"މިބުނީ އަހަރެމެންގެ ކައިވެނީގެ ވާހަކަ... އަހަންނާ އާކިލްއާގެ..." ރަތުނާ އިނީ ސީދާ އިވްލީންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.
*********
އިވްލީންގެ ހިތުގެ ހިނގުން މަޑުޖެހުނެވެ. އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. ރަތުނާގެ މަގުސަދަކީ އިވްލީން އޭނާގެ މަގުން އެއްފަރާތް ކުރުން ހެއްޔެވެ؟
"އަހަންނަށް އެނގޭ އިވްލީންވެސް އާކިލްދެކެ ލޯބިވާކަން..." ރަތުނާ ކޮފީތަށި ނެގިއެވެ. އެތިފޮދެއް ބޯލިއެވެ. އޭރުވެސް އޭނާ އިނީ އިވްލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
"އަހަރެން..." އިވްލީން އެއްޗެއް ބުނަން އުޅުނެވެ.
"އާކިލް ފާޅުގަ މި ކައިވެންޏަށް ދެކޮޅު ހެދި..." އިވްލީން އެއްޗެއް ބުނުމުގެ ކުރިން ރަތުނާ ބުނެލިއެވެ. "އާކިލް އަހަރެންދެކެ ލޯތްބެއް ނުވޭ..."
"އޭނ؟..." އިވްލީންގެ ދެލޯ ބޮޑުވިއެވެ.
ރަތުނާ އިސްޖަހައިލީ ދެލޮލުގައިވި ރިހުން ފޮރުވުމަށެވެ. ދެމީހުންގެ ދެމެދަށް ވެރިވި ހިމޭންކަން ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. ބުނާނެ އެއްޗެއް ހުދު އިވްލީނަކަށްވެސް ނޭނގުނެވެ.
"އަހަރެމެންގެ ކައިވެނި ހަމަޖެހުނީ ފެމެލީ ތެރެއިން... އާކިލް އޭރުވެސް ބުނި އަހަރެންދެކެ ލޯތްބެއް ނުވެއޭ... އޭނަ ލޯބިވަނީ އެހެން ކުއްޖަކު ދެކެއޭ..." ރަތުނާ އިވްލީނަށް ބަލައިލީ އެކުއްޖަކީ އިވްލީނޭ ބުނާ ފަދަ ނަޒަރަކުންނެވެ. "އެ ހުރިހާ އަހަރެއް ވީ އިރުވެސް އާކިލްގެ ހިތުން އެ ކުއްޖެއްގެ ނަމެއް ފިލައިގެން ނުދިޔަ...."
އިވްލީންގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. އެ ހުރިހާ ދުވަހު އިވްލީން ހީކުރީ އާކިލް އޭނާގެ މަތިން ހަނދާން ނައްތާލައި، ދިރިއުޅުން އައު ބާބަކުން ފެށީ ކަމަށެވެ. އެކަމަކު، ކަންތައްވީ އެއާއި މުޅީން އިދިކޮޅަށެވެ. އިވްލީނެކޭ އެއްގޮތަށް އާކިލްގެ ހިތުންވެސް އޭނާގެ ނަން ފޮހެއެއް ނުލެވުނެވެ. ވީއިރު، އާކިލް އެނބުރި އެ ހަޔާތަށް ނައީ ކީއްވެ ހެއްޔެވެ؟ ލޯބިވާ ވާހަކަ ސިއްރުކުރީ ކީއްވެ ހެއްޔެވެ؟ ދުރުދުރުން އިވްލީންދެކެ ހިތްހަމަނުޖެހޭކަން ދައްކައިގެން އުޅުނީ އެ ލޯބި ވަންހަނާކުރަން ހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު، އިވްލީނަށް ހިނދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. ހަގީގަތް ނޭނގި އިވްލީން ވަނީ އާކިލްގެ ބޮލުގައި އެތައް ތުހުމަތެއް އަޅުވާފައެވެ. އެ ހުރިހާ އެއްޗެއް ކީއިރުވެސް އާކިލް ހިމޭނުން ހުރީ، ކީއްވެ ހެއްޔެވެ؟ ހަގީގަތް ހާމަނުކުރީ ކީއްވެ ހެއްޔެވެ؟
"މަންމަމެންނަށް ހަގީގަތް އެނގުނީމަ، ކަންތައްވީ އިތުރަށް ގޯސް... އެމީހުން މަސައްކަތް ކުރީ މި ކައިވެނި އަވަސް ކުރުވަން.... މި ކައިވެނި ނުކޮށްފިއްޔާ، އާކިލްގެ މަންމަމެން ތިބީ އާކިލްއާ އެއްކޮށް ގުޅުން ކަނޑާލާ ހިސާބުގަ..." ރަތުނާ އިތުރު ތަފްސީލް ދިނެވެ.
އިވްލީންގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. ހަގީގަތް އެނގުނުއިރު، ކަންތައް ވެފައި އޮތީ، އޭނާ ކުޑަކޮށްވެސް އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. އާކިލްގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. އާކިލްގެ މަޖުބޫރީ ދިރިއުޅުމުން އެ ހިތަށް ކުރާނޭ އަސަރު އިވްލީނަށް އިހުސާސްވިއެވެ. އެ ހުރިހާ ކަމަކާއިއެކުވެސް އޭނާގެ ކުރިމައްޗަށް އާކިލް އައީ ހިނިތުންވުމާއިއެކު، އުފާވެރި މޫނެއް ދައްކައިގެންނެވެ. އެކަމަކު، އާކިލްގެ އާއިލާ ފަދައިން އިވްލީނަށްވެސް އާކިލްގެ ހިތަށް ތަދުކުރުން ނޫންކަމެއް ނުކުރެވުނެވެ.
"އޭގެފަހުން އާކިލް މުޅިން އެހެން މީހަކަށް ބަދަލުވި... އެއްކޮށް ސައިލެންޓްވީ... އާގިއުކުރުން ހުއްޓާލި... ހިނިތުންވުންވެސް ގެއްލުނު..." ރަތުނާ އުނދަގޫގޮތަކަށް ހިންދިރުވައިލިއެވެ. "އަހަރެން މީ އިވްލީންގެ ދުޝްމަނެއް ނޫން... އަހަރެން... އަހަރެން ހުރިހާ ކަމެއް ކުރީ..."
ރަތުނާ އިސްޖަހައިލިއެވެ. އެ ޖުމުލައިގެ ބާކީބައި އިވްލީންގެ ކުރިމަތީގައި ހާމަކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ރަތުނާ ހުރިހާ ކަމެއް ކުރީ އާކިލްދެކެ ލޯބިވާތީއެވެ. އާކިލް ހާސިލުކުރުމުގެ މަގުސަދުގައެވެ. އަމިއްލަ އެދުން އިސްކުރެވުނީވެސް އެ ސަބަބަށްޓަކައެވެ. އެކަމަކު، އާކިލް ހާސިލުކުރެވުމަކުން ރަތުނާއަށް ލިބޭނެ އުފަލެއް ނެތެވެ. އާކިލް ހިތުން ރުހުމުން ދުވަހަކުވެސް ރަތުނާއަށް ބަލައިނުލާނެއެވެ. އަނގައިންވެސް ނުބުނާނެއެވެ. ކައިވެނި ކުރެވުނުކަމުގައި ވީނަމަވެސް މުޅި އުމުރު އޭނާ ރަތުނާއަށް ނަފުރަތު ކުރާނެއެވެ. ކައިވެންޏަކީ އުފާވެރިކަމެއްގެ ބިންގަލަކަށްވާއިރު، އެފަދަ ކައިވެންޏަކުން ރަތުނާއަށް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟
ކެފޭގެ ދޮރު ހުޅުވުނު އަޑުން މާހައުލުގެ ހިމޭންކަން ގެއްލުނެވެ. ދުވެފައި އައި އަޔާމް ހުރީ ނޭވާ ކުރުވެފައެވެ. ދެލޯ ބޮޑުވެފައިވާއިރު، އަޔާމުގެ މޫނުން ފެންނަން ހުރީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރެވެ. އިވްލީނާއި ރަތުނާއަށް ގޮނޑިން ތެދުވެވުނީ އެކު އެކީގައެވެ.
"އީވް... އާ..ކި...ލް..." ފުން ނޭވާތަކެއް ލަމުންދިޔަ އަޔާމަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ.
