އޭއައިގެ ސަބަބުން 'ވޯކް ފްރޮމް ހޯމް' ނިމުމަކަށް އަތުވެދާނެ: ގޫގުލް ޑީޕްމައިންޑްގެ ކޯ-ފައުންޑާ

ޑީޕްމައިންޑްގެ އެއް ފައުންޑާ ކަމަށްވާ ޝޭން ލެގް ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއަރަމުން ދިއުމާއެކު، ގޭގައި ތިބެގެން މަސައްކަތް ކުރުން ނުވަތަ 'ވޯކް ފްރޮމް ހޯމް' ގެ ޒަމާން ނިމުމަކަށް އަތުވެދާނެ ކަމަށް ގޫގުލް ޑީޕްމައިންޑްގެ އެއް ފައުންޑާ ކަމަށްވާ ޝޭން ލެގް ބުނެފިއެވެ.

ޝޭން ލެގް މިހެން ބުނީ އޭއައިގެ ސަބަބުން މަސައްކަތުގެ މާހައުލަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، އޭއައި ފަދަ އޮޅުންބޮޅުން ބޮޑު އަދި އައު އީޖާދުތަކެއްގެ މަސައްކަތް ކުރާއިރު، މީހުން އެކަކު އަނެކަކާ ބައްދަލުވެގެން، އެއް މާހައުލެއްގައި ތިބެގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލެގް ގަބޫލުކުރާ ގޮތުގައި ޒޫމް ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވުރެ، މީހުން މޫނަށް ބަލައިގެން ކުރާ މުއާމަލާތްތަކުން މައުލޫމާތު ބަދަލުކުރުމުގެ ބާރު މާ ބޮޑެވެ. އޭނާ ބުނި ގޮތުގައި އިންސާނުންގެ ހަށިގަނޑުގެ ބަހުރުވަ (ބޮޑީ ލެންގުއޭޖް) އާއި ވަގުތުން ލިބޭ ރިއެކްޝަންތަކަކީ އީޖާދީ މަސައްކަތްތަކުގައި ނުހަނު ބޭނުންތެރި ކަންކަމެވެ.

"އޭއައިގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާއިރު، އެންމެ ނަތީޖާ ރަނގަޅު އަދި މުހިންމު މަސައްކަތްތައް ކުރެވޭނީ އޮފީސް މާހައުލުގައި އެކުގައި ތިބެގެން،" ލެގް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ކުރިމަގުގައި އޭއައި ބޭނުންކޮށްގެން ކުރާ ބޮޑެތި މަސައްކަތްތަކުގައި މީހުންގެ މެދުގައި އޮންނަ ގުޅުމާއި، އެކުގައި ތިބެގެން މައްސަލަތައް ހައްލުކުރުމުގެ މުހިންމުކަން އިތުރުވެގެންދާނެއެވެ. މީގެ މާނައަކީ ކޮވިޑް-19 އަށްފަހު އާންމުވި 'ރިމޯޓް ވޯކް' ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ސަގާފަތް މަޑުމަޑުން ނެތިގެން ދިއުމެވެ.

މި ވާހަކަތަކަކީ ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން (މިސާލަކަށް އެމެޒޯން އަދި ގޫގުލް) މިހާރުވެސް މުވައްޒަފުން އަލުން އޮފީހަށް ނެރުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ދެއްކި ވާހަކަތަކެކެވެ. ލެގްގެ މި ނަޒަރިއްޔާއަކީ އޭއައި އީޖާދުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މެދުގައި މިހާރު ބޮޑުވަމުން އަންނަ ވިސްނުމެކެވެ.

ފަޝޭން ލެގް އަކީ 2010 ވަނަ އަހަރު އުފެއްދި, މިހާރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އޭއައި ލެބޯޓްރީ ކަމަށްވާ "ޑީޕްމައިންޑް" ގެ ތިން ބާނީންގެ ތެރެއިން އެކަކެވެ. 2014 ވަނަ އަހަރު ގޫގުލް އިން މި ކުންފުނި ގަތުމަށްފަހު، އެއީ މިހާރު އޭއައިގެ ރޭހުގައި އެންމެ ކުރީގައި އުޅޭ އެއް މުއައްސަސާއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގައި "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުން އާންމުވެފައިވީ ނަމަވެސް، ފަހަކަށް އައިސް އެމެޒޯން، މެޓާ އަދި ގޫގުލް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ދަނީ މުވައްޒަފުން ހަފުތާއަކު މަދުވެގެން ވަކި ދުވަސްތަކެއްގައި އޮފީހަށް ނުކުތުމަށް މަޖުބޫރު ކުރަމުންނެވެ. އެ ކުންފުނިތަކުން ދެކޭ ގޮތުގައި އޭއައި ފަދަ އީޖާދީ އައު މަސައްކަތްތަކަށް އެންމެ އެކަށީގެންވަނީ މުވައްޒަފުން އެކުގައި އޮފީސް މާހައުލުގައި ތިބެގެން މަސައްކަތް ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު