ތޮއްޑޫ ކައުންސިލް އޮޑިޓް: އީދު ފާހަގަކުރަން ހަތް ލައްކަ، އިންތިޒާމުކުރި ކުންފުންޏަށް އިތުރަށް ދެ ލައްކަ ދިން

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އަޟްހާ އީދުގައި ހަވާ އެރުވުން: ޚަރަދު ކުޑަ ކުރަން ބެލުމެއް ނެތި، އީދަށް ކައުންސިލުން ޚަރަދު ކުރި ކަމަށް އޮޑިޓުގައިވޭ -- ފޮޓޯ/ ތޮއްޑޫ ކައުންސިލް

އއ. ތޮއްޑޫގައި 2023 ވަނަ އަހަރު އަޟްހާ އީދު ފާހަގަކުރަން އެ ރަށު ކައުންސިލުގެ ބަޖެޓުން ނިސްބަތުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި، އީދު ފާހަގަކުރުމުގެ ހަރަކާތްތައް އިންތިޒާމުކުރި ކުންފުންޏަށް އެއްބަސްވި މިންވަރަށްވުރެ އިތުރަށް ދެ ލައްކަ ރުފިޔާ ދީފައިވާ ކަމަށް ކައުންސިލް އޮޑިޓުން ދައްކައިފިއެވެ.

ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތޮއްޑޫގައި، އާންމުކޮށް ވެސް އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ.

ދެހާސް ތޭވީސްވަނަ އަހަރު އަޟްހާ އީދަކީ އެ އަހަރުގެ ޖޫން 28 ކަމަށްވާއިރު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަހުމަދު އެ ދުވަހު އެ ރަށަށް ވަޑައިގެން، ތޮއްޑޫގެ އަންހެނުން ދިން ސަގާފީ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އީދުގައި، ތޮއްޑޫގައި ބޭއްވި މިއުޒިކް ޝޯއަށް ގިނަ އަދަދެއްގެ ފަންނާނުންނަށް ދައުވަތު ދީ، ދުރާލާ އެ ހަރަކާތްތައް އިޝްތިހާރުކޮށްފައިވެއެވެ.

އަޟްހާ އީދުގައި އޮތް ފަރިއްކޮޅަކަށް އޭރުގެ ރައީސް ތޮއްޑުއަށް ވަޑައިގަތުން: ޚަރަދު ކުޑަ ކުރަން ބެލުމެއް ނެތި، އީދަށް ކައުންސިލުން ޚަރަދު ކުރި ކަމަށް އޮޑިޓުގައިވޭ -- ފޮޓޯ/ ތޮއްޑޫ ކައުންސިލް

އެ ރަށު ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި މާލީ ޒިންމާދާރުވެރިން ނިސްބަތްވާ އޮފީސްތަކާއި އެ އޮފީސްތަކުގެ ޑިޕާޓްމެންޓުތަކުގައި ޚަރަދު ކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމަށް އަންގައިފައިވާ ކަމަށެވެ.

ގަވައިދުގައި އެހެން އޮތް ނަމަވެސް, ކައުންސިލް އިދާރާއިން 2023 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލައިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެގޮތުން, ކައުންސިލް އިދާރާއިން އެ އަހަރު އަޟްހާ އީދު ފާހަގަކުރުމަށް 719،742 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 509،742 ރުފިޔާއަކީ ކައުންސިލް ބަޖެޓުން ކޮށްފައިވާ ޚަރަދު ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެ އަދަދަކީ ކައުންސިލް އިދާރާއިން 2023 ވަނަ އަހަރު މުސާރަ ފިޔަވައި، ބްލޮކް ގްރާންޓާއި ކައުންސިލްގެ އާމްދަނީން ކޮށްފައިވާ ޚަރަދުގެ 8.4 ޕަސެންޓުކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ، ކައުންސިލް ބަޖެޓުން ނިސްބަތުން ބޮޑު އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

އަޟްހާ އީދު، 2023 ފާހަގަކުރުމަށް ތޮއްޑޫ ކައުންސިލް އިދާރާއިން ކުރި ޚަރަދުތައް:

  • މިއުޒިކް ޝޯއަކާއެކު އީދުގެ ހަރަކާތްތައް ހިންގުމަށް ކޮންޓްރެކްޓަރަކަށް - 205،500 ރުފިޔާ
  • ހަވާ އަރުވަން - 57،307
  • އީދު ފާހަގަކުރަން ދިޔަ ފަންނާނުންނާއި ކުރޫއިންގެ ދަތުރު ޚަރަދު - 83،475
  • އީދު ފާހަގަކުރަން ދިޔަ ފަންނާނުންނާއި ކުރޫއިންގެ ހުރުމުގެ ޚަރަދު - 76،000
  • އީދު ފާހަގަކުރަން ދިޔަ ފަންނާނުންނާއި ކުރޫއިންގެ ކެއުމުގެ ޚަރަދު - 18،460
  • އީދަށް ބޭނުންވާ ތަކެތި އއ. ތޮއްޑޫއަށް ގެނައުމާއި އަނބުރާ ގެންދިޔުމުގެ ނާލު ޚަރަދު - 37،500
  • އެހެނިހެން ޚަރަދު - 34،500

އެ ރިޕޯޓުގައި ވަނީ، އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކުންފުންޏެއް ހޯދަން އިއުލާންކޮށް، ޖޫން 7، 2023ގައި އެ މަސައްކަތް ހަވާލުކުރީ 270،000 ރުފިޔާއަށް ކަމަށެވެ. ނަމަވެސް, އީދު ފާހަގަކުރުމުގެ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ފެންވަރު ދަށްކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ނިންމައި، އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވެފައިވާ އަގުން 25 ޕަސެންޓް އުނިކުރުމަށް ފަހު ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެއީ, 202،500 ރުފިޔާއެވެ.

އެހެންނަމަވެސް، އީދު ފާހަގަކުރަން އެހީގެ ގޮތުގައި ކައުންސިލުން ހޯދައިފައިވާ 210،000 ރުފިޔާ، އެ ކުންފުންޏަށް ދިން ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެއީ އެއްބަސްވެފައިވާ އަގަށް ވުރެ އިތުރަށް އެ ކުންފުންޏަށް ދިން ފައިސާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަތައް ފާހަގަކޮށް އޮޑިޓް އޮފީހުން ވަނީ މާލިއްޔަތު ގަވައިދުގައި، ޚަރަދުކުޑަކުރުމާއި ހަރުދަނާ ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި، އީދު ފާހަގަކުރުމަށް ހަވާލުކުރި ކުންފުންޏަށް އިތުރަށް ދީފައިވާ 210،000 ރުފިޔާ އަނބުރާ ހޯދުމަށް ފަހު ކައުންސިލްގެ އާމްދަނީއަށް ޖަމާކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

comment ކޮމެންޓް