އިވްލީންގެ ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އާކިލްއަށް ބޮޑުކަމެއް ވީ ހެއްޔެވެ؟
"ކިހިނެއްވީ؟..." އިވްލީނަށް އަހައިލެވުނެވެ.
ތުރުތުރުލަމުންދިޔަ އަތުން އަޔާމް އޭނާގެ ފޯނު ނަގައި ދިއްކޮށްލިއެވެ. އާކިލް ފޮނުވާފައިވާ ރެކޯޑިންގް އެޅުވިއެވެ. ފުރަތަމަވެސް އިވުނީ އާކިލް ފުން ނޭވާތަކެއް ލާ އަޑެވެ.
"ކޮންމެވެސް މީހަކު އަހަންނަށް ފާރަލާތާ ދުވަސްކޮޅެއްވެއްޖެ..." މާނޭވާތަކެއްލަމުން އާކިލް ވާހަކަ ދެއްކީ ސިއްރުންނެވެ. "އަހަންނަށް... ކަމެއް ވެއްޖެއްޔާ... ޕްލީޒް ޓޭކް ކެއަރ އޮފް އީވް..."
ރެކޯޑިންގް ކެނޑުނީ އެއްޗެހިތަކެއް ފައިބައިގަތް އަޑު ކަހަލަ އަޑަކާއި އެކުގައެވެ. އިވްލީންގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. އާކިލްއަށް ދެރަގޮތެއް ވީ ހެއްޔެވެ؟ ރަތުނާ އާއި އިވްލީނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެމީހުންގެ މޫނުންވެސް ފެނުނީ، ހާސްކަމާއި ބިރުވެރިކަމެވެ.
އިވްލީންގެ ހަނދާނަށް އައީ އޭނާގެ ކެފޭއަށް މީހަކު ގެއްލުންދިން ހާދިސާތަކެވެ. އެ އިންޒާރުތަކެވެ. ކައިރީގައި އުޅޭ މީހުންނަށްވެސް ގެއްލުންދޭނެކަމަށް ބުނެ ފޮނުވި ނޯޓުތަކުގެ މަތިން ހަނދާންވެ، އިވްލީންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އަނެއްކާ އާކިލްއަށް ގެއްލުންދޭން މަސައްކަތް ކުރަނީ އެމީހަކު ހެއްޔެވެ؟ އެކަމަކު، އެމީހެއްގެ ކަންކަން އެހިސާބަށް ދާންވީ ކީއްވެ ހެއްޔެވެ؟
"އެކަމަކު، ކީއްވެތަ މީހަކު އާކިލްއަށް ގެއްލުންދޭންވީ؟..." ރަތުނާ އިވްލީންގެ އަތުން ފޯނު އަތުލައިގެން ދެވަނަ ފަހަރަށް ރެކޯޑިންގް އަޑު އެހިއެވެ.
އިވްލީން ވިސްނައިލިއެވެ. ކެފޭއަށް ގެއްލުންދިން މީހަކު ހޯދަން މަސައްކަތް ކުރި މީހަކީ އާކިލްއެވެ. އާކިލްއަށް އެމީހަކު އެނގުނީއެވެ. ނޫނީ އެމީހަކާއި ދެކޮޅަށް ކޮންމެވެސް ހެއްކެއް ލިބުނީއެވެ. އެމީހަކު ހާއްސަކޮށް އާކިލްއަށް ފާރަލުމުގެ ފަހަތުގައި އެފަދަ ސިއްރެއް ވާނެއެވެ. އެއީ އިވްލީންގެ ހިތް ބުނި ގޮތެވެ.
"އަހަރެން ފެންވަރައިގެން ނުކުތްއިރު، ލިބިފަ އޮތް މެސެޖެއް މީ... އެއްވެސް ތަނަކުން އާކިލްއެއް ނުފެނުނު... އަހަރެން ހުރިހާ ތަނެއް ހޯދައިފިން... އާކިލްގެ ފޯނަކަށްވެސް ނުގުޅޭ... ފޯނު އޮންނަނީ ނިވާލާފަ... އެއީ ދުވަހަކުވެސް އާކިލް ކުރި ކަމެއް ނޫން...." އަޔާމަށް އޭރުވެސް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ.
"އަހަރެމެން ޖެހޭނީ އެމީހަކު ހޯދަން..." އިވްލީންގެ އަތް މުށްކެވުނެވެ.
ރަތުނާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.
އިވްލީންމެންގެ ހަރަކާތްތަކަށް ބަލަން ކެފޭގެ ބޭރުގައި ހުރި މީހާ ރުކެއްގެ ނިވަލަށް ވަދެ ފިލިއެވެ. އެމީހެއްގެ ތުންފަތުގައި ވިހަ ހިނިތުންވުމެއްވީއިރު، އިވްލީންގެ މޫނުން ފެންނަމުންދިޔަ ހާސްކަން ފެނި، އޭނާއަށް ވަކީން ހާއްސަ އުފާވެރިކަމެއް ލިބިފައިވާ ފަދައެވެ.
"ރިއަލް ގޭމް އަދި ކިރިޔާ މި ސްޓާޓް ވީ..." އެމީހަކު އޭނާގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ.
ކެފޭއަށް ފަސްދީ އޭނާ ހިނގާފައި ދިޔައިރު، އަނގައިން މަޑު ރާގެއް ކުޅެމުން ދިޔައެވެ. އެއާއި އެއްވަރަށް އަތުން ހަރަކާތް ކުރަމުން ދިޔައިރު، ދޭތެރެއަކުން ލުއި ހިނިގަނޑެއް ޖަހައިލައެވެ.
އިވްލީން ހުއްޓާނުލައި އާކިލްގެ ފޯނަށް ގުޅަމުން ދިޔައެވެ. ތަނެއްގައި އިށީންނާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އިވްލީންގެ ހަރަކާތްތަކަށް ބަލަން ހުރި އަޔާމުގެ ހިތަށް ހަމްދަރުދީ ވަނެވެ.
"ވެދާނެ އާކިލްގެ ފޯނު ނިވުނީ ކަމަށްވެސް... ނޫނީ ކަމެއްގަ މާ ބިޒީވީ ކަމަށްވެސް..." އަޔާމް މަސައްކަތް ކުރީ އިވްލީން ހަމައަކަށް އަޅުވާށެވެ.
"ނޫން... އާކިލްއަށް ކޮންމެވެސް ކަމެއް ވެއްޖެ..." އިވްލީންގެ ހިތް ބުނީ އާކިލްއަށް ކަމެއް ވެއްޖެ ކަމުގައެވެ.
"ހިނގާ ޕޮލިހަށް އަންގަން..." ރަތުނާ ހިޔާލު ދިނެވެ.
"ނޫނޭ... އަދި ނޭނގެއެއްނު ވީގޮތެއްވެސް... މާބޮޑަށް މީހުންގެ ސަމާލުކަމަށް މިކަން އައިސްދާނެ... އާކިލްގެ މަންމަމެންނަށް އެނގިއްޖެއްޔާ..." އަޔާމް ބޭނުންވީ، ފުލުހަށް އެންގުން އެއީ އެންމެފަހު ކަމެއްގެ ގޮތުގައި ބާއްވާށެވެ.
ފަތިސް ވީއިރުވެސް އިވްލީންމެން އުޅުނީ އާކިލް ހޯދުމުގެ މަސައްކަތުގައެވެ. އާކިލް ދާނެހެން ހީވާ ހުރިހާ ތަނެއް ހޯދިއެވެ. އާކިލްއެއް ނުފެނުނެވެ. ފޯނަށް ގުޅޭގޮތެއްވެސް ނުވިއެވެ. އިވްލީން އެތައް ފަހަރަކު އާކިލްގެ ރެކޯޑިންގް އަޑު އެހިއެވެ. އެހާލުގައިވެސް އާކިލް ވިސްނީ އޭނާއާއި މެދުގައެވެ. އެދުނީ އޭނާ ސަލާމަތްކޮށްދިނުމަށެވެ. އަމިއްލަ ނަފުސާއިމެދު އާކިލް ކުޑަކޮށްވެސް ނުވިސްނައެވެ. އިވްލީންގެ ހިތުގައި ޝަކުވާ އުފެދުނެވެ.
"އާކް ތިހާ މޮޔައީ ކީއްވެތަ؟... އަމިއްލަ ނަފުސަށް އަޅާލާނީ ކޮން ދުވަހަކުން؟..." އިވްލީން ހިތާއިހިތުން ޝަކުވާ ކުރިއެވެ.
އާކިލް އާއި ދިމާއަށް ކިޔުނު އެއްޗެހީގެ މަތިން ހަނދާންވެ، އިވްލީންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެ ހުރިހާ އެއްޗެއް ކީއިރު، ދިފާއުވާން ނޫޅެ، އާކިލް އަޑުއަހަން ހުރީ ކީއްވެ ހެއްޔެވެ؟ މާޔޫސްވެގެން އިވްލީންގެ ކަރު އެލުނެވެ. އެނބުރި ކެފޭއަށް އައިއިރު، ރޮއެރޮއެ އިވްލީންގެ ދެލޯ ހުރީ ރަތްވެފައެވެ.
މިރާހު އައިއިރު، އިވްލީން އޮތީ، ކައުންޓަރުގެ މަތީގައި ބޯ އަޅާލައިގެންނެވެ. އެހެން ދުވަސްދުވަހު ކެފޭގެ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ އިވްލީން އެދުވަހު އެއް ކަމެއްވެސް ނުކުރެއެވެ.
"އީވް!... ބަލީތަ؟..." އިވްލީންގެ ކޮނޑުގައި އަތް ޖައްސައިލަމުން މިރާހް އަހައިލިއެވެ.
އިވްލީންގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލާފައި ރޯން ފެށިއެވެ. މިރާހު ހާސްވެގެން އިވްލީން ނެގޭތޯ މަސައްކަތް ކުރިއެވެ. އިވްލީން ތެދުވީ ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. ފުންމައިގެން ތެދުވެ، ފޯނު ނެގިގޮތް ފެނުމުން، މިރާހު ހުރީ އަޖައިބުވެފައެވެ. އަމިއްލަ ހިތުގެ އިހުސާސްތައް ވަންހަނާ ކޮށްގެން އުޅޭ އިވްލީން މިއަދު އޭނާގެ ކުރިމަތީގައި ރޯނީ، ވަރަށް ބޮޑަށް ހިތުގައި ޖެހުނީމައެވެ. އޭގެ ކުރިން އިވްލީން އޭނާގެ ކުރިމަތީގައި އެގޮތަށް ގިސްލާ ރޮއެފައެއް ނުވެއެވެ.
"ކޮން ކުއްޖެއްބާ؟..." ފޯނުގެ އަނެއްކޮޅުން އިވުނީ އިވްލީން ދަންނަ މީހެއްގެ އަޑެވެ.
"މީ.. މީ.. އިވްލީން..." އިވްލީންގެ އަޑު ތުރުތުރު އަޅައެވެ.
"އެހެންތަ؟... އެކޮއިތަ؟... މީ ނަސީމްބެއޭ..." ނަސީމް ބުނެލިއެވެ.
"ކިހިނެއްވީ؟..." އިވްލީންގެ ހިތް ތެޅިގަތީ ލިބެން އުޅެނީ އާކިލްގެ ހަބަރެއްހެން ހީވެގެންނެވެ.
ނަސީމަކީ ފަތިހު މަހަށްދާ މީހެކެވެ. އޭގެކުރިން ދުވަހަކުވެސް އިވްލީނަށް ނުގުޅާ މީހަކު އާކިލް ގެއްލުނު ދުވަހު އޭނާއަށް ގުޅާނީ ކޮންމެވެސް ހާއްސަ ބޮޑު ސަބަބެއް މެދުވެރިވެގެންނެވެ. އަނެއްކޮޅުން ގުޅުނީ ކާކަށް ކަމެއްވެސް ނަސީމަކަށް ނޭނގެއެވެ.
"ނަސީމްބެ މަހަށް ފުރަން އައިއިރު، އާކިލް މިތާ ޖެޓީމަތީ އޮއްވާ ފެނިގެން މިގުޅީ..." ނަސީމް ދިން ހަބަރަކުން އިވްލީން ފުންމައިގެން ގޮނޑިން ތެދުވިއެވެ. "ހަބަރު ހުސްވެފަ ކަންނޭނގެ މިއޮތީ... މިތާ ކަރުދާސްގަނޑެއްގަ އެކޮއެ ނަންބަރު ޖަހާފަ އޮއްވާ ފެނިގެން މިނަންބަރަށް ބޭބެ މި ގުޅީ... ނަސީމްބެ މިހާރު މިހުރީ ބަގީ ގެންގުޅޭ މުހައްމަދަށްވެސް ގުޅައިގެން އެސޮރު އަންނަންދެން މިތާ މަޑުކޮށްގެން... ބޭބެގެ ގަޔަކު ނެތް މިހާ ދުރުން މިސޮރު ނަގައިގެން މަރުކަޒާ ހަމައަށް ގެންދާނެ ހިތްވަރެއް..."
ވިސްނާލާކަށްވެސް އިވްލީން ބޭނުމެއް ނުވިއެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އޭރު އިވްލީންގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެ ހެންނެވެ. މިރާހް ހާސްވެގެން ވަރަށް ބާރަށް އިވްލީންގެ ފަހަތުން ނުކުތެވެ.
އިރު އެރުމަށް ތައްޔާރުވަމުންދިޔަ ނަމަވެސް، މާހައުލު އޮތީ ފުދޭ ވަރަކަށް އަނދިރިކޮށެވެ. އިވްލީން ޖެޓީ މައްޗަށް އެރިއިރު، އެތަނުން މީހަކު ފެންނާކަށް ނެތެވެ. އާކިލްއެއްވެސް ނެތެވެ. އޭނާ އަވަހަށް ނަސީމުގެ ނަންބަރަށް ގުޅިއެވެ. އިނގިލިތައް ތުރުތުރުލާތީ، ފޯނުގައި ހިފެހެއްޓުންވެސް އިވްލީނަށް ވީ ދަތި ކަމަކަށެވެ.
"މުހައްމަދު އައީމަ ބޭބެ މި ފުރީ މަހަށް..." ނަސީމް ދިން ޖަވާބުން އިވްލީނަށް ލިބުނީ އިތުރު މާޔޫސް ކަމެކެވެ.
މުހައްމަދުގެ ނަންބަރަށް ގުޅަމުން ކުރިއަށް ހިނގައިގަތް އިވްލީންގެ ފިޔަވަޅުތައް ހުއްޓުނީ ޖެޓީއާއި ޖެހިގެން ހަދާފައިވާ ހަޓާއި ހަމައިންނެވެ. ވަށައިގެން ޓިނު ޖަހައި ބައްދާފައިވާ އެ ހަޓަކީ، މަސްވެރިންގެ ތަކެތި ރައްކާކުރުމަށް ހަދާފައިވާ ތަނެކެވެ. ހަޓު ތެރެއިން އާކިލްގެ އަޑު އިވުނުހެން އިވްލީނަށް ހީވިއެވެ. މުހައްމަދު ފޯނު ނެގީވެސް އެވަގުތުއެވެ.
"ހަލޯ.." ނިދި އަޑަކުން މުހައްމަދު ބުނި އަޑު އިވުނެވެ. "ހުމާ ރަތްވެފައޭ މިއޮތީ... މިގަޑީ ބަގީ ދަތުރެއް ނޭޅޭނެއޭ ނޭޅޭނެއޭ...." އިވްލީން އެއްޗެއް ނުބުނަނީސް، މުހައްމަދު ބުނަން ބޭނުންވި އެއްޗެހި ބުނެފައި ފޯނު ކަނޑައިލިއެވެ.
އިވްލީންގެ ނޭވާ ވަނީ އެތެރެހަށީގައި ތާށިވެފައެވެ. ނަސީމް ބުނިގޮތުންނަމަ، އޭނާ މަހަށް ފުރީ މުހައްމަދު އައުމުންނެވެ. އެކަމަކު، މުހައްމަދު ވާހަކަ ދެއްކިގޮތުން އޭނާ ނުދާ ކަން އިވްލީނަށް އެނގުނެވެ. ވީއިރު، އެގަޑީ ޖެޓީއަށް ދިޔައީ ކާކު ހެއްޔެވެ؟
"ދޫކޮށްލާ!..." ވޭނީ އަޑަކުން އާކިލް ބުނި އަޑު އިވުނީ ހަޓުގެ ތެރެއިންނެވެ.
(ނުނިމޭ)