ލ.ގަމު އަތުން ށ.ފުނަދޫއަށް އުނދަގޫ މޮޅެއް

ރާއްޖެ ސުޕަ ލީގުގައި ށ.ފުނަދޫއާއި ލ.ގަން ބައްދްލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގައި މިރޭ ވަރުގަދަ ކުރިމަތިލުމަކަށްފަހު ލ.ގަމު ބަލިކޮށް ށ. ފުނަދޫއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

މިއީ ޖުމްލަ އަށް ޓީމާއެކު ކުރިއަށްގެންދާ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗެޗެ. މިއަދު ހަވީރު ކުޅުނު މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ އައްޑޫ ސިޓީއާއި މާފުށި ބައްދަލުކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ މާފުއްޓެވެ.

ގްރޫޕު އޭގެ ދެވަނަ މެޗުގައި މިރޭ ށ. ފުނަދޫއާއި ލ.ގަން ބައްދަލުކުރި މެޗު ފުނަދޫ ކާމިޔާބުކުރީ ފަސް ސެޓު ކުޅެގެންނެވެ.

ރާއްޖެ ސުޕަ ލީގުގައި ށ.ފުނަދޫއާއި ލ.ގަން ބައްދްލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

މެޗުގެ ފުރަތަމަ ސެޓުގައި ފެނުނީ ވަރަށް ބޮޑު ވާދަވެރިކަމެކެވެ. މި ސެޓުގައި ފެނިގެންދިޔަ އެ ވާދަވެރިކަމާއެކު ސެޓު ފުނަދޫއިން ކާމިޔާބުކޮށްފައިވަނީ 25-27 އިންނެވެ. ދެވަނަ ސެޓު ގަމުން ވަނީ ކުޅުން ރަނގަޅުކޮށް 25-23 އިން މެޗު ކާމިޔާބުކޮށްފައެވެ. އެ ފޯމުގައި ތިންވަނަ ސެޓުވެސް ގަމުން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.

ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓުގައި ފުނަދޫއިން ކާމިޔާބުކުރީ 25-23 އަދި 17-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަދޫއަށް ކުޅެމުން އަންނަ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ތަރި އާމިނަތު ޝަހާއެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި، އައްޑޫ ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ.

ލީގު ބުރަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާއިރު، ބްރޮންޒް މެޑަލް މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ގްރޫޕް ބީގެ ލ.މާބައިދޫއާއި ކ.ހުރާއެވެ. ދެވަނަ މެޗުގައި ރޭގަނޑު ބައްދަލުކުރާނީ ދ.މާއެނބޫދޫ އާއި މާލޭ ސިޓީއެވެ.

މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު