މިރޭ ހުޅުމާލެ، ސެންޓްރަލް ޕާކު ސަރަހައްދުގައި އޮތް ހަވާ އެރުވުމާއި، ޑްރޯން ޝޯ އަދި 'ފުޑް އެންޑް ކަލްޗާ ފެސްޓިވަލް' އާއެކު 2026އަށް މަރުހަބާ ކިޔައިފިއެވެ.
ސެންޓްރަލް ޕާކު ސަރަހައްދަށް އެއްވި އެކި އުމުރުފުރައިގެ ކުޑަކުދިންނާއި މީހުންނައިގެން މުޅި އެ ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ.

އައު އަހަރަށް މަރުހަބާ ކިޔުމަށް މިރޭ އެރުވި ހަވާ ބަލައިލުމަށް އެތައް ބަޔަކު ވަނީ ގޮސްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
ގަޑިން 00:00 ޖެހުމާއެކު، އެރުވި ހަވާ ބެލުމަށް އެތައް ބަޔަކު ތިބީ އެމީހުންގެ ފޯނުތަކުން އެ މަންޒަރުތައް ރެކޯޑުކުރަމުންނެވެ. ހަވާ އަރުވާފައި ވަނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓަށެވެ.
ހަވާގެ އިތުރުން މިރޭ އެރުވި 'ޕައިރޯ ޑްރޯން' ޝޯ އަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. މި ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައި ވަނީ ކުޑަ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ ގޮތުގައެވެ. މުޅި ޑްރޯން ޝޯ އެންމެނަށް ވެސް އެންމެ ކަމުދިޔައީ އެހެންވެއެވެ.

ހުޅުމާލޭގައި މިރޭ އޮތް ޑްރޯން ޝޯ ބަލާލުމަށް އެތައް ބަޔަކު އެއްވެފައި: ދިވެހީންނާ ގުޅުން ހުރި އެތައް މަންޒަރެއް މި ޝޯއިން ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
މުޅި އެ ސަރަހައްދު ގުގުމާލާފައި ވަނީ ކުޑަކުދިންގެ އުފާވެރި ހަޅޭކާއި، ހުނުމާއި މަޖަލުގެ އަޑުންނެވެ.
މިދިޔަ އަހަރުގެ 'ފުޑް އެންޑް ކަލްޗާ ފެސްޓިވަލް' ބޭއްވީ އެންމެ ދުވަހަކަށް ނަމަވެސް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި، މި އަހަރުގެ ފެސްޓިވަލް ތިން ދުވަހު ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު މި ފެސްޓިވަލް ވަނީ ފަށައިފައެވެ.

އައު އަހަރުގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް -- ސަން ފޮޓޯ/ މޫސާ ނަދީމް
ފުޑް ފެސްޓިވަލްތަކަކީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ ހަރަކާތަކަށްވާއިރު މިފަހަރުގެ ފެސްޓިވަލަށް ވެސް ގިނަ ބަޔަކު ދަނީ ޒިޔާރާތްކުރަމުންނެވެ.
ހަމައެއާއެކު ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތަކާއި ކުޅަދާނަ ލަވަކިޔުންތެރީންގެ ހިތްގައިމު ހުށަހެޅުންތައް ވެސް ވަނީ މިރޭ ގެނެސްދީފައެވެ.
އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ކުލަގަދަ ހަރަކާތްތައް ބާއްވައެވެ.