ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ލ. މާބައިދޫ ބަލިކޮށް ވޮލީގެ ވަރުގަދަ ކ.ހުރާއިން ފެށުން ރަނގަޅުކޮށްފިއެވެ.
ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުން ހުރާއިން ކާމިޔާބުކޮށްފައިވަނީ ފަސް ސެޓު ކުޅެގެން 3-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރިކޮށް ފެށި މެޗުގެ ފުރަތަމަ ސެޓު މާބައިދޫން ކާމިޔާބުކުރީ 25-19 އިންނެވެ. ދެވަނަ ސެޓުގައި ފެނުނީ ފުރަތަމަ ސެޓަށްވުރެ ވާދަވެރިކަން ބޮޑުވި ތަނެވެ. މި ސެޓު ހުރާއިން ވަނީ ކުޅުން ބޮޑުތަން ރަނގަޅުކޮށް ސެޓުގެ ފަހުކޮޅު ހޯދި ޕޮއިންޓުތަކާއެކު 25-23 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ރާއްޖެ ސުޕަ ލީގުގައި ހުރާއާއި މާބައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން
ތިންވަނަ ސެޓުވެސް ކާމިޔާބުކުރީ ހުރާއިންނެވެ. މި ސެޓު އެ ޓީމުން ކާމިޔާޞުކުރީ 25-17 އިންނެވެ. އެއާއެކު ހަތަރުވަނަ ސެޓުގައި މާބައިދޫން ވަނީ ކުޅުން ރަނގަޅުކޮށް އެ ސެޓު 25-14 އިން ކާމިޔާބުކޮށްފައެވެ.
ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު ހުރާ ކާމިޔާބުކޮށްފައިވަނީ 15-12 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާގެ ބިދޭސީ ކުޅުންތެރިޔާ އެރީނާ ޝަޕެލް އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖެ ސުޕަ ލީގުުގައި މާބައިދޫއާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި، އައްޑޫ ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ.
ލީގު ބުރަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާއިރު، ބްރޮންޒް މެޑަލް މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ދަނީ ގެނެސްދެމުންނެވެ.