފިނިވެސް ވެފައެވެ. އޭރުވެސް ހިތްދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. ނިތުގައި އަމިއްލަ އަތް ޖައްސައިލެވުނުއިރު ހަށިގަނޑު ހޫނުވެފައިވާ މިންވަރުވެސް ފާހަގަކުރެވުނެވެ. އޭނަ ހުރީ ހުން އައިސްފައެވެ. އެ ދިޔަ ގޮތަށް ގޮސް ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅީގައި ތުންޖަހާ ފެން ބޯން ފެށިއެވެ. އަތުން ފެންފުޅި ދޫވެގެން ގޮސް ޓައިލްސްތަކު މައްޗަށް ވެއްޓުމާއެކު ފާރުގައި ލެނގިލާ ޝާރިފްއަށް ވެސް ތިރިވެވުނެވެ. ބުރަކަށި ފާރުގައި ޖައްސާލައިގެން އޭނަ އިންއިރު ދެފަރާތަށް ބެލެމުން ދިޔައެވެ.

*****

ހަވީރު ނާވީގެ އިންތިޒާރުގައި އިން ރަނީމްގާތުގައި ނާވީ އޭނަގެ އިންތިޒާރުގައި ރުއްފާތެރޭގައި ހުރި ވާހަކަ ބުނީ ރައާބިލްއެވެ. ރަނީމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރުއްފާތެރެއަށް ވަތްއިރު ނާވީ އެތަނުގައި ހުއްޓެވެ. އޭނަ ހުރީ ރަނީމް އަންނަމުން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް މިފަހަރު އެމޫނުމަތީގައި ހިނިތުންވުމެއްގެ އަސަރެއް ނެތެވެ. ނާވީ ހުރީ ދެރަވެފައިކަން ރަނީމްއަށް ދެނެގަނެވުނެވެ.

"ނާވީ...." ރަނީމް ނަވީގެ އަތުގައި ހިފައްޓައިލަމުން ގޮވައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނާވީ އެއްޗެއް ނުބުނެ ރަނީމްގެ އަތް ނަގާ އެއަތަށް ބޮސް ދީފައި ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިނަމަވެސް، މި ފަހަރަކު އޭނައަކަށް ކާމިޔާބެއް ނުވިއެވެ. އެމޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅާލެވިފައިވާހެންނެވެ.

"ހިތްވަރުކުރޭ ނާވީ...ބައްޕަގެ ފަރާތުން ކަންތައް ވީގޮތް އަހަންނަށް ކޮންމެވެސް ވަރަކަށް އެނގިއްޖެ." ރަނީމް ބުނެލިއެވެ. ނާވީގާތުން އިތުރަށް ސުވާލުކޮށް އޮޅުން ފިލުވަން އޭނަ ނޫޅުނީ އެކަމުން އިތުރަށް ނާވީ ދެރަވާނެތީއެވެ. ނާވީގެ މޫނުމަތީން މާޔޫސްކަމާއި ހިތްދަތިކަން ފެނުމަކީ ޚުދު އޭނަގެ ހިތަށްވެސް ނުހަނު ބޮޑު ވޭނަކާ ތަކުލީފެއް ލިބިދޭކަމެކެވެ.

މިވަގުތު ރަނީމް ބޭނުންވަނީ ނާވީގެ ހިތަށް ތަސައްލީއެއް ދޭށެވެ. އެ ހިތާމައިގައި ބައިވެރިވާށެވެ.

"ރަނީމް... އަހަރެންގެ ކާފަ....އަހަރެންގެ ކާފައަށް މާފުކުރާނަންތަ؟" ކުއްލިއަކަށް ރަނީމްގެ އަތުގައި ހިފާލާފައި ނާވީ ސުވާލުކޮށްލިއެވެ.

"ނާވީ...." ރަނީމްއަށް ގޮވައިލެވުނީ ނާވީއަށެވެ. އޭނައަށް ބުނާނެ އެއްޗެއް އެހިނދު ނޭނގުނީއެވެ.

"ނުކުރާރަންތަ؟" ނާވީއަށް އިސްޖަހައިލެވުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް އިންޖާބަކީ ނާވީގެ ކާފައެވެ. އެ އާއިލާގެ ހިއްސާއެކެވެ. ވީއިރު އޭނަ ދެރަނުވާންވީ ސަބަބެއް ނެތެވެ.

"ރަނީމް މާފުނުކުރިޔަސް އަހަރެންގެ ހިތުގައި ރަނީމްއާ މެދު އެއްވެސް ހިތްބުރަކަމެއް ނޯންނާނެ. އެއަށްވުރެ ބޮޑަށް އަހަރެން ރަނީމް ދެކެ ލޯބިވޭ..." ނާވީގެ ހިތަށް ތަދުވިނަމަވެސް، އޭނަ ހަމަޖެހޭ ގޮތް ދައްކަމުން ރަނީމްގެ ކޯތާފަތުގައި ފިރުމައިލިއެވެ. އަދި ރަނީމްއާ ނަޒަރު ވަކިކޮށްލައިފިއެވެ.

"އަހަރެންވެސް ނާވީ ދެކެ ހަމަ ތިހާވަރަށް....، ނޫން. ތިޔަށްވުރެ ބޮޑަށް ލޯބިވޭ... އަހަރެން... އަހަރެން ނާވީގެ ކާފައަށް މާފުކޮށްފިން." ރަނީމް ނާވީގެ އިސް އުފުލައިލިއެވެ. އޭނަގެ ކުރިމަތީގައި އެފަދަ ގޮތަކަށް އިސްޖަހައިގެން ނާވީ ހުރުމުން އިންތިހާ ދެރަވިއެވެ.

"އަހަންނަށްޓަކާ ރަނީމް ނުޖެހޭނެ ކޮންމެހެން ރަނީމްއާ ރަނީމްގެ ޢާއިލާއަށް އަނިޔާވެރިވި މީހަކަށް މައާފުކުރާކަށް." ނާވީ ބުނެލިއެވެ. "ކާފަގެ ފަހުގެ އެދުން ވީމަ އަހަންނަށް އަހައިލެވުނީ. ކާފަ ރަނީމްގެ ގާތުންވެސް މާފަށް އެދުނު. ރަނީމްގެ ބައްޕަ ވެސް ކާފައަށް މާފުކޮށްދިން. އެކަމަކު ރަނީމް ބޭނުން ނޫނިއްޔާ ނުޖެހޭނެ ކޮންމެހެން އަހަންނަށްޓަކައޭ ކިޔާފައި މާފުކުރާކަށް. ރަނީމް ކާފައަށް މާފު ނުކުރިނަމަވެސް، އަހަރެން މި ވާ ލޯތްބަކަށް ކުޑަވެސް އުނިކަމެއް ނާންނާނެ. އިއްޔެކޭ އެއްގޮތަށް، ހަމަ އެހާވަރަށް، ނޫނީ އެއަށްވުރެވެސް ބޮޑަށް އަހަރެން ރަނީމް ދެކެ ލޯބިވާނަން." މިފަހަރު ނާވީ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަ އެ ހާމަކުރީ ހަމަ ހަޤީޤަތުގައިވެސް އޭނަގެ ހިތުގެ އަޑެވެ. އޭނައަށްޓަކައޭ ކިޔާފައި ރަނީމް އޭނަގެ ކާފައަށް މާފުކުރާކަށް ނުޖެހޭނެއެވެ.

"ނާވީ... އަހަންނާ ދިމާލަށް ބަލާބަލަ." ނާވީ އޭނައާ ހަތަރު ކަޅި ހަމަނުކުރާތީ ރަނީމް ބުނެލިއެވެ. އޭނަ ނާވީގެ ކޯތާފަތުގައި އަތް ޖައްސައިލުމުން ނާވީ ރަނީމްއާ ހަތަރު ކަޅި ބައްދަލުކޮށްލިއެވެ.

"އަހަރެން ނާވީގެ ކާފައަށް މި މައާފުކުރަނީ ހިތުން ރުހުމުންނޭ. ބައްޕަ އަހަންނަށް ކިޔައިދިން ވާހަކަތަކުން އެނގުނޭ ނާވީގެ ކާފަގެ ސަބަބުންކަން ނާވީ ސަލާމަތްވީވެސް... މީ އަހަރެން ހިތުން ރުހުމުން ބުނާ އެއްޗެކޭ..." ރަނީމް ބުނެލިއެވެ. "މަންމަމެން އެންމެން ރަނގަޅުތަ؟"

"މަންމައާއި ބައްޕަ ހަމައަކަށް އެޅިލައިފި. އެކަމަކު މާމަގެ ޙާލު ވަރަށް ދެރަ." ނާވީގެ އަޑުން މަޑުމޮޅިކަން ފާޅުވެއެވެ.

"އަހަރެންވެސް ބޭނުން އެމީހުންނާ ބައްދަލުކޮށްލަން ދާން. އަހަރެން ނުގެންނާނަންތަ؟" ރަނީމް ސުވާލުކޮށްލިއެވެ.

"ރަނީމް ބޭނުންތަ ދާން؟" ނާވީ ސުވާލުކޮށްލިއެވެ. އެއާއެކު ރަނީމް ބޯ ޖަހައިލިއެވެ. އިތުރަށް އެ ދެމެދުގައި ވާހަކަތަކެއް ނުދެކެވި އުޅެނިކޮށް އެތަނަށް ދައިސަމް އަތުވެއްޖެއެވެ. އެއަށްފަހު އޭނަ ބުނެލި ވާހަކައަކުން، ރަނީމްއަށް ނާވީއަށް ބަލައިލުމާއެކު، ވަގުތުން ގެއާ ދިމާލަށް ދުއްވައިގަނެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު