ޝިކާރައަކަށް ހަދަނީ ވަރަށް ރާވައިގެން، ސްކޭމަރުންގެ މަކަރުވެރި ދަންތުރައިން ސަލާމަތްވޭ!

މީހަކު ފޯނާ ކުޅެނީ: "ޑިޖިޓަލް މަޅި" ތަކުން ސަލާމަތްވުމަށްޓަކައި، އެމީހުންގެ މަކަރުވެރި އުކުޅުތައް ދެނެގަތުން މުހިންމު ---- ސަން ފޮޓޯ

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް މިހާރު މިވަނީ އާދަޔާ ޚިލާފު ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ. ކުރިން އިއްތިފާގަކުން ނުވަތަ އޮޅުމަކުން ގުޅައިގެން ފައިސާ ހޯދަން އުޅުނު ގޮތް ދޫކޮށްލައި، ސްކޭމަރުން މިހާރު އަމަލުކުރަމުން ދަނީ ކަނޑައެޅިފައިވާ ޚާއްސަ ރޭވުމެއްގެ ދަށުން، ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

އެ މީހުން ޝިކާރައަކަށް ހަދާ މީހާގެ ޒާތީ މައުލޫމާތު ހޯދައި، ވަގުތީ އިތުބާރެއް އުފައްދައި، އެންމެފަހުން އެ މީހާ ނޭނގުމެއްގެ ތެރޭގައި ހުއްޓައި މުޅި ބޭންކް އެކައުންޓް ހުސްކޮށްލަނީ ހީވެސް ނުކުރާހާ މޮޅަށެވެ. އެހެން ކަމުން މިއީ މިފަދަ "ޑިޖިޓަލް މަޅި" ތަކުން ސަލާމަތްވުމަށްޓަކައި، އެމީހުންގެ މަކަރުވެރި އުކުޅުތައް ދެނެގަތުން ކޮންމެ ފަރުދަކަށް ވެސް މަޖުބޫރު ވެފައިވާ ދަނޑިވަޅެކެވެ.

އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ނުވަތަ ސްކޭމަރުން، އާންމު މީހުންގެ އަތުން ފައިސާ ފޭރިގަތުމަށްޓަކައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާވާ ނުރައްކާތެރި ރޭވުންތަކެއްގެ މައުލޫމާތު ރޮއިޓާސްއިން ދާދިފަހުން ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން ސައިބާ ކުށްވެރިން މިހާރު އަމަލުކުރަމުންދަނީ ވަރަށް ބޮޑަށް ރާވައިގެން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް މީހާ މުޅިން ބަދެވޭނެ ފަދަ ގޮތަކަށެވެ.

މި ކުށްވެރިންގެ މަސައްކަތް ފަށަނީ އެ މީހުން ޝިކާރައަކަށް ހަދަން ބޭނުންވާ މީހާގެ ޒާތީ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް ހޯދައިގެންނެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމުގައިވާ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ތަންތަނުން އެ މީހާގެ ވަޒީފާއާއި، އާއިލީ ގުޅުންތަކާއި އެ މީހާ ޝައުގުވެރިކަން ހުންނަ ކަންކަން ދެނެގަނެ، އެ މައުލޫމާތުގެ އަލީގައި މީހާގެ އިތުބާރު ހޯދުމަށް މަގުކޮށައެވެ.

މައުލޫމާތު އެއްކުރުމަށްފަހު، ދެން ފެންނަނީ އެކި ގޮތްގޮތުން މުއާމަލާތް ކުރަން ފަށާ ތަނެވެ. ބައެއް ފަހަރު ބޭންކެއް ނުވަތަ މަޝްހޫރު ކުންފުންޏެއްގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވައިގެން ނުވަތަ އޮޅިގެން ގުޅުނު ކަމަށް ހަދައިގެން ވާހަކަދައްކަން ފަށައެވެ. މި މަރުހަލާގައި އެމީހުންގެ މައިގަނޑު ބޭނުމަކީ ޝައްކު ނުވާނެހެން ގުޅުން ބަދަހިކޮށް، އެ މީހުން ދައްކާ ވާހަކައަކީ ތެދުކަން ވިސްނައިދީ މީހާގެ ފުރިހަމަ އިތުބާރު ހޯދުމެވެ.

ސްކޭމަރުންގެ ރޭވުމުގެ އެންމެ ނުރައްކާތެރި ހިސާބަކީ، އިތުބާރު ލިބުމާއެކު "ކުއްލި ކަމެއް" ދިމާވެއްޖެ ކަމަށް ދައްކައި މީހާ ހާސްކޮށްލާ ހިސާބެވެ. ބޭންކް އެކައުންޓް ބްލޮކްވުން، ނުވަތަ ބޮޑު އިނާމެއް ލިބުން ފަދަ ކަމެއް މެދުވެރިވެއްޖެ ކަމަށް ބުނެ، ވިސްނާލާނެ ވަގުތު ނުދީ ވަގުތުން ފިޔަވަޅު އެޅުމަށް މަޖުބޫރުކުރުވައެވެ. މިއީ މީހާގެ ސިކުނޑި ހާސްކަމުގެ ތެރެއަށް ވައްޓާލައި ގޯސް ނިންމުމެއް ނިންމުވުމަށް ކުޅޭ ކުޅިގަނޑެކެވެ.

މީހާ ހާސްކަމުގެ ތެރޭގައި ހުއްޓައި، އެމީހުން ފޮނުވާ ލިންކަކަށް ފިތުވައިގެން ނުވަތަ ފޯނަށް އަންނަ އޯޓީޕީ ހޯދައިގެން އެކައުންޓުގައި ހުރި ފައިސާ ވަގުތުން ފޭރިގަނެއެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ މީހުން ފޮނުވާ ލިންކުތަކަށް ނުވަނުމަށާއި، ކުއްލިއަކަށް ފައިސާ ދައްކަން ނުވަތަ މައުލޫމާތު ދޭން އެދޭ ހާލަތްތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

https://sun.mv/215353

ރާއްޖޭގައި ވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ސްކޭމް ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފައިވެއެވެ. މިދިޔަ މަހުގެ 15ގައި ފުލުހުން ބުނި ގޮތުގައި، ސްކޭމުތަކުގައި އާންމުކޮށް ޖެހެނީ 35 އަހަރުން ދަށުގެ މީހުން ކަމަށާއި، އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން އެފަދަ ސްކޭމްތަކުގައި ޖެހޭ ކަމަށް ފާހަގަވެފައިވެއެވެ.

ރާއްޖޭގައި އާންމު ސްކޭމްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެން ހިންގާ ސްކޭމްތައް ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ. އެގޮތުން އާންމު ގޮތެއްގައި ފުލުހަށް ހުށަހަޅާ މައްސަލަތަކުގައި ފާހަގަކުރެވެނީ ވައިބާ އެކައުންޓް ހެކްކޮށްގެން، އެ މީހެއްގެ ކޮންޓެކްޓް ލިސްޓްގައި ހުންނަ މީހުންނަށް ފައިސާ ހޯދުމަށާއި، އެހީ ހޯދުމަށް، އެދި މެސެޖްކޮށްގެން ހިންގާ ސްކޭމްތައްކަން ފުލުހުން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު