މިދިޔަ ޖުލައި މަހު ފަހުކޮޅު، ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ ކައިވެންޏަކަށް ލިބުނު އަށް މަހުގެ ކުއްޖަކު މަރުވި މައްސަލައެއްގައި، އާއިލާއިން ކުރި ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފަހުގައި، އައިޖީއެމްއެޗުން މައާފަށް އެދިއްޖެއެވެ.
މިދިޔަ ޖުލައި މަހު 28ގައި، ނިޔާވީ، ޔޫނުސް ޙުސައިން އަބްދުﷲއެވެ. އެ ކަމުގައި ޔޫނުސްގެ އާއިލާއިން ގިނަ ތުހުމަތުތަކެއް އޭރު އަމާޒުކުރީ، އައިޖީއެމްއެޗަށެވެ.
އޭރު 'ސަން'އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުން ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އޭގެފަހުން، އައިޖީއެމްއެޗުން ވަނީ ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު، އިއްޔެ އެ މައުލޫމާތު ސިޓީއަކުން އާއިލާއާ ހިއްސާކޮށްފައެވެ. އައިޖީއެމްއެޗުން އާއިލާއަށް ފޮނުވި ތިން ޞަފުހާގެ ދިގު ސިޓީ 'ސަން'އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި ބުނެފައި ވަނީ، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ޔޫނުސް މަރުވެފައިވާތީ، އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
އާއިލާއިން އެ ހޮސްޕިޓަލަށް ކޮށްފައިވާ ތުހުމަތުތަކަށް ވެސް ވަނީ ޖަވާބު ދީފައެވެ. އެ އާއިލާއިން ކުރި އެއް ތުހުމަތަކީ، ޔޫނުސްގެ ބަލީގެ ހާލަތާ ބެހޭ މައުލޫމާތު އެކަށީގެންވާ އަވަސްމިނުގައި ހިއްސާނުކުރުމާއި ލެބޯޓްރީ ޓެސްޓުތަކެއްގެ ނަތީޖާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އައިޖީއެމްއެޗްގައި ނަރުހުން: އިހުމާލުން ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލައެއްގައި އައިޖީއެމްއެޗުން ވަނީ މައާފަށް އެދިފައި -- ފޮޓޯ/ އައިޖީއެމްއެޗް
އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒައިބާ އަޙުމަދު ސޮއިކުރައްވައި ފޮނުވި ސިޓީގައި ވަނީ، ބަލި މީހެއްގެ ބަލީގެ ހާލަތާ މެދު ހަދާ ޓެސްޓުތަކުގެ ނަތީޖާއާއި ފަރުވާ ކުރިއަށްދާ ގޮތަކީ، އެކަށީގެންވާ އަވަސްމިނުގައި ބަލި މީހާ ނުވަތަ އާއިލާއާ ހިއްސާކުރެވެން ވާނެ މައުލޫމާތު ކަމަށެވެ.
އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނާއި އާއިލާއާ މުއާމަލާތުކޮށް، ފުރިހަމަ މައުލޫމާތު ދިނުމަކީ، މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އާއިލާއިން ކުރި އެންމެ ބޮޑު ތުހުމަތަކީ، ޔޫނުސް ބަލީގެ ސީރިއަސްކަން ދެނެގަތުމުގައި އައިޖީއެމްއެޗުން ލަސްވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، ބަލީގެ ސީރިއަސްކަން އަވަހަށް ދެނެގަތުމަށް ޑޮކްޓަރުންނަށް އުނދަގޫވީ، އާންމު ވައިރަލް ހުމެއްގައި ހުންނާނެ ފަދަ އަލާމާތްތައް ޔޫނުސްގެ ހުރުމުން ކަމަށެވެ.
"އާންމުކޮށް، ދިމާވާ ވައިރަލް ބައެއް ހުންތަކުގައި ލިވާ އެންޒައިމްސް އެލަވޭޓުވުމަށް ފަހު ނޯމަލްވޭ. ނަމަވެސް، ޕޭޝަންޓުގެ ފެންނަ އިތުރު އަލާމާތްތަކަށް ނުވަތަ ސިމްޕްޓަމްތަކަށް ބަލައި، އިތުރަށް ޓެސްޓު ހަދައި، ފަރުވާ އަވަސް ކުރުން މުހިންމު ކަމަށް ގަބޫލުކުރަން" އެ ސިޓީގައިވެއެވެ.
އޭގެއިތުރަށް، ސަރުކާރު ބަންދު ދުވަސްތަކެއް އައުމުން ''އަލްޓްރާ ސައުންޑް ސްކޭން" ހެދުން ލަސްވި ތުހުމަތާ ގުޅުވައި އައިޖީއެމްއެޗުން ބުނީ، ސަރުކާރު ބަންދު ދުވަސްތަކެއް އައި ނަމަވެސް، އެޑުމިޓުކޮށްފައިވާ ބަލި މީހެއްގެ ސްކޭނު ލަސްވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.
ނަރުހަކު ކުޑަކުއްޖަކު ބަލަނީ --- ފޮޓޯ/ ފަޔާޒު މޫސާ
އާއިލާއިން ބުނި ގޮތުގައި، ޖޫން މަހު 24އާއި 25ގައި އެ ސްކޭން ހަދަން އެދުނެވެ. އެކަމަކު، ޔޫނުސް މަރުވިއިރު ވެސް އެ ސްކޭން ހަދާފައެއް ނުވެއެވެ.
އެއާއެކު، ޖޫން 25 އިން ފެށިގެން ޔޫނުސްގެ ހާލަތު ދަށްވާތީ، ބޭރަށް ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރިއެވެ. މޯލްޑިވިއަންއިން އެންމެ ކުރިންދާ ފްލައިޓަކަށް އާސަންދަ ހަމަޖައްސައިދީ އޮކްސިޖަން ޓޭންކު އެރުވޭގޮތް ހަދައިދިނުމަށް އޭރު އާއިލާއިން އެދުނެވެ. އެކަމަކު، އެ ކަން ހަމަޖެހުނީ ޔޫނުސް މަރުވިތާ 10 މިނެޓު ފަހުން ކަމަށް އާއިލާއިން ބުނެއެވެ.
އެ ކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، ރާއްޖޭން ބޭރަށް ބަލި މީހަކު ރިފާ ކުރުމަށް ފަހުގައި، ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ، ސަރުކާރުގެ އެހެނިހެން އިދާރާތައް ހިމެނޭހެން އާސަންދަ ނުވަތަ އެންސްޕާއިން އެއާލައިންތަކާ ގުޅިގެން ކުރާ ކަމެއް ކަމަށެވެ.
އެކަމަކު، ޔޫނުސްގެ ހާދިސާގައި އާއިލާއަށް އިތުރަށް މަގުދައްކައިދިނުމާއި އެހީތެރިކަން ބޭނުންވާ ކަން މި މައްސަލައިގައި ބޭއްވި ބައްދަލުވުމުގައި ދެނެގަނެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެ ފަދަ ކަންކަމުގައި އާއިލާތައް އުފުލާ ތަކުލީފުތައް ކުޑަކުރުމަށް، މިހާރަށް ވުރެ ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުން ބޭނުންތެރި ކަމަށް ބުނެ، އައިޖީއެމްއެޗުން ވަނީ އެ ކަމާ މެދު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.
އެ ސިޓީގައި ބުނީ، އަމާޒަކީ، ފުރިހަމަ، ރައްކާތެރި ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
"ޔޫނުސް ހުސައިން އަބްދުﷲ މި ހޮސްޕިޓަލުގައި ނިޔާވުމާ ގުޅިގެން މި ހޮސްޕިޓަލުގެ ފަރާތުން އަދިވެސް އެއްފަހަރު ނިހާޔަތަށް މައާފަށް އެދެން،" ނިންމާލަމުން ސިޓީގައި ބުނެފައިވެއެވެ.
މީގެކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައި، އިހުމާލުގެ އިނގިލި އައިޖީއެމްއެޗަށް ދިއްކޮށްފައި ވެއެވެ.