ސީއީއެސް 2026 ގައި ޑެލްގެ ލެޕްޓޮޕްތައް: އާ ތުނި ޑިޒައިނާއި ވަރުގަދަ ބެޓެރީ ދައްކާލައިފި

ސީއީއެސް 2026 ގެ މީޑިއާ ޕްރިވިއުގައި ޑެލްގެ ސީއޯއޯ ޖެފް ކްލާކް ޑެލްގެ އުފެއްދުންތައް ދައްކާލަނީ ---

އެމެރިކާގެ ލަސް ވޭގަސްގައި މިހާރު ކުރިއަށްދާ ސީއީއެސް 2026 މައުރަޒުގައި ޑެލް ޓެކްނޮލޮޖީސްއިން އެ ކުންފުނީގެ އެކްސްޕީއެސް އަދި އެލިއަންވެއާ ލެޕްޓޮޕްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ އުފެއްދުންތަކެއް ދުނިޔެއަށް ދައްކާލައިފިއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑެލްގެ އެކްސްޕީއެސް 14 އާއި 16 ގެ މޮޑެލްތައް އާ ޑިޒައިނަކާ އެކު އަލުން ތަޢާރަފުކުރުމެވެ. ސީއެންސީ އެލްމިނިއަމް ބޭނުންކޮށްގެން އުފައްދާފައިވާ މި ލެޕްޓޮޕްތަކަކީ އެންމެ 14.6 މިލިމީޓަރުގެ ބޯމިނެއް ހުންނަ، ކުރީގެ މޮޑެލްތަކަށްވުރެ ތުނި އަދި ލުއި އުފެއްދުންތަކެކެވެ.

އާ 'އިންޓެލް ކޯ އަލްޓްރާ ސީރީޒް 3' ޕްރޮސެސަރާއި އިންޓެލް އާކް ގްރެފިކްސް ހިމެނޭ މި ލެޕްޓޮޕްތަކަކީ އޭއައި މަސައްކަތްތަކަށް ޚާއްސަ ކުރިއެރުންތަކެއް ލިބިފައިވާ މޮޑެލްތަކެކެވެ. މީގެ އިތުރުން، މި ލެޕްޓޮޕްތަކުން 40 ގަޑިއިރާ ހަމައަށް ވީޑިއޯ ބެލޭނެ ފަދަ ވަރުގަދަ ބެޓެރީއެއް ހުންނާނެ ކަމަށް ޑެލްއިން މަޢުލޫމާތުދެއެވެ.

ގޭމިންއަށް ޚާއްޞަ އުފެއްދުންތަކެއްވެސް ވަނީ ދައްކާލައިފައި ---

ގޭމިންގ ބާޒާރަށް އަމާޒުކޮށް ޑެލްއިން ނެރޭ އެލިއަންވެއާ ލައިންއަޕަށް ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން، އެލިއަންވެއާގެ އާ މޮޑެލްތަކުގައި އިންޓެލް ކޯ އަލްޓްރާ 200އެޗްއެކްސް ޕްރޮސެސަރާއި އެންވީޑިއާގެ އެންމެ ފަހުގެ އާރްޓީއެކްސް 50 ސީރީޒްގެ ގްރެފިކްސް ކާޑުތައް ވަނީ ހިމަނާފައެވެ.

މި ފަހަރުގެ އެލިއަންވެއާ ލެޕްޓޮޕްތަކުގައި އަލަށް ބޭނުންކޮށްފައިވާ އެންޓި-ގްލެއާ އޯއެލްއީޑީ ސްކްރީންތަކުގެ ސަބަބުން، ސްކްރީނަށް އަލި އެޅުމުގެ މައްސަލަ ކުޑަވެ، ގޭމް ކުޅޭ ފަރާތްތަކަށް މާ ސާފު އަދި ފުރިހަމަ މަންޒަރުތަކެއް ފެންނާނެ ކަމަށް ޑެލްއިން ބުނެއެވެ.

މީގެ އިތުރުން 17 މިލިމީޓަރަށްވުރެ ތުނި 'އަލްޓްރާ-ސްލިމް' ގޭމިން ލެޕްޓޮޕްތަކަކާއި، ގޭމިންއަށް އަލަށް ވަންނަ ފަރާތްތަކަށް ޚާއްސަ އަގުހެޔޮ މޮޑެލްތަކެއް ވެސް އެލިއަންވެއާ ބްރޭންޑްގެ ދަށުން ނެރުމަށް ވަނީ ނިންމާފައެވެ.

ޑެސްކްޓޮޕް ބޭނުންކުރާ ފަރާތްތަކަށްޓަކައި އެލިއަންވެއާ އޭރިއާ-51 ޑެސްކްޓޮޕްވެސް ވަނީ އޭއެމްޑީ ރައިޒަން 9000އެކްސް3ޑީ ސީޕީޔޫއާ އެކު އަޕްގްރޭޑްކޮށްފައެވެ.

ޑެލްގެ މި އާ އުފެއްދުންތައް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބާޒާރަށް ނެރެން ފަށާނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު