ފިލްމް ޑައިރެކްޓަރު ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭގައި ފަރުވާ ދެނީ

ފިލްމް ޑައިރެކްޓަރު ނިމާލް: ސްޓްރޯކެއް ޖެހި، އޭޑީކޭގައި ދަނީ އޭނާއަށް ފަރުވާ ދެމުން --

ކުޅަދާނަ އަދި ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ނިމާލް މިވަގުތު އޮތީ އައިސީޔޫގައެވެ.

އުމުރުން މިހާރު 62 އަހަރުގެ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ފަތިސް ހަނދުވަރު، ޚަލާސް ފަދަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ.

ހަމައެއާއެކު ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާ ވަރަށް ގިނައިން ފެނިފައިވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެއް ވެސް މެއެވެ.

އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.

އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ލޯބިވެވިއްޖެ ފިލްމުގައެވެ.

ނިމާލްގެ ހުރި ހަމައެކަނި ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު