މާލެއާއި ވިލިމާލޭން މާލެ ސިޓީ ކައުންސިލުން ބިންތައް ދޫކުރުމަށް ހެދި އެއްބަސްވުންތަކުގެ ތެރެއިން ސައްހަ ނޫން ކަމަށް ބެލެވޭ އެއްބަސްވުންތަކުގެ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށް، މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް 'އަދަދު'ގެ "އެތެރެފުށް" ޕްރޮގުރާމުގައި ޢާޒިމް ވިދާޅުވީ، ބިންތަކުގެ އެއްބަސްވުންތަކާ ގުޅޭ މުހިންމު މައުލޫމާތުތައް މިހާރު ހާމަކޮށްފައިވާ ކަމަށެވެ.
ބައެއް އެއްބަސްވުންތަކާއި އޭގައި ހުރި މާއްދާތައް ކައުންސިލުން ބެލިއިރު، އޭގެ ތެރޭ ސައްހަނޫން އެއްބަސްވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް، ޢާޒިމް ވިދާޅުވިއެވެ.
"އެހެންވީމަ އެއީ އުފައްދާފަ ހުރި އެއްޗެހިކަމަށް ފާހަގަކުރެވޭ އެއްޗެހިތަކެއް ހުރުމާ އެއްކޮށް މިކަހަލަ އެއްޗެހި، ޔަގީން ނުވާ އެއްޗެހިތަކެއް ޕަބްލިކު ތެރެއަށް ދޫކޮށްލުމަކީ އިތުރު މައްސަލަތައް ނިކުމެދާނެ [ކަމެއް] ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމާ އަޅުގަނޑު މިހާރު ހުންނާނެ އެގޮތަށް ފާހަގަކުރެވުނު ހުރިހާ އެއްޗެއް ފުލުހަށް ފޮނުވައިފަ،" އޭނާ ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ، އެގޮތަށް ފުލުހަށް ފޮނުވި އެއްބަސްވުންތަކުގެ ތެރޭ މާލޭގެ މަސް މާރުކޭޓު ހަދަން ވީ އެއްބަސްވުންވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެ އެއްބަސްވުމުގެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
ސައްހަނޫން އެއްބަސްވުންތަކެއް ތޯ ޔަގީންކުރުމަށް ފުލުހަށް ހަތަރު ވަރަކަށް އެއްބަސްވުން ފޮނުވާފައިވާނެ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ ނޮވެމްބަރު މަހު، މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކޮށްފައިހުރި ބިންތަކުގެ ދަފުތަރު އާންމުކޮށްފައެވެ. އެ ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާއެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ހުށަހަޅައިފައިވެއެވެ.
އަދި ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށާއި ބިމުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މިދިޔަ ޑިސެމްބަރު މަހުގެ 20އަށް ހަމަވާތީ އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ވެސް އެޖެންޑާގައި ހުށަހެޅިއެވެ.
ނަމަވެސް 18 ކައުންސިލަރުން ތިއްބަވާ މާލެ ސިޓީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންގެ ތެރެއިން ގިނަ ކައުންސިލަރުން ޖަލްސާއަށް ހާޒިރުނުވާތީ މި މަސައްކަތް ކުރިއަށް ނުގެންދެވި އެއް މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.