އިންފްލޭޝަނާ ގުޅިގެން ބަލްގޭރިއާ އިން ޔޫރޯ ތައާރަފްކޮށްފި

ބަލްގޭރިއާ އިން ޔޫރޯ ރަސްމީކޮށް ތައާރަފް ކުރުމުގެ ގޮތުން މަރުކަޒީ ބޭންކް ކުރިމަތީގައި ޔޫރޯ ފައިސާ ފޮއްޗެއް ފެންނަ މަންޒަރު ދިއްލާފައި. ފޮޓޯ/އޭއެފްޕީ

ބަލްގޭރިއާ ރަސްމީކޮށް ޔޫރޯ ތައާރަފްކޮށްފިއެވެ.

އެއާއެކު މިއީ ރަސްމީކޮށް ޔޫރޯ ތައާރަފްކުރި 21 ވަނަ ގައުމެވެ.

ރަސްމީކޮށް ޔޫރޯ ތައާރަފްކޮށްފައި ވަނީ އާ އަހަރު ފާހަގަކުރުމަށް އާންމުން އެއްވެފައި ވަނިކޮށް މަރުކަޒީ ބޭންކު ހުންނަ އިމާރާތުގެ މަތީގައި ޔޫރޯ ފައިސާ ފޮއްޗެއްގެ ތަސްވީރު ދައްކާލުމަށްފަހުއެވެ.

"ޔޫރޯ އާއިލާއަށް ބަލްގޭރިއާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ރައީސް ކްރިސްޓީން ލަގާޑް ވިދާޅުވިއެވެ.

ޔޫރޯ ތައާރަފްކުރުމާއެކު 19 ވަނަ ގަރުނުން ފެށިގެން ބަލްގޭރިއާގައި ބޭނުންކުރަމުން އައި އެ ގައުމުގެ ފައިސާ، ބަލްގޭރިއަން ލެވް ވަނީ ދޫކޮށްލާފައެވެ.

ބަލްގޭރިއާގެ ބައެއް އާންމުން މި ބަދަލަށް މަރުހަބާ ކިޔާފައިވަނީ އުންމީދާ އެކުގައެވެ.

ބަލްގޭރިއާ ޔޫރޯ ޒޯނަށް ވަނުން ޕްރޮމޯޓް ކުރާ އިޝްތިހާރެއް. ފޮޓޯ/އޭއެފްޕީ

ބަލްގޭރިއާގައި މިހާތަނަށް ވެރިކަންކުރި ހުރިހާ ސަރުކާރަކުންވެސް ވަނީ ޔޫރޯ ބޭނުންކުރަން ތާއީދުކޮށްފައެވެ. އެކަމުގެ ސަބަބުން އެ ގައުމުގެ ނާޒުކު އިގްތިސާދު ހަރުދަނާވެގެންދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ގާތްގަނޑަކަށް 6.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަލްގޭރިއާ އަދިވެސް އޮތީ އީޔޫގެ އެންމެ ފަގީރު މެމްބަރު ގައުމުގެ ގޮތުގައެވެ.

ނަމަވެސް ބަލްގޭރިއާގެ ޔޫރޯ ތައާރަފް ކުރުމުން، އަގު އުފުލިގެންދާއިރު، މަސައްކަތްތެރިންގެ މުސާރަ ނުލިބި، މިހާރުވެސް ސިޔާސީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ އެ ގައުމުގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ދަށްވެދާނެކަމުގެ ކަންބޮޑުވުން ބައެއް އާންމުން ވަނީ ފާޅުކޮށްފައެވެ.

ޑިސެމްބަރު މަހު ކޮންޒަވޭޓިވުން އިސްވެ އޮވެ ސަރުކާރެއް ވައްޓާލުމާ ގުޅިގެން ބަލްގޭރިއާ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު