މަކަރާއި ހީލަތުން 1،500 ޑޮލަރު ނެގި ކަމަށް ތުހުމަތުވާ ދެ މީހުން 15 ދުވަހަށް ބަންދަށް

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް ހިންގި ހަރަކާތެއް: މީހެއްގެ އަތުން މަކަރާއި ހީލަތުން 1،500 ޑޮލަރު ނެގި ކަމަށް ތުހުމަތުވާ ދެ މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

މަކަރާތް ހީލަތް ހަދައިގެން، މީހެއްގެ އަތުން 1،500 ޑޮލަރު ނެގި ކަމަށް ތުހުމަތުވާ ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދު މުއްދަތު ޖެހީ، މާލެއަށް ނިސްބަތްވާ 24 އަހަރުގެ މީހަކާއި ކ. ގުރައިދޫއަށް ނިސްބަތްވާ 22 އަހަރުގެ މީހެކެވެ. އެ މީހުންނަކީ، ފިރިހެންނުން ކަމަށްވާއިރު، ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، މަކަރާއި ހީލަތް ހެދި ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ، އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މިގޮތުން، މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އެއާއެކު، ވަކިވަކިން ދެ މީހުންނަށް ބަންދުގެ މުއްދަތު ޖެހި އަމުރުން އެނގޭ ގޮތުގައި، މިއީ މީހެއްގެ އަތުން 1،500 ޑޮލަރު މަކަރާއި ހީލަތުން ނެގި ކަމުގެ ތުހުމަތުވާ މައްސަލައެކެވެ. ނަމަވެސް، އިތުރު ތަފުސީލެއް ހިމަނާފައެއް ނެތެވެ.

މި ދެ މީހުންގެ ވެސް، ކުށުގެ ރެކޯޑު އޮތް ކަމަށް ބަންދު އަމުރުތަކުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ގިނަ އަދަދަކަށް ރިޕޯޓުކުރެއެވެ. އެ ފަދަ މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރުމަށް މީހުން ހޯދަން އިއުލާނުކުރާއިރު، އެފަދަ ވައްކަންތަކުގައި އެކި އުކުޅުތައް ބޭނުން ކުރެއެވެ.

comment ކޮމެންޓް